ބީއެމްއެލްއިން "ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިން"އަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދުގެ 5 އިންސައްތަ ކުޑަކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކުރާ ހޯމް ކޮންސްޓްރަކްޝަން ފައިނޭންސިންގެ ދަށުން، ތިން މިލިއަން ރުފިޔާއާ ހަމައަށް ހިންގާ މަޝްރޫއުތަކަށް ބޭނުންވާ އިކުއިޓީ ނުވަތަ އަމިއްލައަށް ކުރަންޖެހޭ ޚަރަދުގެ ނިސްބަތް ފަސް އިންސައްތައަށް ކުޑަކޮށްފިއެވެ. މިއީ ކުރިން އަމިއްލައަށް ޚަރަދުކުރަންޖެހޭ ގޮތަށް އޮތް 20 އިންސައްތައާ އަޅާ ބަލާއިރު ކަސްޓަމަރުންނަށް ލިބޭ ވަރަށް ބޮޑު ލުޔެކެވެ. މި ބަދަލުގެ ގެނައުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު އިމާރާތްކުރުމަށް ބޭނުންވާ ފައިނޭންސިން ފަސޭހަކަމާއެކު ލިބޭނެ މަގު ފަހިކޮށްދިނުން ކަމަށް ބީއެމްއެލްއިން ބުންޏެވެ. މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ގައުމީ ބޭންކުގެ ހައިސިއްޔަތުން، ދިވެހި އާއިލާތަކަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލު ހޯދައިދިނުމުގައި އިސް ދައުރެއް އަދާކުރުމަކީ ބީއެމްއެލްއިން ނުހަނު އިސްކަންދޭ ކަމެއް ކަމަށެވެ. އަދި އިކުއިޓީ ފަސް އިންސައްތައަށް ކުޑަކުރުމާއެކު، ގެދޮރު އިމާރާތްކުރުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ހުރަސް ނައްތާލެވި، ގިނަ ދިވެހިންނަށް އަމިއްލަ ގެދޮރު އިމާރަތްކުރުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. މިސާލަކަށް ދެ މިލިއަން ރުފިޔާގެ މަޝްރޫއަކަށް ކުރިން އިކުއިޓީގެ ގޮތުގައި 400,000 ރުފިޔާ ބޭނުންވި ނަމަވެސް، މިހާރު އެންމެ 100,000 ރުފިޔާއާއެކު ފައިނޭންސް ލިބޭނެ. މިއީ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ބީއެމްއެލްއިން ބުނި ގޮތުގައި ތިން މިލިއަން ރުފިޔާއަށްވުރެ ބޮޑު ހައުސިން މަޝްރޫއުތަކަށް ލޯނު ނުވަތަ ފައިނޭންސިން ދޫކުރާނީ ކުރިއެކޭ އެއްގޮތަށް މަދުވެގެން 20 އިންސައްތަ އިކުއިޓީއާއެކުގައި ކަމަށެވެ. ހަމައެއާއެކު ނުވަ އިންސައްތައިގެ ރޭޓާއެކު ބީއެމްއެލްއަކީ މިހާރުވެސް ގެދޮރުު ގަތުމަށް ރާއްޖޭގައި އެންމެ ކުޑަ ރޭޓެއްގައި ފައިނޭންސިން ފޯރުކޮށްދޭ ބޭންކު ކަމަށް ބީއެމްއެލްއިން ބުންޏެވެ. މީގެ އިތުރުން، މިދިޔަ އަހަރު ތެރޭގައި ގެދޮރު ގަންނަ ފަރާތްތަކަށް ބޭނުންވާ އިކުއިޓީވެސް ބޭންކުން ވަނީ ފަސް އިންސައްތައަށް ކުޑަކޮށްފައިކަން ބިއެމްއެލްއިން ފާހަގަކުރިއެވެ. ބީއެމްއެލްއިން އަބަދު ވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތުތައް ވީހާ ވެސް ގިނަ ކަސްޓަމަރުންނަށް ލިބޭނެ ގޮތް ފަހިކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ