ޕީޕީއެމްގެ ރައީސް މައުމޫން އަތްޕުޅުގައި ޕާޓީގެ ކޮމާންޑް އޮތް ނަމަވެސް އިންތިޚާބެއްގެ ކުރިން އެމަނިކުފާނަށް ކުރެއްވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕީޕީއެމްގެ ކައުންސިލަށް މައުމޫންގެ ފަޅިން އައްޔަންކޮށްފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ ޕީޕީއެމްގެ ކޮންޓްރޯލް އޮތީ ޕާޓީގެ މުސްތަޝާރު ރައީސް ޔާމީން އަތްޕުޅުގައި ކަމުގައި ވީނަމަވެސް ޕާޓީގެ ކޮމާންޑް އަދިވެސް އޮތީ ޕާޓީގެ ރައީސް މައުމޫން އަތްޕުޅުގައި ކަަމަށެވެ.
މިވަގުތު ޕާޓީގެ ކޮންޓްރޯލް ރައީސް ޔާމީނަށް އޮތް ނަަމަވެސް އެއީ ވަގުތީ ކަމެއް ކަަމަށާއި ޕީޕީއެމަކީ މައުމޫން އުފެއްދެވި ޕާޓީއަކަށް ވުމުން އެމަނިކުފާނަށް ޕާޓީ ލިބިވަޑައިގަންނަވާނެ ކަަމަށް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ޕާޓީގެ ކޮމާންޑް އޮތް ނަމަވެސް މިވަގުތު ރައީސް މައުމޫނާއި އެމަނިކުފާނަށް ތާއީދުކުރައްވާ ބޭފުޅުންނަށް ކުރެއްވޭނެ އެއްވެސް ކަމެއް ނެތް ކަމަށެވެ.
"ނުކުރެވޭނެ އެއްވެސް ކަމެއް އިންތިޚާބެއް ނެތިއްޔާ. އިންތިޚާބެއްގެ ތެރެއިން އެކަނި ކޮމާންޑް އޮވެގެން ކަމެއް ކުރެވޭނީ. ކޮމާންޑް އޮތޭ މިދަންނަވަނީ ޕީޕީއެމްގެ އެންމެ ގިނަ މެމްބަރުން ތާއީދުކުރާ ބޭފުޅަކީ ރައީސް މައުމޫން. އެމަނިކުފާނުގެ ސަޕޯޓު ބޭސްގައި އުފެއްދި ޕާޓީއެއް ޕީޕީއެމަކީ. އެއްގޮތަކަށްވެސް ރައީސް ޔާމީންގެ ސަޕޯޓް ބޭސްގައި އުފެއްދި ޕާޓީއެއް ނޫން. އިންތިޚާބަކަށް އައިމަ ވޯޓުލާއިރު އެނގޭނެ ޕީޕީއެމްގެ ކޮމާންޑް އޮތީ ކޮން ބޭފުޅެއްގެ އަތްޕުޅުގައިކަން. އެކަމަކު ކޮންޓްރޯލް އޮތީ ރައީސް ޔާމީން އަތްޕުޅުގައި މިވަގުތު. އެއީ ވަގުތީ ކަމެއް" އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ މައުމޫން އަތްޕުޅުގައި ކޮމާންޑް އޮތްކަން ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ހަމައިން ފެންނާނެ ކަމަށެވެ.
ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ނިންމަވާފައިވާ އުމަރު ވިދާޅުވީ ރައީސް މައުމޫނަކީ ޕާޓީގެ ރައީސް ކަަމަށް ބަލައިގެން މުޅި ޕާޓީގެ ހިންގުން އިންތިޒާމު ކޮށްފިނަމަ އެޕާޓީގެ ޕްރައިމަރީގައި އަދިވެސް ވާދަކުރައްވާނެ ކަަމަށެވެ.
އަދި ވިދާޅުވީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތައް އިންތިޒާމު ކުރަނީ ޕާޓީން ނޫން ކަަމަށާއި އެކަން ކުރުވަނީ މިނިވަން ބަޔަކު ލައްވާ ކަމަށެވެ.
ޕާޓީ ތެރެއިން އިންތިޒާމު ކުރާނަމަ ޕާޓީ ހިންގުމާ ހަވާލުވެތިބޭ ބަޔަކު ވަރަށް ފަސޭހައިން އިންތިޚާބު އޮޅުވާލާނެ ކަމަށާއި ރާއްޖޭގައި އެމްޑީޕީއަށް ވެސް އަދި ޕީޕީއެމަށް ވެސް ދިމާވެގެން އުޅޭ މައްސަލައަކީ އެއީ ކަމަށް އުމަރު ވިދާޅުވިއެވެ.
"އެޕާޓީއެއްގެ ތެރެއިން އިންތިޚާބުތައް އިންތިޒާމުކުރަން ދޫކޮށްލީމަ ވޯޓު އޮޅުވާލާއި މަކަރު ހަަދައި، އެމީހުން ބޭނުން މީހަކު ނަގައި ބޭނުން ނޫން މީހަކު ޑިސްކޮލިފައިކޮށް ޕާޓީން ކަނޑާ ހެދުމުގެ ޖާގަލިބޭނެ. އެއީ ވަރަށް ދެރަކަމެއް. އަޅުގަނޑު ބޭނުންވަނީ ޕީޕީއެމްގެ ޕްރައިމަރީގައި އަޅުގަނޑު ވާދަކުރާ ކަމަށް ވާނަމަ ޕީޕީއެމްގެ އިންތިޚާބާ ބެހޭ ކަންކަން އެހެން ބަޔަކާ ހަވާލުވެގެންދާން. އެހެން ވެއްޖެއްޔާ އަދިވެސް އަޅުގަނޑު ވާދަކުރާނީ ޕީޕީއެމް ޕްރައިމަރީގައި" ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ރައީސް މައުމޫން ގޯސްކޮށް ކަމެއް ހިނގިޔަނުދެއްވާނެ ކަމަށާއި އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ބާއްވާ ޕްރައިމަރީއެއްގައި ކާމިޔާބު ހޯއްދަވާނެ ކަމަށެވެ.
ރައީސް މައުމޫން ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވިކަން އިއުލާންކުރެއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު އުމަރާއި މައުމޫނާ ދެބޭފުޅުން އެކުގައި ނުފެންނަކަން ފާހަގަކުރެވެއެވެ. ނަމަވެސް އުމަރު ވިދާޅުވީ ދެބޭފުޅުންގެ މެދުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އިހު އޮތް ގުޅުން މިހާރުވެސް އެބައޮތް ކަމަށެވެ. އަދި ވަރަށް ގިނައިން ދެބޭފުޅުން ފޯނުން ވާހަކަދައްކަވާ ކަމަށާއި ކައުންސިލް ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގަންނަވާ ކަަމަށެވެ.
ޕީޕީއެމްގެ ރައީސް މައުމޫނަށް ތާއީދުކުރައްވާ ބޭފުޅުން އެމަނިކުފާނުގެ ގައުމީ، ދީނީ ސިޔާސަތުގެ މަތީގައި ދެމިތިއްބަވާނެ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
ކޮމާންޑް އޮތަސް މިވަގުތު ކަމެއް ނުކުރެވޭނެ: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ