ޗައިނާ ފައިސާ މިއަހަރު ގަދަވެދާނެބާ؟

ޗައިނާއިން ވަނީ ވޭތުވެ ދިޔަ ސާޅީހަކަށް އަހަރުގެ ތެރޭގައި އެންމެން ހައިރާންކޮށްލާ ވަރުގެ އިޤްތިޞާދީ ކުރިއެރުމެއް ހޯދާފަ އެވެ. ކުރިން ދަނޑުވެރިކަމަށް ބަރޯސާވެގެން އޮތް އިޤްތިޞާދު މިވަނީ އިންޑަސްޓްރިއަލް ސިނާއަތަކަށް ބަދަލުކޮށްލާފަ އެވެ. ބަވަނަވަމުން އައި ދުނިޔޭގެ އިޤްތިޞާދުގެ ތެރެއަށް ޗައިނާ ވަނީ އެމީހުންގެ އިގްތިސާދު ދުނިޔެއަށް ހުޅުވާލުމުންނެވެ. އެހާ ހިސާބުން ދުނިޔޭގެ އިޤްތިޞާދުގެ ބޭނުން އެންމެ ފުރިހަމައަށް ހިފި އެއް ޤައުމަކަށް ޗައިނާ ވާނެ އެވެ.
ޗައިނާގެ ރައްޔިތުންގެ އާމްދަނީ އިތުރުކުރުމާއި އުފެއްދުންތެރިކަން އިތުރުކޮށްގެން ޤައުމުގެ ފަޤީރުކަން ވަނީ ނައްތާލާފަ އެވެ. އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ވަނީ މަތިކޮށްފަ އެވެ.
އިޤްތިޞާދީ ރޭވުންތެރިކަމާއި ތަދުބީރާއެކު ޗައިނާ ވަނީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދާ ހަމަ އަށް ދަތުރުކޮށްފަ އެވެ. ބައެއް އިޤްތިޞާދީ މާހިރުން ސިފަކުރާ ގޮތުގައި ޗައިނާ އަކީ މިހާރުވެސް ދުނިޔޭގައި އޮތް އެންމެ ބޮޑު އިޤްތިޞާދެވެ.
ޗައިނާގެ މިހާރުގެ ރައީސް ސީ ޖިންޕިން ދެކެވަޑައިގަންނަވާ ގޮތުގައި ޗައިނާގެ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށް ދެވަނައިގައި އޮވެގެން ފުއްދާލެވޭކަށް ނެތެވެ. އެންމެ ބޮޑު އިޤްތިޞާދަށްވުމަށްޓަކައި ޗައިނާގެ ފައިސާ އަކީ ދުނިޔޭގައި އެންމެ ބޮޑަށް މުއާމަލާތު ކުރެވޭ ފައިސާއަށް ވާން އެބަޖެހެ އެވެ.
މިހިނގާ 2018 ވަނަ އަހަރު ޗައިނާގެ ފައިސާ ދުނިޔޭގެ މާކެޓްގައި ކުރިއެރުންތަކެއް ހޯދާނެ ކަމަށް ބެލޭވޭ ސަބަބުތަކެއް ވެސް އެބަހުއްޓެވެ.
ޗައިނާއަކީ ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އެތެރެކުރާ ޤައުމެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރީގެ 40 އިންސައްތަ އޮތީ ޗައިނާގަ އެވެ. އެހެންކަމުން ޗައިނާއާ އެކު ހަދާ ތެލުގެ އެއްބަސްވުންތަކުގެ މުއާމަލާތްތައް ކުރަން ޖެހޭނީ ޔޫއާންއިން (ޗައިނާގެ ފައިސާ) ކަމަށް ހަދައިފިނަމަ ޔޫއެސް ޑޮލަރަށް ދުނިޔޭގެ ވިޔަފާރީގައި ބަރޯސާވަމުން އަންނަ އައުން ކުޑަވެގެންގޮސް ޑޮލަރުގެ ރަސްކަން ޔޫއާނާއި ހިއްސާ ކުރަން ޖެހުމަކީ ވެދާނެ ކަމެކެވެ.
މިހެން ދިމާވެއްޖެނަމަ ނުވަތަ މިމަގަށް ކަންކަން ތަރުތީބުވެގެން ގޮއްސިނަމަ އަޅުގަނޑުމެންގެ އިގްތިސާދު ސަމާލުވެ، ކުރަންޖެހޭ ކަންތައްތަކެއް ހުރެދާނެ އެވެ. މިވަގުތު އަޅުގަނޑުމެންގެ އިޤްތިސާދަށް އެންމެ ބޮޑު ހިއްސާއެއް ކުރާ ދެ ދާއިރާއަކީ ފަތުރުވެރިކަމާއި އިމާރާތްކުރުމެވެ. މިދެ ދާއިރާގައި ޗައިނާގެ ހިއްސާ ވަރަށް ބޮޑެވެ. އެންމެ ބޮޑެތި އިމާރާތްކުރުމުގެ ޕްރޮޖެކްޓްތައް ހިންގަނީ ޗައިނާގެ ކުންފުނިތަކުންނެވެ. އަދި ޓޫރިސްޓުން އެންމެ ގިނައިން އަންނަނީވެސް ޗައިނާއިންނެވެ. އެހެންކަމުން ޗައިނާގެ ފައިސާ ގިނަ އަދަދަކަށް މިހާރުވެސް ރާއްޖެއަށް އެތެރެވާނެ ކަމަށް ޤަބޫލުކުރެވެ އެވެ.
ޗައިނާ އެކު ވިޔަފާރި ކުރާ ގިނަ ޤައުމުތަކުން އެގައުމުގެ ފައިސާ ހުރީ ޑޮލަރާއި ޕެގުކޮށްފަ އެވެ. ބޭނުމަކީ އެގައުމުތަކުގެ އެކްސްޕޯޓް ވިޔަފާރި ޗައިނާގައި ވާދަވެރިވުމެވެ. އަދި ޗައިނާގެ ޔުއާންވެސް ހުރީ ޑޮލަރާއި ޕެގްކުރެވިފަ އެވެ.
ޗައިނާއަކީ ދުނިޔޭގައި މިހާރު އެންމެ ގިނަ އަދަދަކަށް ރަން ގަންނަ ޤައުމެވެ. ޗައިނާއިން ރަން ގަތުމުގެ ވިސްނުމަކީ ކޮންމެވެސް ދުވަހަކުން ޑޮލަރުގެ ބަދަލުގައި ޔުއާން ރަނަށް ޕެގްކުރުން ކަމުގައިވެސް ވެދާނެ އެވެ.
ޗައިނާ އާއި ޖަޕާން ފަދަ ގައުމުތަކުން އެމެރިކާއާއި ކުރާ ވިޔަފާރީގައި ޑޮލަރުގެ މުއާމަލާތްތަކުން ލިބޭ ފައިދާ އިންވެސްޓްކުރަނީ އެމެރިކާގަ އެވެ. ބޭނުމަކީ ޑޮލަރުގެ އަގު މަތިކޮށް މި ގައުމުތަކުން އެމެރިކާއަށް އެކްސްޕޯޓް ކުރާ މުދާ އެމެރިކާގައި އަގު ހެޔޮކުރުމެވެ. އަދި އެމެރިކާއަށް ތޮޔޮ ވިއްކައިގެން އަރަބި ގައުމަތަކަށް ލިބޭ އާމްދަނީގެ ނަފާ އިތުރު ކުރުމަށްވެސް އެފައިސާ އެމެރިކާގައި އިންވެސްޓްކުރެ އެވެ. އެހެންވީމާ، ބޮޑެތި އިޤްތިޞާދުތަކުން ލިބޭ ފައިދާ ދައުރު ކުރަނީ އެމެރިކާގެ އިޤްތިޞާދުގެ ތެރޭގަ އެވެ.
ޗައިނާގެ ޔުއާން، އެމެރިކާ ޑޮލަރުގެ ރަސްކަމަށް ނިމުމެއް ގެނެސްފިނަމަ މިހާރު މިއޮތް ހަމައަށް ބަދަލު އަންނާނެ އެވެ. އަޅުގަނޑުމެން ޑޮލަރަށް ރުފިޔާ ޕެގް ކޮށްގެން ހަމަ ތިބޭނީތޯ އެވެ. ނޫނީ މިހާރުން ފެށިގެން ޤައުމަށް ވަންނަ ހުރިހާ ބޭރުގެ ފައިސާއަކަށް ބަރޯސާވާނީތޯ އެވެ. ހާއްޞަކޮށް ޔޫއާންއާ ދޭތެރޭ ވިސްނާލުން މުހިންމެވެ.
................
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ