ފިހާރައެއް ފަޅާލުމުން މަކުނުދޫ ރައްޔިތުން "ރަށުބަންދު"ކޮށްފި

ހދ. މަކުނުދޫގައި ފިހާރައެއް ފަޅާލައި ވައްކަން ކުރުމުން އެ މައްސަލަ ތަހުގީގު ހިނގަމުންދާތީ އެއްވެސް މީހަކު އެ ރަށުން ފުރުން ވަގުތީ ގޮތުން މަނާކުރުމުން 1500 އަށް ވުރެ ގިނަ މީހުން ރަށުގައި ބަންދުވެއްޖެ އެވެ.
އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނީ ރޭ ދަންވަރު އެ ރަށު "އަރިސްހިޔާ"ފިހާރަ ފަޅާލައި ގިނަ އަދަދެއްގެ ތަކެތި ވަގަށް ނެގުމުން އެ މައްސަލަ ތަހުގީގު ކުރަން ރަށަށް ފުލުހުން އެ ރަށަށް ގޮސްފައިވާ ކަމަށެވެ.
"ފުލުހުން މިހާރު ރަށުގައި ހަރަކާތްތެރިވަމުން އެބަދޭ. ރަށުން ބޭރަށް ފުރައިގެން ދިއުން ރަށު ކައުންސިލުން އޮތީ ވަގުތީ ގޮތުން މަނާކޮށްފައި،" އެމީހާ ބުންޏެވެ.
އެ ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ ކޮންމެހެން ބޭނުންވެގެން ރަށުން ބޭރަށް ފުރަން ބޭނުންވާ މީހުން ކައުންސިލްގައި އެދުމުން ކައުންސިލުން އެ މީހެއްގެ ފޮށި ތަންމަތި ބަލައި ފާސް ކުރުމަށް ފަހު ފުރުމުގެ ހުއްދަ ދޭ ކަމަށެވެ. އަދި މިހާރު ރަށުގައި ފުލުހުން ހަރަކާތްތެރި ވާތީ އެފަދަ މީސްމީހުން ފާސް ކުރުމުގެ ކަންތައް ކުރަނީ ފުލުހުންނާ ގުޅިގެން ކަމަށް ވެސް އޭނާ ބުންޏެވެ.
ޕޮލިސް މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މަކުނުދޫގައި ކުރި ވައްކަމުގެ މައްސަލަ މިއަދު ހެނދުނު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި ފުލުހުން ގޮސް ބެލި ބެލުމުން ވައްކަން ކޮށްފައި ވަނީ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ކަމަށް އެނގިފައިވާ ކަމަށެވެ. ނަމަވެސް ތަހުގީގު ކުރިއަށް ދާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ވައްކަމުގެ މައްސަލައިގެ ތަހުގީގު ނިމެންދެން އެއް ވެސް މީހަކު މަކުނުދޫން ނުފުރުމަށް ރަށު ކައުންސިލުން ނިންމި ނިންމުމާ ބެހޭ ގޮތުން ކައުންސިލްގެ ރައީސް މުހައްމަދު ރިލުވާނަށް ގުޅުމުން ވިދާޅުވީ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ އެއްވެސް މީޑިއާ އަކަށް މައުލޫމާތު ދޭން ބޭނުންފުޅު ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ