ދިވެއްސަކު "ޝަހީދު" ވެފައި އޮއްވާ ނަގާފައިވާ ފޮޓޯއެއް އާންމުކޮށްފި

ސީރިއާގައި މިހާރު ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް އެގައުމަށް ދިޔަ ޏ.ފުވައްމުލަކު މީހަކު "ޝަހީދު" ވެފައިވަނިކޮށް ނަގާފައިވާ ކަމަށް ބުނާ ފޮޓޯއެއް އާންމުކޮށްފިއެވެ.
މިމީހާގެ ފޮޓޯ އާންމުކޮށްފައި ވަނީ “ހައްގު” ނަމުގައި ދިވެހި ބަހުން އައިއެސްއަށް ތާއީދުކޮށް ހަބަރުތައް ގެނެސްދެމުން އަންނަ ވެބްސައިޓަކުންނެވެ.
ފޮޓޯ އާންމުކުރުމަށްފަހު ވެބްސައިޓުގައި ބުނެފައިވަނީ މިމީހާ "ޝަހީދުވެފައިވަނީ" ދިވެެހިރާއްޖޭގެ ޑިމޮކްރެޓިކް ކުފުރު މުޖުތަމަޢުގެ ތަރުބިއްޔަތުގެ ތެރޭގައި ހައްދުފަހަނައަޅައި ގޮސް ޙައްގު މަގުން އެއްކިބާވެފައިވަނިކޮށް، ﷲ ގެ ރަޙްމަތުން ޙައްގު ގޮތުގައި ހަނގުރާމައިގެ މައިދާނުގައި، އެންމެ ދަރުމަލިބެނިވި ޢަމަލު ކުރުންމަތީ ދެމިހުންނަނިކޮށް ކަމަށެވެ.
ސީރިއާގެ ހަނގުރާމައިގެ ބައިވެރިވުމަށް އެ ގައުމަށް ދިޔަ ހ. ހިލްޓަން އަޒްލިފް ރައޫފް "ޝަހީދު" ވެފައިވަނިކޮށް ނަގާފައިވާ ފޮޓޯއެއް ވެސް މި ވެބްސައިޓުގައި އާއި އެމީހުންގެ ފޭސްބުކް ޕޭޖްގައި އާންމުކުރިއެވެ. ނަމަވެސް ފަހުން އަޒްލިފްގެ ފޮޓޯ ވަނީ ނަގާފައެވެ.
އަޒްލިފްއަކީ މީގެކުރިން ސިފައިންގޭގައި މަސައްކަތް ކުރި މީހެކެވެ. އަޒްލިފް ސިފައިންގެ ވަޒީފާއިން ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމަށް ރޭވިކަމަށް ތުހުމަތުގައި ހައްޔަރު ކުރުމާއި ގުޅިގެން 2013 ވަނަ އަހަރުއެވެ.
މިމީހާ އާއި އެކު އޭނާގެ އަންހެނުން ވެސް ސީރިއާއަށް ގޮސްފައިވެއެވެ. ތުރުކީ މަގުން އެދެމަފިރިން އެތެރެވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައިއެވެ.
"ވަގުތަށް" އެނގިފައިވާ ގޮތުގައި ހައްގު ނޫހުން އާންމުކުރި ފޮޓޯގައިވާ މީހަކީ މީގެކުރިން ފުލުހަކަށް ކަތިވަޅިން ހަމަލާދޭން މަސައްކަތްކޮށްފައިވާ މީހެކެވެ.
އޭނާ ފުލުހަކަށް ކަތިވަޅިން ހަމަލާދޭން މަސައްކަތްކޮށްފައިވަނީ 2012 ވަނަ އަހަރުގެ އޭޕްރީލް 5 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައިއެވެ. މި މައްސަލައިގައި އެރޭ އޭނާ އާއި އިތުރު މީހަކު ހައްޔަރުކުރިއެވެ.
އޭރު ފުލުހުން ވިދާޅުވެފައިވަނީ އެމީހުން ފުލުހަކަށް ކަތިވަޅިން ހަމަލާދޭން މަސައްކަތް ކުރީ ނަލަހިޔާ ކައިރިން ފުލުހުންގެ ޗެކްޕޮއިންޓަކަށް މަޑުކުރަން އެންގުމުން މަޑުނުކުރުމުން ހުޓުވަން އުޅެނިކޮށް ކަމަށެވެ.
އެރޭގެ ހަމަލާގައި ފުލުހަކަށް އަނިޔާނުވި ނަމަވެސް ފުލުހަކު ޔުނިފޯމް މަތިން ލާފައިހުރި ވެސްޓެއްގައި ކަތިވަޅިން ޖެހިފައިވެއެވެ.
ފުލުހުން އޭރު އާންމުކުރި މައުލޫމާތުތަކުގައި ވަނީ އޭނާއަކީ މާލޭގެ ގޭންގަކަށް ނިސްބަތްވާ މީހެއް ކަމަށެވެ. އަދި އޭނާގެ މަސްތުވާތަކެއްޗާއި މާރާމާރީގެ ކުށުގެ ރިކޯޑު އޮންނަ ކަމަށް ވެސް އޭރު ފުލުހުން ވިދާޅުވިއެވެ.
ފަހަކަށް އައިސް ސީރިއާގައި ހިނގަމުންދާ އަހުލީ ހަނގުރާމައިގައި ބައިވެރިވުމަށް ދާ ދިވެހިންގެ އަދަދު ދަނީ އިތުރު ވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ