ސްކޫލް ޓްރެފިކް މޮނިޓަރސް ޕްރޮގްރާމް ތާޖުއްދީން ސްކޫލްގައި ފަށައިފި

ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒު ކޮށްގެން ހިންގޭ “ޓްރެފިކު މޮނިޓަރސް” ޕްރޮގްރާމް ތާޖުއްދީން ސްކޫލް ގައި ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، މި މަހުގެ 26 ން 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގުރާމަކީ ސްކޫލް ސަރަޙައްދުގެ ޓްރެފިކު ހާލަތު މިހާރަށް ވުރެ ރަނގަޅުކުރުމަށްޓަކައި ސްކޫލްގެ ދަރިވަރުންގެ އެހީތެރިކަމާއިއެކު މަގުމަތި ތަރުތީބުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މިފަހަރުގެ ޕްރޮގްރާމްގައި އެއްގަމު ދަތުރުފަތުރުގެ ޤާނުނާއި، ޤަވާއިދުގެ އިތުރުން އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުންނާއި ސެލްފްޑިފެންސް ކްލާސްތަކާއި މަގުމަތީގަ އާއި ޚާއްސަކޮށް ސްކޫލް ސަރަޚައްދުގައި ހަރަކާތްތެރިވާ ދަރިވަރުން ޢާންމުންނާ މުޢާމަލާތް ކުރުމާ ގުޅޭގޮތުންނާއި، ވާހަކަ ދެއްކުމުގެ ރީތި އާދައާއި، ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ކިޔަވައިދެވޭނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި ޕްރޮގްރާމް ފުރިހަމަކުރާ ދަރިވަރުންނަށް ޚާއްސަ ރޯޑްސޭފްޓީ ބެޖެއް ދިނުމަށްވަނީ ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި ކިވައިދެއްވަނީ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ރޯޑުސޭފްޓީ ޔުނިޓުގެ މުދައްރިބުންނާއި، ޕޮލިސް އެކަޑަމީގެ މުދައްރިބުންނެވެ.
މީގެ ކުރިން މި ޕްރޮގްރާމް ޤިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް ގެ ދަރިވަރުންނަށް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
ކުރިއަށް އޮތްތަނުގައި މާލޭގެ އިތުރުން ރާއްޖޭގެ އަތޮޅުތަކުގެ ސްކޫލް ތަކުގައިވެސް މިޕްރޮގްރާމް ތަޢާރަފް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ