ކުށްވެރިން ކޯޓަށް ނުގެނެސް ޝަރީއަތް ކުރެވޭނެ ގޮތް ހަދާނަން: އުމަރު

ކުށްވެރިން ބަންދުކޮށްފައި ތިބޭ ތަންތަނުގައި ބައިތިއްބައިގެން ވީޑިއޯ ލިންކް މެދުވެރިކޮށް ޝަރީއަތްތައް ހިންގޭނެ އުސޫލެއް ގާއިމްކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.ފުލުހުންގެ ފަސް އަހަރުގެ ސްޓްރެެޓެޖިކް ޕްލޭން އާންމުކުރުމަށް އިސްކަންދަރު ކޮށީގައި މިއަދު ހަވީރު ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އުމަރު ވިދާޅުވީ އަތޮޅުވެއްސާއި ކަސްޓޯޑިއަލްގައި ތިބޭ ކުށްވެރިން ކޯޓުތަކަށް ހާޒިރުކުރުމަށް ކޮންމެ އަހަރަކު ވެސް ވަރަށް ބޮޑު ހަރަދެއްކުރަން ޖެހުނު ކަމަށެވެ. އަދި އެކަމުގައި ތަފާތު އުނދަގޫތައް ހުރި އިރު ވެސް ކުށްވެރިން ކޯޓަށް ގެންދިޔުމަށް ފުލުހުންގެ ވެހިކަލްތަކުގައި 11،000 ދަތުރުކުރެވުނު ކަމަށް އުމަރު ވިދާޅުވި އެވެ.މިނިސްޓަރު ވިދާޅުވި ގޮތުގައި ޓެކްނޮލޮޖީގެ ގޮތުން ކަންތައް ފަސޭހަވަމުން އަންނަ އިރު އެ ހަރަދު ކުޑަކުުރުމަށް ވީޑީއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ހިންގިދާނެ ކަމަށެވެ. "ފުލުުހުން އެބަ ޖެހޭ ދުވާލެއްގެ މައްޗަށް 30 ދަތުރު މި ގޮތަށް ކުރަން. އެކަމަކު ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ވީޑިއޯ ކޮންފަރެންސްގެ އެހީގައި ޝަރީއަތް ކުރިއަށް ގެންދެވިއްޖެ ނަމަ އަޅުގަނޑުމެންނަށް މި ދަތުރުތައް ވަރަށް ބޮޑަށް ކުޑަކުރެވިދާނެ،" އުމަރު ވިދާޅުވި އެވެ.މިނިސްޓަރު އުމަރު ވިދާޅުވީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތައް ހިންގަން ފެށުމުން ކޯޓަށް ކުށްވެރިން ގެންދާނީ ކޯޓަށް އެ މީހުން ކޮންމެހެން ހާޒިރުކުރަން ޖެހިއްޖެ ހާލަތެއްގައި ކަމަށެވެ. އުމަރު ވިދާޅުވި ގޮތުގައި ވީޑިއޯ ލިންކްގެ ސަބަބުން ޝަރީއަތްތައް ކުރިއަށް ދާނީ ކޯޓުތަކާއި ކުށްވެރިން ތިބޭ ތަންތަނާ ދެމެދު ގާއިމްކުރެވޭ ވީޑީއޯ ލިންކަކުން ކަމަށެވެ."މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ކުރާކަމެއް،" އުމަރު ވިދާޅުވި އެވެ.ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތް ކުރެވޭނެ ގޮތް ހަމަޖެއްސުމަށް ޕީޖީ އާއި ކޯޓުތަކާ ވެސް މަޝްވަރާކުރެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ވީޑިއޯ ކޮންފަރެންސް ހެދުމަށް ގާއިމް ކުރަން ޖެހޭ ކަންތައްތައް ވަރަށް އަވަހަށް ހަމަޖައްސާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ