ކާޑުގެ ބާވަތްތަކާއި ކަރަންޓު އަދި ފެން، މާލެއާ އެއް އަގެއްގައި ރަށްރަށުން ލިބޭ ގޮތަށް ހަމަޖައްސާނަން: ގާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި ކާޑުގެ ބާވަތްތަކާއި ކަރަންޓް އަދި ފެން، މާލެއެކޭ އެއް އަގެއްގައި ހުރިހާ ރަށްރަށުން ވެސް ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.
ލ. ގަމުގައި ބޭއްވި ޖޭޕީގެ ޖަލްސާގައި އެ ޕާޓީގެ ލީޑަރު ވަނީ، ކާޑުގެ ބާވަތްތަކާއި ކަރަންޓާއި ފެން، މާލެއާ އެއް އަގެއްގައި ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމުގެ ވައުދުގެ އިތުރުން ވެސް ގިނަ ވައުދުތަކެއް މިރޭ ވެފަ އެވެ.
ގާސިމް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި ހައި ސްޕީޑް ބްރޯޑްބޭންޑުގެ އިންޓަނެޓްގެ ހިދުމަތް ރާއްޖޭގެ ކޮންމެ ގެ އަކަށް ދެ އަހަރު ދުވަހުގެ ތެރޭގައި ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ކޮންމެ ގެ އަކަށް ހައި ސްޕީޑް ބްރޯޑްބޭންޑުގެ އިންޓަނެޓްގެ ހިދުމަތް ދިނުމަކީ ވަރަށް ކުޑަކުޑަ ކަމެއް ކަމަށެވެ.
ގާސިމް ވިދާޅުވީ ސުނާމީއާ ގުޅިގެން ރެޑް ކްރެސެންޓުން ލ. އަތޮޅުގައި ހޮސްޕިޓަލެއް ގާއިމްކޮށްދީފައިވާއިރު ޑޮކްޓަރުންނާއި ސާމާނު ނެތް ކަމަށެވެ.
"އަޅުގަނޑުގެ ސަރުކާރެއްގައި މާތް ﷲ އިރާދަކުރެއްވިއްޔާ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެތަން ]ލ. އަތޮޅު ހޮސްޕިޓަލް[ ފުލީ އިކުއިޕްކޮށް މާލޭގައި ހުރި ފެންވަރުގެ ރަނގަޅު ހިދުމަތް ދެވޭ ގޮތަށް އަޅުގަނޑު ހަދައި ދޭނަން،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސީދާ ބޭރުން ލ. އަތޮޅަށް މުދާ ގެނެވޭނެ އިންތިޒާމް ޖޭޕީގެ ވެރިކަމުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ. އަދި ގާސިމް ވިދާޅުވީ ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ލ. އަތޮޅުގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމް ކޮށްދެއްވާނެ ކަމަށެވެ.
ގާސިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ގިނަ ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވަނީ ﷲގެ ވާގިފުޅާއެކު އެކަން ކޮށްދެއްވޭނެކަން ޔަގީން ކުރެއްވޭތީ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ރައްޔިތުންނަށް ވައުދުތައް ވާންޖެހޭނީ އިހުލާސްތެރިކަމާއެކު ކަމަށާއި އިންތިހާބީ ކެމްޕޭނުގައި ދައްކާ ވާހަކަތައް ކުޅޭކުޅޭ އެއްޗަކަށް ހަދައިގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ މި ފަހަރު ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން ވިސްނާވަޑައިގަންނަވާށޭ، ވިސްނާވަޑައިގަންނަވާށޭ ވަރަށް ރަނގަޅަށް. ހޭލާ ތިއްބަވާށޭ މި ކުރެވޭ ކަމަކާ މެދު. ދިވެހިރާއްޖޭގެ ވެރިކަން ތިޔަބޭފުޅުން ހަވާލުކުރައްވަން ތި އުޅުއްވަނީ ކާކަށްތޯ؟ އަޅުގަނޑަށް ޔަގީން ތިޔަބޭފުޅުން ވަރަށް ބޮޑަށް ވިސްނާވަޑައިގެންފައިކަން ކޮންމެ ބޭފުޅަކު ހިޔާރު ކުރެއްވިޔަސް ކުރައްވަން ވާނީ. މާ ގިނަ ފުރުސަތުތަކެއް ނާންނާނެ. މިއަދު ވެސް މި އޮތީ ވަރަށް ނިކަމެތި ހާލުގައި،" ގާސިމް ވިދާޅުވި އެވެ.
ލ. އަތޮޅުގައި މިރޭ އެތައް ވައުދެއް އޭނާ ވެވަޑައިގެންނެވިއިރު މީގެ ކުރިން ވެސް ވަނީ އެތައް ވައުދެއްވެ ވަޑައިގެންފަ އެވެ. އޭގެ ތެރޭގައި ޖޭޕީގެ ވެރިކަމެއްގެ ތެރޭގައި ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި ބޯ ފެނާއި ނަރުދަމާގެ ނިޒާމް ކޮށްދެއްވުމާއި އޭލެވެލް އިމްތިހާނުން ފަސް މާއްދާއިން ފާސްވާ ކޮންމެ ކުއްޖަކަށް ޑިގްރީއަށް ކިޔެވޭނެ ގޮތް ތަނަވަސްކުރެއްވުމާއި ހުރިހާ ރަށެއްގައި ޕްރީ ސްކޫލު ގާއިމްކޮށްދެއްވުމާއި ކުޅުދުއްފުއްޓާއި ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލް މާލޭގެ ފެންވަރަށް ފުރަތަމަ އަހަރު ގެނެސްދެއްވުމުގެ ވައުދު ހިމެނެ އެވެ. މީގެ އިތުރުން ގްރޭޑް އަށަކުން މަތީގެ ކޮންމެ ދަރިވަރަކަށް ލެޕްޓޮޕެއް ދިނުމުގެ ވައުދު ވެސް ގާސިމް މީގެ ކުރިން ވެވަޑައިގެންފައިވެ އެވެ.
ގާސިމް މިރޭ ވިދާޅުވީ ސާހިބެއްގެ ދަރަޖައިން ހާދިމެއްގެ ދަރަޖައަށް ވަޑައިގަންނަވަނީ ރައްޔިތުންނަށް ތަނަވަސްކަން ހޯއްދަވައި ދެއްވަން ބޭނުންވާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ