ގިނަ ފަރާތްތަކުގެ ވިސްނުމުގައި ކަރަންޓު ބިލުގެ މައްސަލާގައި ޒިންމާވާން ޖެހެނީ ފިނޭންސް މިނިސްޓްރީ

ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމާއި މާލޭ ސިޓީ ކައުންސިލް އަދި މާލޭ ހެލްތު ކޯޕަރޭޝަނުން ކަރަންޓް ބިލަށް ފައިސާ ދައްކާފައި ނުވާތީ އެ ތަންތަނުގެ ކަރަންޓް ކަނޑާލަން ސްޓެލްކޯ އިން އިންޒާރުދީފައި ވާއިރު އެ ކަންކަމުގެ ޒިންމާ ނަގަން ޖެހޭނީ އޭގެ ތެރެއިން ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި ފިނޭންސް މިނިސްޓްރީ ކަމަށް އެ މުއައްސަސާތަކުން ރައްޔިތުންގެ މަޖިލީހުގައި މިރޭ ބުނެފި އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އަށް ސްޓެލްކޯގެ އިތުރުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އާއި މާލޭ ސިޓީ ކައުންސިލް އަދި މާލޭ ހެލްތު ކޯޕަރޭޝަންގެ އިސްވެރިން މިރޭ ހާޒިރުކޮށް، ކަރަންޓް ބިލް ނުދައްކާ މައްސަލައިގައި ފިނޭންސް މިނިސްޓްރީގެ އެއްވެސް އިހުމާލެއް އޮތް ކަމަށް ގަބޫލު ކުރައްވަންތޯ އެ ކޮމެޓީގެ މުގައްރިރު އަލީ ވަހީދު ސުވާލު ކުރުމުން ސްޓެލްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޑރ. މުހަންމަދު ޒައިދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކައުންސިލްތަކުގެ ބަޖެޓް ފާސްކުރިއިރު ސްޓެލްކޯ އިން އެސްޓިމޭޓްކޮށް ލަފާދިން އަދަދާ ގާތްކުރާ ވަރަށް ވެސް ފައިސާ ހިމަނާފައި ނެތުމަކީ ބޮޑު މައްސަލައެއް ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލްތަކާ ވާހަކަ ދެއްކުމުން ލިބިވަޑައިގެންނެވި ޖަވާބަކީ ބަޖެޓުގައި ހުރީ ދެ ތިން މަސް ދުވަހުގެ ކަރަންޓަށް ބޭނުންވާ ފައިސާ ކަމަށެވެ.
"އެއަށް ވުރެ ގިނަ ފައިސާ ވެއްޖިއްޔާ ތިމަންނަމެންނަކަށް ނުދެއްކޭނެއޭ. އަޅުގަނޑުމެން ރަށްރަށުގެ ކައުންސިލްތަކާ ވަކިވަކިން ގޮސް ބައްދަލުކުރިން. މާލޭގައި ވެސް ބައްދަލުކުރިން. އެ ބޭފުޅުން ވިދާޅުވަނީ ހަގީގަތުގައި ބަޖެޓުގައި ވެސް ނެތޭ އެ ފައިސާއެއް. މީގައި މައްސަލައެއް އުޅެނީ ކޮން ތަނަކު ކަމެއް އަޅުގަނޑަކަށް ނޭނގޭ. ]ފިނޭންސް[ މިނިސްޓްރީން ވިދާޅުވަނީ ބަޖެޓެއް ނެތޭ. ފައިސާއެއް ނެތޭ. ކައުންސިލްތަކުން ވިދާޅުވަނީ ތިމަންނަމެން ]ފިނޭންސް މިނިސްޓްރީ އަށް[ ފޮނުވާފައޭ ވީ. އެކަމަކު ތިމަންނަމެންނަށް ފާސްކޮށްދެއްވާފައި އޮތީ ފޮނުވި ބަޖެޓުގެ ވަރަށް ކުޑަ ބައެކޭ. ]ބަޖެޓް[ ކުޑަކޮށްފައޭ އެ ބޭފުޅުން ވިދާޅުވަނީ. އެހެންވީމާ އަޅުގަނޑު ދެކޭ ގޮތުގައި މީގައި ވަރަށް ގިނަ ދިމަދިމާލުން ބަލަންވާ ވަރަށް ނުބެއްލެވިފައި މި އޮތީ،" ޑރ. ޒައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަރަންޓަކީ ވަކި އަދަދަކަށް ކުޑަ ކުރެވިދާނެ އެއްޗެއް ކަމަށާއި އެކަމަކު ބިލްތަކަށް ފައިސާ ނުދައްކާނަމަ ސްޓެލްކޯ އަށް ތާށިވާނެ ކަމަށެވެ.
އަލީ ވަހީދުގެ ސުވާލުގެ ޖަވާބުގައި އެމްބީސީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވީ ކަރަންޓް ބިލްތަކުގެ ފައިސާ ނުދެއްކުމުގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ވެސް ޒިންމާ އެބައޮތް ކަމަށެވެ.
"މުޅި ދައުލަތުގެ ޒިންމާ އެބައޮތް،" އޭނާ ވިދާޅުވި އެވެ.
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އައިމަން އިސްމާއީލް ވިދާޅުވީ ކަރަންޓް ބިލްތައް ނުދެއްކުމުގައި އޮތީ ފިނޭންސް މިނިސްޓްރީގެ ޒިންމާ ކަމަށެވެ.
"ސަބަބަކީ 2011 ވަނަ އަހަރު އަޅުގަނޑުމެންނަށް ބަޖެޓުގެ ގޮތުގައި 4.12 މިލިއަން ރުފިޔާ ދެވިފައިވާއިރު 2012 ވަނަ އަހަރު މިއިން އެއްވެސް ލާރިއެއް ދެވިފައި ނުވާކަން އަޅުގަނޑު ފާހަގަ ކުރަން. ފިނޭންސް މިނިސްޓްރީން ކޮންމެ ގޮތެއް ވިޔަސް މަޖިލީހަށް މި އެމެންޑްމަންޓްސްއާއެކު ]ބަޖެޓް[ ފޮނުވަނީ. އެހެންވީމާ އެ ބޭފުޅުންގެ މަސްއޫލިއްޔަތެއް ކަމަށް އަޅުގަނޑުމެން ބަލަނީ،" އައިމަން ވިދާޅުވި އެވެ.
މާލޭ ހެލްތު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަލީ ޝަރީފު ވިދާޅުވީ އެ ކޯޕަރޭޝަން ހިންގަން ރާވާފައި އޮތީ ހަމައެކަނި ދައުލަތުން މުވައްޒަފުންނަށް މުސާރަ ދިނުމަށް ފަހު ދެން ލިބޭ އާމްދަނީއަކުން އެހެނިހެން ކަންތައް ހަމަޖައްސަން ކަމަށެވެ. އަދި ބިލްތައް ނުދެއްކި ވަނީ އެހާ ވަރަށް ފައިސާ ނުލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯގެ ޗެއާމަން އަހުމަދު ޝަރީފު (ސައިރިކްސް ޝަރީފު) ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހު ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުން ކަރަންޓް ކަނޑަށް އެ ކުންފުނިން ދިއުމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ސިޓީއެއް ސްޓެލްކޯ އަށް ފޮނުވި ކަމަށެވެ. އަދި ދައުލަތުގެ ތަންތަނުން ކަރަންޓް ކަނޑާނުލައި މަޑުކުރަން އެ ސިޓީގައި ފިނޭންސުން އެދިފައިވާ ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.
"އެހެންވީމާ އެ ސިޓީ އަށް ބަލައިގެން އަޅުގަނޑުމެން އެއްވެސް ތަނަކުން ކަރަންޓް ކަނޑައެއް ނުލަން،" އޭނާ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވި ގޮތުގައި ކަރަންޓް ކަނޑާލަނީ ވަރަށް ގިނަ މަޝްވަރާތަކެއް ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ސަރުކާރުގެ ތަންތަނުން ކަރަންޓް ކަނޑާލަނީ "ރަތް ބިލް" ފޮނުވުމުގެ ބަދަލުގައި ސިޓީތައް ފޮނުވައި ބައްދަލުވުންތައް ބޭއްވުމަށް ފަހު ނަތީޖާއެއް ހާސިލް ނުވެއްޖެ ނަމަ ކަމަށެވެ.
އޭނާ ވިދާޅުވީ ސްޓެލްކޯ އަކީ ގާނޫނީ ގޮތުން ވަކި ކުންފުންޏެއް ކަމަށާއި ސަރުކާރުގެ މުއައްސަސާތަކާ އެތަން ތަފާތު ކަމަށެވެ. އެހެންވެ ސްޓެލްކޯ އަށް ދިމާވާ ކަންތައްތަކުގައި ޒިންމާވާނީ އެ ކުންފުނި ކަމަށް ޝަރީފު ވިދާޅުވި އެވެ.
"އެހެންވީމާ ސްޓެލްކޯ އިން ނުޖެހޭނެ ހަގީގަތުގައި ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރާކަށް. ނުޖެހޭނެ. ފިނޭންސް މިނިސްޓްރީ އަކަށް ނޫން ބިލް ފޮނުވަނީ. ފިނޭންސް މިނިސްޓްރީގެ ކަމެއް ދައުލަތުގެ މުއައްސަސާއަކަށް އެ ދީފައި އޮންނަ ބަޖެޓެއް ދެއްވައި ނުވަތަ އެ ފަރާތާ ވާހަކަ ދައްކައިގެން ސްޓެލްކޯ އަށް ދައްކަންޖެހޭ ލާރިއެއް ދެއްކުމަކީ،" ޝަރީފު ވިދާޅުވި އެވެ. "ސްޓެލްކޯ ބޯޑުން މި ޒިންމާ ]ސަރުކާރުގެ ތަންތަނުން ކަރަންޓް ކެނޑުން[ ނެގީ ހަގީގަތުގައި މެނޭޖްމަންޓަށް ސްޓެލްކޯ ހިންގަން ދަތިވާ ކަމަށް ލަފާ ދިނުމުން. އެހެންވީމާ އެ ޑިސިޝަން ނެގީ. ހަގީގަތުގައި ކުރިއަށް އޮތް ތާނގައި ވެސް ދައުލަތުގެ ތަނެއް ވިޔަސް އަދި ރައްޔިތުންގެ މަޖިލިސް ވިޔަސް އަޅުގަނޑުމެން ]ކަރަންޓް[ ކަނޑަން ޖެހުނީމާ ކަނޑާނަން."
މާލޭ ހެލްތު ކޯޕަރޭޝަނުން ބުނީ 20 މަސް ދުވަހުގެ ކަރަންޓް ބިލަށް 31 މިލިއަން ރުފިޔާ އަރާފައިވާ ކަމަށެވެ. މާލޭ ސިޓީ ކައުންސިލުން ބުނީ ކަރަންޓް ބިލްތަކުގެ ހަރަދުގެ ގޮތުގައި 6.74 މިލިއަން ރުފިޔާ ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ހިމަނައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކަމަށެވެ. އެހެން ނަމަވެސް ބަޖެޓް އިސްލާހުކޮށް ފިނޭންސް މިނިސްޓްރީން މަޖިލީހަށް ބަޖެޓް ފޮނުވިއިރު ކަރަންޓް ބިލާއި ބޯފެނާއި ފާހާނާގެ ހަރަދަށް އެއްވެސް ފައިސާއެއް ދީފައި ނެތް ކަމަށް އައިމަން ވިދާޅުވި އެވެ. އެމްބީސީން ބުނީ އެތަނުގެ ކަރަންޓް ބިލަށް ވެސް 7.1 މިލިއަން ރުފިޔާ އަރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ