ހޯދަޑު މިސްކިތްތަކުގެ ކަރަންޓް ބިލް ދައްކައިދޭން ވިޔަފާރިވެރިއަކު ނިންމައިފި

ތިން މަހުގެ ބިލު ނުދައްކައިގެން ކަރަންޓް ކަނޑާލާނެ ކަމަށް ރެޑް ނޯޓިސްދީފައިވާ ފުވައްމުލަކު ހޯދަޑު ހަތަރު މިސްކިތުގެ ކަރަންޓް ބިލް ވިޔަފާރިވެރިއަކު ދައްކައިދޭން ނިންމައިފި އެވެ.
ކައުންސިލްގެ ރައީސް އިބްރާހިމް މުހައްމަދު އިބްރާހީމް މިއަދު ވިދާޅުވީ މިސްކިތްތަކުގެ ކަރަންޓް ކަނޑާލުމަށް އަންގާފައިވާތީ، ފުޅި ބައްތިއާ ފާނޫޒު އަދި އުއްބައްތި ހޯދަން ކައުންސިލުން ކުރި އިއުލާނާ ގުޅިގެން ހަވީރުގައި ޖެހި ހަބަރު ކިޔުމަށް ފަހު، ވިޔަފާރިވެރިއަކު ގުޅައި ބިލް ދައްކައިދޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. ހަތަރު މިސްކިތުގެ ތިން މަހުގެ ބިލަށް ދައްކަން ޖެހޭ 11،000ރ. އާދީއްތަ ދުވަހު ޖާމަކޮށްދޭނެ ކަމަށް ވެސް އޭނާ ބުނެފައިވާ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ވިޔަފާރިވެރިޔާގެ އެދުމުގެ މަތިން އޭނާގެ ނަމެއް ކައުންސިލުން ހާމައެއް ނުކުރި އެވެ.
"އަޅުގަނޑުމެންނަށް އަންގާފައި އެބައޮތް އެކައުންޓް ނަމްބަރު އީމެއިލްކުރަން. އޭރުން ކަރަންޓް ބިލަށްވާ ފައިސާ އާދީއްތަ ދުވަހު ދައްކައިދޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ކައުންސިލުން ބުނީ ހޯދަޑު ހަތަރު މިސްކިތަށް އަރާފައި ވަނީ 11،000ރ. ކަމަށާއި 40،000ރ. ކަމަށް ކަރަންޓް ބިލްގައި ވަނީ އެހެން ބައެއް އަވަށުގެ ބިލްތައް ވެސް އޮޅިގެން ހިމެނުމުން ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ އަވަށުގެ މިސްކިތްތަކުން އާދީއްތަ ދުވަހު ކަރަންޓް ކަނޑާލާނެ ކަމަށް އަންގާފައިވާތީ، މިސްކިތް ދިއްލުމަށްޓަކައި ފުޅި ބައްތި އާއި އުއްބައްތި ހަދިޔާކުރުމަށް ކައުންސިލުން ވަނީ އިއުލާންކޮށްފަ އެވެ.
މިސްކިތްތަކުގެ ކަރަންޓް ބިލް ނުދެއްކި ވަނީ ސަރުކާރުން ބަޖެޓް ހަމަޖައްސައިދީފައި ނުވާތީ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ