އެއާޕޯޓުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ)ގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ.
އެއާޕޯޓުގެ އޮފިޝަލަކު "ހަވީރާ" ވާހަކަދައްކަވަމުން ވިދާޅުވީ އެއާޕޯޓުގެ މުހިންމު ތިން ތަނަކުން ކަރަންޓު ކެނޑުނު ކަމަށެވެ. އެގޮތުން ކަރަންޓް ކެނޑުނު ތަންތަނުގެ ތެރޭގައި ފިއުލް ފާމާއި ވޯކް ޝޮޕާއި ފަޔާ ސްޓޭޝަން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއާޕޯޓުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް މިއަދު މެންދުރު 00: 12 ހާއިރު ކެނޑުނު ނަމަވެސް ޓާމިނަލްތަކުން ކަރަންޓް ކެނޑިފައެއްނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކަރަންޓް އަލުން ލިބިފައި ވަނީ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ފިއުލް ފާމުން ކުރަމުން ދިޔަ މަސައްކަތް ހުއްޓާލަން ޖެހުނު ކަރަންޓް ކެނޑުމުން. ނަމަވެސް އެ ވަގުތު ފުރަން އޮތް އެއްވެސް ފްލައިޓެއް ޑިލޭއެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
އެއާޕޯޓް ހިންގާ ޖީއެމްއާރުގެ އޮފިޝަލަކު ވިދާޅުވީ ކަރަންޓް ކެނޑުނީ ޖަނަރޭޓަރެއް ހޫނުވުމުގެ ސަބަބުން ހުއްޓުމުން ކަމަށެވެ. ނަމަވެސް އެ އިންޖީނަށް ދިމާވި މައްސަލަ 45 މިނެޓްފަހުން ހައްލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަވީރަށް" އެނގިފައިވާ ގޮތުގައި ފިއުލް ފާމުން ބައުޒަރުތަކަށް ތެޔޮ އެޅުމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބައެއް ފްލައިޓްތައް ޑިލޭވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ