މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހއ. އުލިގަމުގައި ސިޓީ ހޮޓާ އެޅުމުގެ މަސައްކަތްކުރި ސަރަހައްދު ބޭނުންނުކޮށް އޮވެ ލިބެމުންދާ ގެއްލުމާއި އެ ސަރަހައްދުގެ ސަބަބުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހާމަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަނަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ.
އުލިގަމު ރަށު ކައުންސިލްގެ ރައީސް އިމާދު އަބްދުﷲ މިއަދު ވިދާޅުވީ އެ ސަރަހައްދުގެ ހާލަތު އޮތް ގޮތާއި ރަށުގެ ބޮޑު ސަރަހައްދެއް ރައްޔިތުންނަށް ބޭނުންނުކުރެވޭ ގޮތަށް ބަންދުކޮށްފައި އޮތުމުން ލިބެމުންދާ ގެއްލުންތައް ރައީސަށް ހުށަހެޅުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. މި ގޮތުން މިހާރު ގާތްގަނޑަކަށް ޕެޓިޝަނެއް ތައްޔާރުކޮށް ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް އޭގައި ސޮއިކުރުމަށް ރައްޔިތުންނަށް ހުޅުވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކުރިން ވަރުވާ އަށް ދޫކޮށްފައި އޮންނާތީ ރަށަށް ކޮންމެވެސް އެއްޗެއް ލިބޭ. އަނެއްކާ ތަފާތު އެކި ބޭނުންތަކުގައި އެ ސަރަހައްދަށް ރައްޔިތުން ގޮސް އުޅޭ. ނަމަވެސް މިހާރު ރައްޔިތުންނަށް ނުވަދެވޭ ގޮތަށް ބޮޑު ސަރަހައްދެއް އެވަނީ ބަންދުކޮށްފައި. އެކަންކަމާ ބެހޭ ގޮތުން އެމްޓީޑީސީ އާއި ސަރުކާރުގެ އެކި އިދާރާތަކަށް ސިޓީން ވެސް ހުށަހަޅައިގެން ރަނގަޅު ޖަވާބެއް ނުލިބުނު. އެހެންވެ ރަށުގެ ޒުވާނުން އިސްނަގައިގެން ޕެޓިޝަނެއްގެ ކަންތައް މިހާރު ކުރިއަށް މިގެންދަނީ،" އިމާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ 2007 ވަނަ އަހަރު އެމްޓީޑީސީއާ އެކު ހަދާފައިވާ އެގްރީމެންޓްގައިވާ ގޮތުގައި ސިޓީ ހޮޓާ ތަރައްގީކުރާ ސަރަހައްދާއި މީހުން ދިރިއުޅޭ ސަރަހައްދާ ދެމެދު 100 މީޓަރުގެ ގްރީން އޭރިއާއެއް ބާއްވަންޖެހޭ ކަމަށާއި ނަމަވެސް އެ އެއްބަސްވުމާ ހިލާފަށް އެމްޓީޑީސީން ގްރީން އޭރިއާގެ ގަސްތައް ކަނޑައި، އެ ތަނުގައި ބައެއް ސާމާނު ބަހައްޓާފައިވާ ކަމަށެވެ.
"ކުރީ ސަރުކާރު އޮތް އިރު ވެސް 27 ސިޓީ އަޅުގަނޑު ފޮނުވިން. ނަމަވެސް އެންމެ ހަތަރު ސިޓީ އަށް ޖަވާބު ލިބުނީ،" އިމާދު ވިދާޅުވި އެވެ.
މި ސަރަހައްދުގެ މައްސަލަ ބޮޑުވެ މި އަހަރުގެ ޖެނުއަރީ މަހު ޒުވާނުން އިސްނަގައިގެން ކުރި މުޒާހަރާ ވެސް ހޫނުވެ ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.
ދަތުރުފަތުރުގެ ސަބަބުން ބޮޑު ހޭދައެއް ކުރަންޖެހުމާއި މާލީ ތަފާތު މައްސަލަތަކާ ހުރެ އެމްޓީޑީސީން ސިޓީ ހޮޓަލުގެ މަސައްކަތް ހުއްޓައިލި އިރު ގާތްގަނޑަށް 40 ޕަސެންޓް މަސައްކަތް ނިމި 96 މިލިއަނެއްހާ ރުފިޔާ ހޭދަވެފައިވާނެ ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ.
އުލިގަމު ސިޓީ ހޮޓަލުގެ މައްސަލާގައި ރައްޔިތުން ޕެޓިޝަނެއް ހުށަހަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ