ޕީޕީއެމްގެ އެއްވެސް ޕާލިމެންޓްރީ މެމްބަރަކު އެހެން އެއްވެސް ޕާޓީއަކަށް ދާން ހަމަޖެހިފައެއް ނެތް: އުމަރު

ޕީޕީއެމްގެ އެއްވެސް ޕާލިމެންޓްރީ މެމްބަރަކު އެހެން އެއްވެސް ޕާޓީއަކަށް ދާން ހަމަޖެހިފައި ނެތް ކަމަށް އެ ޕާޓީގެ އިންތިގާލީ ނާއިބު ރައީސް އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން މި ވިދާޅުވީ ޖުމްހޫރީ ޕާޓީ އަށް ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުންދާން އުޅޭ ކަމުގެ ހަބަރު ފެތުރިފައިވަނި ކޮށެވެ. ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ޕީޕީއެމް އަށް ނިސްބަތްވާ އައްޑޫ މެމްބަރުން އެޕާޓީގެ މެމްބަރުންނަށްދިން ކެއުމެއްގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން އެޕާޓީގައި މަސައްކަތްކުރަމުން ދަނީ ފައިސާގެ ދަހިވެތިކަމުގައި ނޫން ކަމަށެވެ.
"މިފަހަކަށް އައިސް ޕީޕީއެމްގެ ބައެއް ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރުން އެހެން ޕާޓީތަކަކަށް ސޮއިކުރަން އުޅޭކަމުގެ ދޮގު ހަބަރުތަކެއް ރަށުތެރޭ އެބަ ހިނގާ. އަދި އެވާހަކަ އަޅުގަނޑަށް ވެސް ފޯނުކޮށްފައި ވަރަށް ގިނައިން އަހަމުން ގެންދޭ. އަޅުގަނޑު ހަމަ ޕީޕީއެމްގެ ހުރިހާ ބޭފުޅުންނަށް ޔަގީންކޮށް އަރުވާނީ ޕީޕީއެމްގެ އެއްވެސް ޕާލިމެންޓްރީ މެމްބަރަކު އެހެން އެއްވެސް ޕާޓީއަކަށް ދާން ހަމަޖެހިފައެއް ނެތޭ. އަދި ނުވެސްދާނޭ،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އެޕާޓީގެ ޕާލިމެމްންޓްރީ ގްރޫޕާއި ކައުންސިލުން މަސައްކަތްކުރަނީ ދީނާ ގައުމުގެ ދިފާއުގައި ކަމަށެވެ. އެހެންކަމުން ޕީޕީއެމްގެ މެމްބަރުން އެޕާޓީދޫކޮށް ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕާޓީތަކުން މެމްބަރުން އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ވަރަށް ގާތުން ބަލަމުންދާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހާއްސަކޮށް ޖުމްހޫރީ ޕާޓީ އަށް މެމްބަރުން އިތުރު ކުރުމަށް ހަރަކާތްތަކެއް ހިންގަމުން އަންނަ ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީއާ ގުޅޭ މެމްބަރުންނަކީ ޕީޕީއެމްގެ "ފުރާޅުން ޓިނު ނައްޓުވައިގެން ގޮސް ޖުމްހޫރީ ޕާޓީގެ ފުރާޅުގައި ޓިނުޖެހުން ނޫން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރާ މެމްބަރުންނަކީ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުން ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީ އަށް މެމްބަރުން އިތުރުކުރުމަށް ޕީޕީއެމް އިން މަރުހަބާ ކިޔާ ކަމަށާއި ޖުމްހޫރި ޕާޓީ އަށް މެމްބަރުން އިތުރުވުމަކީ ޕީޕީއެމް އަށް ލިބޭ ފައިދާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން މެމްބަރުން އިތުރުކުރަންކުރާ މަސައްކަތުން އެމްޑީޕީގެ މެމްބަރުން މަދުވެ، އެމްޑީޕީ އަށް ލިބޭ ވޯޓުގެ އަދަދު ފުރަތަމަ ބުރުގައި މަދުވެގެންދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ޕީޕީއެމް އަށް ސިޔާސީ ގޮތުން ފައިދާތަކެއް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ އަނެއް އިންތިގާލީ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަހީމް އަބްދުﷲ ވެސް ވިދާޅުވީ ޕީޕީއެމް އިން ވަކިވުމަށް އެއްވެސް ޕާލިމެންޓްރީ މެމްބަރަކު މަސައްކަތްނުކުރާ ކަމަށެވެ. އަދި ޕީޕީއެމްގެ ޕާލިމެންޓްރީ މެމްބަރުން ވަކިވާންވީ ދުވަސް މާޒީވެ ހިނގެއްޖެ ކަމަށާއި މިހާރު އެޕާޓީއަކީ ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަބުދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިދައުރު ނިމެންވާއިރަށް ޕީޕީއެމްއަކީ މަޖިލީހުގެ މެޖޯރިޓީ ޕާޓީއަށް ވުމަށް މަސައްކަތްތަކެއްކުރަމުން އަންނަ ކަމަށެވެ. އަދި އެކަން ކާމިޔާބުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ އިންތިގާލީ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ޕީޕީއެމްގެ އަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަށް ހެދުމަށް މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ.
"ޕާޓީގައި ރަޖިސްޓްރީވެފައިވާ އަދަދަކީ 22،000 ކޮންމެ ވެސް ވަރެއް. އެހެން ނަމަވެސް އެއީ އަޅުގަނޑުމެން ހިތްހަމަޖެހޭ އަދަދެއް ނޫން. އަޅުގަނޑުމެންގެ ޕާޓީއަށް ގުޅިވަޑައިގަންނަވަން އެދިވަޑައިގަންނަވާ ވަރަށް ގިނަ މެމްބަރުން، އަދި ހަގީގަތުގައި ޕާޓީއަށް ވަނުމުގެ ފޯމުގައި ސޮއިކުރައްވާފައި ތިބި ބޭފުޅުން ވަރަށް ގިނަ އަތޮޅުތަކުގައި އެބަތިއްބެވި. އަޅުގަނޑުމެންނަށް ޖެހޭނީ އެ އަތޮޅުތަކަށް ޒިޔާރަތްކޮށް އެ ފޯމުތަކާ ހަވާލުވާން. އެހެންވީމަ އިރާދަކުރެއްވީޔާ ކުރިޔަށް އޮތްތާ އަޅުގަނޑުމެން ދަތުރުތައް އެގޮތަށް ރާވައިގެން ކުރިޔަށް ގެންދާނަން. އޭގެ ސަބަބުން އަޅުގަނޑު އުންމީދުކުރާ ގޮތުގައި ވަރަށް އަވަހަށް އަޅުގަނޑުމެންގެ މެމްބަރުންގެ އަދަދު 30،000 އަރާނެ،" މައުމޫން ވިދާޅުވި އެވެ.
ކުރީގެ ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އަށް މެމްބަރުން ގިނަ ކުރުމަށް މާލެ ފިޔަވާއި ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ އަތޮޅުގައި މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނު ހިމެނިވަޑައިގަންނަވާ ގޮތަށް ޕީޕީއެމްގެ ވަރަށް ބޮޑު ޓީމެއް އައްޑޫ އަށް ދާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ