ޠައްޔިބް ޝަހީމް ދޫކޮށްލުމަށް ހައި ކޯޓުން އަމުރުކޮށްފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފައި ހުރި ސޯޝަލް މީޑިއާ އެކްޓިވިސްޓް، ޠައްޔިބް ޝަހީމް ދޫކޮށްލަން ހައިކޯޓުން އަމުރުކޮށްފި އެވެ.
ހައިކޯޓުން މިއަދު ތައްޔިބު ދޫކޮށްލުމަށް އަމުރުކުރީ އޭނާއަށް ޝަރުތުތަކެއް ކުރިމަތިކުރުމަށްފަހުގަ އެވެ. އެ ޝަރުތުތަކަކީ ސަރުކާރު ބަދުނާމުކޮށް ވާހަކަ ނުދެއްކުމަށާއި, ރާއްޖޭން 60 ދުވަސް ވަންދެން ބޭރަށް ފުރައިގެން ނުދިއުމަށާއި, ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމެވެ.
ތޮއްޔިބްގެ ގާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވީ ޠައްޔިބްގެ މައްޗަށް އެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އެޗްވަންއެންވަންއާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ޠައްޔިބް ކޮށްފައިވާ ޓްވީޓެއް ނުވަތަ ސޯޝަލް މީޑިއާގައި ދައްކާފައިވާ ވާހަކައެއް ފުލުހުންނަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފެއްދުމަށް ތައްޔިބް ދައްކާފައިވާ އެހެނިހެން ވާހަކަތަކަކީ ކޮބައިކަން ވެސް ފުލުހުންނަށް ބުނެެދެވިފައި ނުވާ ކަމަށް މަހުފޫޒް ވިދާޅުވިއެވެ.
އެޗްވަންއެންވަން ވައިރަސްއާ ގުޅޭ ގޮތުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކާ ކަމަށް ބުނެ މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ރޭ ޠައްޔިބް ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ސެންސިޓިވް އެންޑް ކޮންފިޑެންޝަލް އިންވެސްޓިގޭޝަން ޔުނިޓުން ބަލަމުންދިޔަ މައްސަލައަކާއި ގުޅިގެން އޭނާ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުވެސް ކުރުމަށްފަހުގައެވެ.
ޠައްޔިބަކީ ސޯޝަލް މީޑިއާގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާ މީހެކެވެ. އަދި ސަރުކާރުގެ އިސްވެރިންނާއި، ސަރުކާރާ ގުޅުންހުރި ވަރަށް މުހިއްމު ބޮޑެތި ބައެއް މައްސަލަތައް ވެސް އޭނާ ވަނީ ސޯޝަލް މީޑިއާގައި ފަޅާއަރުވާލާފަ އެވެ.
މީގެ ކުރިން ފުލުހުންގެ އިދާރާއަށް ޠައްޔިބް ހާޒިރުކޮށް ވަކި މުއްދަތަކަށް އޭނާގެ ފޯން ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ބާއްވާފައިވެއެވެ.
ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ