ފިޔޯރީ އަށް އެންމެ ފަހުން ކަރަންޓު ދީފި

ގދ. ފިޔޯރީގައި ހުރި ހަމައެކަނި ޖަނަރޭޓަރު، އަލިފާނުގެ ހާދިސާއެއްގައި ހަލާކުވެ، ކަރަންޓު ދިޔަތާ ދެ ދުވަސް ވާން ކައިރިވެފައި ވަނިކޮށް ރޭ ފަތިހު ކަރަންޓް ދީފި އެވެ.
މިދިއަ ހުކުރުދުވަހު މެންދުރު ވަގުތު ހިނގި އަލިފާނުގެ މި ހާދިސާގައި އެތަނުގެ މުވައްޒަފެއް ކަމަށްވާ އުމުރުން 26 އަހަރުގެ ނާޒިދު އަބްދުﷲ ވަނީ ނިޔާވެފަ އެވެ.
ފިޔޯރީ އަށް ކަރަންޓް ދިނީ ގއ. ދެއްވަދޫން 180 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންގޮސްގެންނެވެ. އެރަށަށް ދާއިމީ ގޮތެއްގައި ކަރަންޓު ދޭން މަހެއްހާ ދުވަސް ނަގާނެ ކަމަށް ފެނަކަ އިން ބުންޏެވެ.
ފެނަކައިން ބުނީ ފިޔޯރީ އިންޖީނުގެއަށް ބަދަލުތައް ގެނެސް، ދާއިމީ ގޮތެއްގައި ކަރަންޓު ދޭން މިހާރު ފަށާފައިވާ މަސައްކަތުގައި ބައެއް އަތޮޅުތަކުގެ ބްރާންޗުތަކުގެ މުވައްޒަފުން ވެސް ބައިވެރިވަމުން އަންނަ ކަމަށެވެ.
"އިމާރާތަށް ގެންނަން ޖެހޭ ބަދަލުތަކާއި ކޭބަލް ނެޓްވޯކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، މި މަސައްކަތް މުޅިން ނިމި ފިޔޯރީ އަށް ދާއިމީ ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށް ލަފާ ކުރެވެ އެވެ،" ފެނަކަ އިން ނެރުނު ބަޔާނުގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ