ސުޕްރީމް ކޯޓުގެ އެންގުމާ އެކު ކްރިމިނަލް ކޯޓުގައި ޝަރީއަތްތައް ކުރިއަށް ގެންދިޔަ ނަމަވެސް އެ ކޯޓަށް މައްސަލަ ބަލައިގަތުން މަޑުޖައްސާލާފައި އޮތް މައްސަލަ ވެސް އިސްތިއުނާފަށް ހުށަހަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.
ޕީޖީއަކު ނެތި 30 ދުވަސް ވެފައިވާތީ ކްރިމިނަލް ކޯޓަށް މައްސަލަތައް ބަލައިގަތުމާއި ޝަރީއަތްތައް ކުރިއަށް ގެންދިއުން މަޑުޖައްސާލަން ނިންމީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ. އެގޮތަށް ނިންމާފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ ޝަރީއަތްތަކާއި "ޟަރޫރީ ކަންކަން" ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓަށް އަންގައިފަ އެވެ.
ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ މައްސަލަތައް ބަލައިނުގަންނަ ސަބަބު ލިޔުމުން ހޯދުމަށް ކޯޓުގައި އެދިފައިވާނެ ކަމަށާއި ލިބުނުހާ އަވަހަކަށް ވަކި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ވެސް ހައި ކޯޓުގައި އިސްތިއުނާފްކުރާނެ ކަމަށެވެ. އަދި މައްސަލަތައް ބަލައިނުގަންނަން ނިންމުމުގެ ސަބަބުން 100 އެއްހާ މީހުންގެ މައްސަލަ އެ ކޯޓަށް ނުފޮނުވި އެބައޮތް ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
"މީގެ ތެރޭގައި އެބަތިބި ހައްޔަރުގައި ތިބި މީހުންގެ މައްސަލަތައް ވެސް، އެހެންވީމާ އެ މީހުންގެ ހައްގުތަކެއް ވެސް ގެއްލިގެން އެބަދޭ،" ޝަމީމް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝަރީއަތްތައް ކުރިއަށް ގެންދިޔަ ނަމަވެސް މައްސަލަ ބަލައިގަތުން މަޑުޖައްސާލާފައި އޮތީ ސުޕްރީމް ކޯޓުގެ އެ އެންގުމުގައި ވެސް މައްސަލަތައް ބަލައިގަތުމަށް އަންގާފައިނުވާތީ ކަމަށެވެ.
"އެގޮތަށް އަންގާފައިނުވާތީ އެކަމުގައި ވަކި ގޮތެއް ނިންމަންދެން މައްސަލަތައް ބަލައި ނުގަންނަނީ،" އޮފިޝަލް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް މަޑުޖައްސާލަން ނިންމި ނިންމުމާ މެދު ހިތްހަމަނުޖެހިގެން ޕީޖީ އޮފީހުން ވަނީ އެ މައްސަލަ ވެސް ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލަ އިސްތިއުނާފްކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުގެ އެ އެންގުމާ އެކު ޝަރީއަތްތައް ފެށި ނަމަވެސް މައްސަލަތައް ބަލައިނުގަންނާތީ އިސްތިއުނާފް މައްސަލަ އަނބުރާ ނުގެންނަން ޕީޖީ އޮފީހުން ވަނީ ނިންމައިފަ އެވެ.
ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފަ އެވެ. އެ ނަން މަޖިލީހުގެ ކޮމެޓީން ދިރާސާކުރުމުގެ މަސައްކަތް ނުނިމި އުޅެނިކޮށް މަޖިލިސް ވަނީ ޗުއްޓީ އަށް ގޮސްފަ އެވެ. މަޖިލިސް ދެން ހުޅުވޭނީ އަންނަ މާޗް މަހު އެވެ.
ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައިނުގަންނަ މައްސަލަ ވެސް އިސްތިއުނާފް ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ