މިދިޔަ އަހަރު ޖުވެނައިލް ކޯޓުން ނިންމި މައްސަލަތަކުގެ އަދަދު އޭގެ ކުރީ އަހަރަށްވުރެ އިތުރުވެފައިވާ ކަމަށް އެ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ ކޯޓުން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 2012 ވަނަ އަހަރު އެ ކޯޓުން ނިންމީ 94 މައްސަލަ ނަމަވެސް މިދިޔަ އަހަރު އެ ކޯޓުން ވަނީ 125 މައްސަލައެއް ނިންމައިފަ އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމުގެ މައްސަލަތައް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އެގޮތުން އެ ބާވަތުގެ 54 މައްސަލައެއް މިދިޔަ އަހަރު ނިންމި އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން 2012 ވަނަ އަހަރަށްވުރެ ގިނަ މައްސަލަތައް މިދިޔަ އަހަރު ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އެ ކޯޓަށް ހުށަހެޅި އެވެ. އެގޮތުން 2012 ވަނަ އަހަރު 83 މައްސަލަ ހުށަހެޅި ނަމަވެސް މިދިޔަ އަހަރު ވަނީ 103 މައްސަލައެއް ހުށަހަޅައިފަ އެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އެ ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަދު މިދިޔަ އަހަރު އިތުރުވި ނަމަވެސް ކުށުގެ ތުހުމަތުގައި ބަންދާ މެދު ގޮތެއް ނިންމުމަށްޓަކައި ފުލުހުން މިދިޔަ އަހަރު އެ ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަދު އޭގެ ކުރީ އަހަރަށްވުރެ ވަނީ މަދުވެފަ އެވެ. އެގޮތުން 2012 ވަނަ އަހަރު ހުށަހެޅީ އެ ބާވަތުގެ 666 މައްސަލަ ނަމަވެސް މިދިޔަ އަހަރު ހުށަހެޅުނީ އެ ބާވަތުގެ 584 މައްސަލަ އެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް އެދި ހުށަހެޅި ހުރިހާ މައްސަލަތަކެއް ވެސް އެ ކޯޓުން ވަނީ ނިންމައިފަ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ކޯޓަށް ހުށަހެޅިފައިވަނީ 103 މައްސަލަ ނަމަވެސް އޭގެ ކުރީ އަހަރު ނިމުނުއިރު ނުނިމި ހުރި 43 މައްސަލައަކާއެކު ޖުމްލަ 146 މައްސަލައެއްގެ ޝަރީއަތް މިދިޔަ އަހަރު އެ ކޯޓުން ހިންގާފައިވެ އެވެ.
މައްސަލައެއް ކޯޓުން ނިންމާތާ 14 ދުވަސް ތެރޭގައި އެ މައްސަލައެއް ނިންމި ގޮތުގެ ރިޕޯޓް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވަންޖެހޭއިރު މިދިޔަ އަހަރު ރިޕޯޓް ފޮނުވަންޖެހޭ 66 މައްސަލައިގެ ތެރެއިން 65 މައްސަލައެއްގެ ރިޕޯޓް ފޮނުވާފައިވާކަން ވެސް ހިސާބުތަކުން ދައްކަ އެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު އެ ކޯޓުގައި ބާކީ އޮތީ އެންމެ 24 މައްސަލަ އެވެ. އެ ކޯޓުން ނިންމާ މައްސަލަތަކުގެ އަދަދު އިތުރުވި ނަމަވެސް 2011 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް އެ ކޯޓުގައި މަސައްކަތް ކުރައްވަނީ އެންމެ ދެ ފަނޑިޔާރުންނެވެ. އެއީ އެ ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ މުހައްމަދު ނައީމާއި ގާޒީ އަހުމަދު ޝަކީލެވެ.
މިދިޔަ އަހަރު ޖުވެނައިލް ކޯޓުން ނިންމި މައްސަލަތައް އިތުރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ