ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ތާއީދު ހޯދަން މަސައްކަތް ކުރުމުގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރީ ކުށެއް ކަމަށް ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.
މަސީހުގެ އިތުބާރު ނެތް ކަމަށް ނެގި ވޯޓާ ގުޅިގެން މަޖިލީހުގެ މެމްބަރުންނަށް ގާސިމް ރިޝްވަތު ހުށަހަޅަން އުޅުނު ކަމަށް ބުނެ ތިން ދައުވާއެއް ގާސިމްގެ މައްޗަށް ކުރެ އެވެ. އެއީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަށް ނުފޫޒެއް ފޯރުވަން އުޅުމުގެ ދައުވާ އާއި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.
ގާސިމަށް ކުރާ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާގައި ގާސިމްގެ ވަކީލުން ކުރިން ފާހަގަކޮށްފައިވާ ކަންކަމަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ގާސިމް ވާހަކަ ދެއްކެވީ މަޖިލީހުގެ މެމްބަރުންނަށް އަމާޒުކޮށް ކަމަށާއި މަސީހާ ދެކޮޅަށް ވޯޓު ދީފި ނަމަ ހުރިހާ ގޮތަކުން ވެސް އެހީވާނެ ކަމަށް ގާސިމް ވިދާޅުވުމަކީ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުން ކަމަށް ބެލެވޭނެ ކަމަށް ވަކީލާ ވިދާޅުވި އެވެ. ގާސިމް އެ ވާހަކައަކީ ތާއީދު ހޯދަން ދެއްކި ވާހަކައެއް ކަމަށް ދިފާއީ ވަކީލުން ބުންޏަސް ތާއީދު ހޯދުމުގެ ގޮތުން ވިޔަސް ކުށެއް ނުކުރެވޭނެ ކަމަށާއި ގާސިމް ދެއްކެވި ވާހަކައިގައި ކުށެއް ކުރަން އުޅެފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
ގާސިމް ރިޝްވަތު ހުށަހެޅީ ކާކަށް ކަން އެނގެން ނެތް ކަމަށް ގާސިމްގެ ވަކީލުން ބުނެފައިވާ ބުނުމަށް ރައްދު ދެއްވައި، ދައުލަތުގެ ވަކީލާ ވިދާޅުވީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ކުށް ފުރިހަމަވުމުގައި ރިޝްވަތު ހުށަހެޅުނު މީހަކު ހުރުން ލާޒިމް ނުވާ ކަމަށެވެ.
ގާސިމްގެ އެ ވާހަކައަކީ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމުގެ ތެރެއިން ދެއްކެވި ވާހަކައެއް ކަމަށް ދިފާއި ވަކީލުން ބުނެފައިވާތީ ދައުލަތުން ބުނީ ޚިޔާލު ފާޅު ކުރުމާއި ވާހަކަ ދެއްކުމާއި އެއީ ދެ ކަމެއް ކަމަށެވެ. ގާސިމް ފާޅުކުރީ ޚިޔާލެއް ނޫން ކަމަށާއި އެއީ ވާހަކައެއް ދެއްކުން ކަމަށް ދައުލަތުން ބުންޏެވެ.
ފަނޑިޔާރުން ކުރެއްވި ސުވާލެއްގެ ޖަވާބުގައި ދައުލަތުން ބުނީ މިފަދަ ވާހަކަތަކާ ގުޅިގެން ކުރިން ވެސް ދައުވާ ކޮށްފައިވާނެ ކަމަށެވެ. އެކަމަކު އޭގެ ތަފްސީލުުތައް ޖެހޭނީ ސާފުކުރަން ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުގެ ޖަވާބާ ގުޅިގެން ދިފާއީ ވަކީލުން ވަނީ ދައުވާއާ މެދު އުފައްދާފައިވާ ސުވާލުތަކަށް އަދިވެސް ޖަވާބު ނުލިބޭ ކަމަށް ބުނެފަ އެވެ. މީހަކަށް އެހީވާނެ ކަމަށް ބުނުމަކީ ކުށަކަށް ނުވަތަ ހުއްދަ ނޫން ކަމަކަށް ވަނީ ކިހިނެތް ކަން އަދިވެސް ސާފުނުވާ ކަމަށް ދިފާއީ ވަކީލުން ބުންޏެވެ. ވާހަކަ ދެއްކުމާއި ޚިޔާލު ފާޅު ކުރުމަކީ ތަފާތު ކަމަކަށް ވާނެ ގޮތެއް ނޯންނާނެ ކަމަށް ވަކީލުން ބުންޏެވެ.
"މީހަކު ކިހިނެތް ތޯ ވާހަކައެއް ދައްކާނީ އެ މީހެއްގެ ޚިޔާލަށް އެ ވާހަކައެއް ނުގެނެސް؟. ޚިޔާލަށް ނުގެނެސް ވާހަކަ ދެއްކޭ ނަމަ މި ދައުވާ ވެސް މިގޮތަށް ކުރެވިގެން ނުވާނެ،" ގާސިމްގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވި އެވެ.
ރިޝްވަތު ހުށަހެޅި ކަމަށް ބުނާ ދައުވާއާ ގުޅިގެން ދެ ފަރާތުން މިއަދު ވަނީ ހެކި ހުށަހަޅައިފަ އެވެ. ދައުލަތުން ހުށަހެޅީ ގާސިމް ދެއްކެވި ވާހަކަތަކުގެ ވީޑިއޯ އާއި އެ ވާހަކަތަކުގެ ވީޑިއޯ އެނަލިސިސް ރިޕޯޓާއި އެ ރިޕޯޓް ތައްޔާރުކުރި ފަރާތެވެ.
ގާސިމްގެ ވަކީލުން ހުށަހެޅި ހެކިތަކަކީ އެފަދަ ވާހަކަތައް ދެއްކުމަކީ އެހެން ގައުމުތަކުގައި ވެސް ކުރާ ކަމެއް ކަން ސާބިތުކޮށް ދިނުމަށް އެމެރިކާގައި އެކަމާ ބެހޭގޮތުން ފާސްކޮށްފައިވާ ގާނޫނަކާއި އެކަން އެ ގައުމުގައި ކުރާ ގޮތުގެ ލިޔުމެކެވެ. އަދި މީގެކުރިން ރާއްޖޭގައި ސިޔާސީ ފަރާތްތަކުން މިފަދަ ވާހަކަތައް ދައްކާފައިވާ ކަމުގެ ވީޑިއޯ އާއި 2013 ގެ ޕީޕީއެމް މެނިފެސްޓޯ ވެސް ދައުލަތުން ހުށަހެޅި އެވެ.
"ނުފޫޒު ފޯރުވަން އުޅުމަކީ ކުށެއް ނޫން"
ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އަށް ޖަވާބުދާރީވަމުން ގާސިމްގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ ބައެއް ކުށްތަކަކީ އެ ކުށެއް ކުރަން އުޅުން އެއީ ކުށެއް ކަމަށް ނުބެލެވޭނެ ފަދަ ކަންކަން ކަމަށެވެ. މިސްރުގެ އަޒްހަރު ޔުނިވާސިޓީގެ ޕްރޮފެސަރަކު ލިޔުއްވި ފޮތަކާ ހަވާލާ ދެއްވައި، މިސާލެއްގެ ގޮތުން ނޫރު ފާހަގަ ކުރެއްވީ ރޯދަ މަހު ރޯދަ ދޫކޮށްލުމެވެ. ރޯދަ ދޫކޮށްލުމަކީ ކުށެއް ކަމަށްވިޔަސް ރޯދަ ދޫކޮށްލާނަމޭ މީހަކު ބުނުމަކުން އެކަން ކުށަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ހުކުމަކާ ހަވާލާ ދެއްވައި، ނޫރު ވިދާޅުވީ ކުށް ކުރުމުގައި ހަތަރު މަރުހަލާއެއް އޮންނަ ކަމަށެވެ. އެއީ ކުށެއް ކުރަން ނިންމާ މަރުހަލާ އާއި އެކަމުގެ ތައްޔާރީތައް ފަށާ މަރުހަލާ އާއި އެކަން ތަންފީޒު ކުރަން ފަށާ މަރުހަލާ އަދި ކުށުގެ އަމަލު ހިންގާ މަރުހަލާ ކަމަށާއި އޭގެ ތެރެއިން އެންމެ ފުރަތަމަ ދެ މަރުހަލާގައި ކުރާ ކަންކަމަކީ ކުށެއް ކަމަށް ނުބެލެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ކަމަށް ނޫރު ވިދާޅުވި އެވެ. އެގޮތަށް މި މައްސަލާގައި ވެސް ނުފޫޒެއް ފޯރުވަން އުޅުނު ކަމަށް ބުނާއިރު ނުފޫޒެއް ފޯރުވަން އުޅުނު ކަން އެނގޭނެ އެއްވެސް ހެއްކެއް ނެތި އެކަން ކުށަކަށް ނުވާނެ ކަމަށް ނޫރު ވިދާޅުވި އެވެ.
ނުފޫޒު ފޯރުވަން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ދައުވާގައި ދައުލަތުން އެ ކުށް ދަރަޖަ ކޮށްފައި އޮތީ ފުރިހަމަ ނުވާ ކުށެއްގެ ދަރަޖައިގަ އެވެ. އެކަމާ ގުޅޭގޮތުން ދިފާއީ ވަކީލުން ސުވާލު އުފެއްދެވިޔަސް ދައުލަތުން ބުނީ ދައުލަތުގެ ހެކިތަކުން ފަހުން އެކަން ސާފުވާނެ ކަމަށެވެ. ގާސިމްގެ ވަކީލުން ފާހަގަ ކުރި ކަންކަމަށް ދެން އޮންނަ އަޑުއެހުމެއްގައި ދައުލަތުން ޖަވާބުދޭނެ އެވެ.
ތާއީދު ހޯދަން ވިޔަސް ގާސިމް ކުރީ ކުށެއް: ދައުލަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ