ގާސިމް އިބުރާހިމް ހައްޔަރު ކުރުމަކީ ރާއްޖޭގައި އިންވެސްޓްކުރަން ތިބި ވިޔަފާރިވެރިންނަށް ސަރުކާރުން ދިން ވަރަށް ނުބައި މެސެޖެއް ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އިބުރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ.
ގާސިމް އިބުރާހިމްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކުރިމިނަލްކޯޓަށް ހާޟިރު ކުރި ވަގުތު އެސަރަހައްދުގައި ހުންނަވައި ރާއްޖޭގެ މީޑިޔާތަކަށް ދެއްވި ބަސްދީގަތުމުގައި، އިބުރާހިމް ރަޝީދު ވިދާޅުވީ، ޤާސިމް އިބުރާހިމަކީ މުޖުތަމައަށް ނުރައްކާތެރި ބޭފުޅެއްކަމަށް ބުނެ އެމަނިކުފާނު ހައްޔަރުކޮށްގެން ގެންގުޅޭ ގެންގުޅުން ރައްޔިތުން ޤަބޫލު ނުކުރާނެކަމުގައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބެލި ނަަމަވެސް ގާސިމް އިބުރާހިމް އަކީ އެންމެ ގިނަ އެނދު އުފެއްދެވި ބޭފުޅާ ކަމަށާއި، އަދި ދައުލަތަށް އެންމެ ގިނައިން ޓެކްސް ދައްކަވާ ބޭފުޅާ ކަމުގައި އޭނާވިދާޅުވިއެވެ. އެހެންކަމުން ޤާސިމް އިބުރާހިމް ހައްޔަރުކޮށް ޖަލަށް ލުމަކީ އެކަމުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށްވެސް އަސަރުކުރާނެ ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން އިންވެސްޓަރުން ރާއްޖެއާއި މެދު ދެކޭގޮތްވެސް ބަދަލުވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.
" އެބޭފުޅާ ގެންގޮސް ޖަލަށްލާފައި ހައްޔަރު ކުރުމަކީ ސީދާ ދިވެހިރާއްޖޭގެ ސަރުކާރުން ބައިނަލް އަޤުވަމީ މުޖުތަމައަށް، ނުވަތަ އިންޓަރނޭޝަނަލް ކޮމިއުނިޓީގެ ވިޔަފާރިތަކަށް، ޚާއްސަކޮށް އިންވެސްޓަރުންނަށް ދޭ ވަރަށް ނުބައި މެސެޖެއް. މިކަމުގެ ސަބަބުން ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް އެތައް ބަޔަކު ފަސްޖެހިގެން ދާނެ." އިބުރާހިމް ރަޝީދު ވިދާޅުވިއެވެ.
އިބުރާހިމް ރަޝީދު ވިދާޅުވީ، ސަރުކާރުން ގާސިމް އިބުރާހިމް ހައްޔަރު ކުރުމުގެ ބޭނުމަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުން ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައެވެ. އޭނާ ވިދާޅުވީ، ޤާސިމް އިބުރާހިމަކީ ދިވެހި ރައްޔިތުންނަށް ނުހަނު ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާ ބޭފުޅެއް ކަމަށާއި އެހެން ކަމުން އެމަނިކުފާނަކީ، މުޖުތަމައަށް ހުރި ނުރައްކަލެއް ކަމުގައި ދިވެހި ރައްޔިތުން ޤަބޫލު ނުކުރާނެ ކަމުގައެވެ.
ފުލުހުންނަށާއި ފުލުހުންގެ އިދާރާއަށް ފާޑުވިދާޅުވެ އިބްރާހިމް ރަޝިދު ވިދާޅުވީ، ރައްޔިތުންނަށް އަދުލު އިންސާފު ިލިބޭނީވެސް ތަހުޤީޤީ އިދާރާތަކަކީ އަދި ފުލުހުންނަކީ އިންސާފަށް ލޯބިކުރާ ޤާބިލް ބަޔަކަށް ވެގެން ކަމުގައެވެ.
ޤާސިމް އިބުރާހިމް ހުސްވި އޭޕްރީލްމަހުގެ 21 ވަނަ ދުވަހު ފުލުހުން ކުއްލިގޮތަކަށް ހައްޔަރުކުރި އިރު އޭޕްރީލް 22 ގައި އެމަނިކުފާނުގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ. އަދި ބަންދުގެ މުއްދަތު މާދަމާއަށް ހަމަވާތީ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން މިއަދު ކުރިމިނަލްކޯޓުގައި އެދުމުން އިތުރު 4 ދުވަސް ބަންދުގައި ބެހެއްޓުމުގެ އަމުރު ކުރިމިނަލްކޯޓުން މިއަދު ވަނީ ދީފައެވެ.
ގާސިމް ހައްޔަރު ކުރުމަކީ އިންވެސްޓަރުންނަށް ދިން ނުބައި މެސެޖެއް - އިބްރާހިމް ރަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ