ޖަލުގައި ހުންނަން ޖެހުނަސް އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ޒިންމާ ނަގާނެ ކަމަށް ތޮލްހަތު ވިދާޅުވި: މޭޖަ ޖެނެރަލް ޝިޔާމް
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ)ހައްޔަރުކުރި މައްސަލާގައި ޓެރަރިޒަމް ދައުވާ އުފުލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާ ދެކޮޅަށް މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނަރަލް އަހްމަދު ޝިޔާމް މިއަދު ހެކިބަސް ދެއްވައިފި އެވެ. ތޮލްހަތުގެ މައްޗަށް ދައުވާ އުފުލަނީ ޑިފެންސް މިނިސްޓަރު ކަމުގައި ހުންނަވައިގެން، އަބްދުﷲ ގާޒީ ހައްޔަރުކުރާނެ ގޮތް ރާވައި ހިންގައި، ގިރިފުށީގައި އޭނާ ބެހެއްޓި ކަމުގެ ކުށުގެ ތުހުމަތުގަ އެވެ މިއަދު ހަވީރު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގައި މޭޖަ ޖެނެރަލް ޝިޔާމް ވިދާޅުވި ގޮތުގައި، އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ނިންމާފައިވާ ކަމަށް ސިފައިންގެ މަޝްވަރާ ދޭ މަޖިލީހުގެ ބައްދަލުވުމެއްގައި ތޮލްހަތު ވަނީ ވިދާޅުވެފަ އެވެ. އަދި "40 އަހަރު ޖަލުގައި އޮނަން ޖެހުނަސް އަބްދުﷲ ގާޒީ ހައްޔަރުކުރުމުގެ ޒިންމާ އޭނާ ނަންގަވާނެ ކަމަށް" އެ ދުވަހު ތޮލްހަތު ވިދާޅުވެފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އަދި އެހެން ތޮލްހަތު ވިދާޅުވީ، އެކަން ކުރުމަށް އެ ބައްދަލުވުމުގައި ބައިވެރިވި އެންމެން ދެކޮޅު ހެދުމުން ކަމަށް ޝިޔާމް ވިދާޅުވި އެވެ. ނަމަވެސް އަބްދުﷲ ގާޒީ ހައްޔަރުކުރަން އެއްވެސް މީހެއްގެ މައްޗަށް ތޮލްހަތު އަމުރު ކުރިކަން އެނގިވަޑައިގެންފައި ނުވާ ކަމަށް އޭރުގެ ބްރިގޭޑިއާ ޖެނެރަލް ޝިޔާމް ވިދާޅުވި އެވެ. "އަބްދުﷲ ގާޒީ ހައްޔަރުކުރަން ދައުލަތަށް ފެންނަ ކަމަށް ވިދާޅުވީ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެގެންނޭ ބުނި ހަނދާނެއް ނުވޭ،" އޭނާ ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވީ، އެ އޮޕަރޭޝަން ހިނގާފައިވާ ގޮތަށް ބަލާއިރު، އެކަމުގެ ޒިންމާ ހަމައެކަނި ނަންގަންވަން ޖެހޭނީ އޭރު ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް މުހައްމަދު ނަޝީދާއި ޑިފެންސް މިނިސްޓަރު ތޮލްހަތު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަބްދުﷲ ގާޒީ ގިރިފުށީގައި ހުރި ދުވަސްވަރު، އޭނާގެ މެޑިކަލް ކަންކަން ބެލެހެއްޓުމާ ހަވާލުވެ ހުންނެވި އެމްއެންޑީއެފްގެ މެޑިކަލް ސާވިސްގެ ކޮމާންޑިން އޮފިސަރު ޑރ. އަބްދުﷲ ޝާހިދު ވެސް ވަނީ، މި މައްސަލާގައި މިއަދު ހެކިބަސް ދެއްވައިފަ އެވެ. ޝާހިދު ވިދާޅުވީ، އަބްދުﷲ ގާޒީ ގިރީފުށީގައި ބަހައްޓާފައި ހުރި ދުވަސްތަކުގައި، ތޮލްހަތު އޭނާ އަށް ގުޅުއްވައި، އަބްދުﷲ ގާޒީގެ ހާލު ބެއްލެވި ކަމަށެވެ. އަދި އަބްދުﷲ ގާޒީގެ އަރިހަށް ނަފްސާނީ ޑޮކްޓަރެއް ފޮނުވައި ދެއްވާނެ ކަމަށް ތޮލްހަތު މެސެޖަކުން ވިދާޅުވި ކަމަށް ޝާހިދު ވިދާޅުވި އެވެ. އަބްދުﷲ ގާޒީ ދޫކޮށް ނުލާނެ ކަމަށް ތޮލްހަތު ވިދާޅުވި ކަމަށް މީގެ ކުރިން ވެސް ހެކި ބަސްދިން ބައެއް މީހުން ބުނެފައިވެ އެވެ. ނަމަވެސް އަބްދުﷲ ގާޒީ ބަންދުކުރުމާއި ގުޅޭ އެއްވެސް ކަމެއްގައި އަމުރެއް ކުރިކަމަށް އަދި އެއްވެސް ހެއްކެއް ބުނެފައެއް ނުވެ އެވެ. އަބްދުﷲ ގާޒީ ބަންދުކުރި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ ލިބޭ ހުރިހާ އެންމެންނާ ދެކޮޅަށް ހެކި ބަސްދިނުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ތެރޭގައި، ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު ފަސީހާއި ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް އަތީފާއި ކާނަލް ވައިސް ވަހީދު ހިމެނުނު ނަމަވެސް އެ ބޭފުޅުން ރާއްޖޭގައި ނޫޅުއްވަ އެވެ. އަބްދުﷲ ގާޒީ ބަންދުކޮށް، ގިރިފުށީގައި ބެހެއްޓި މައްސަލާގައި އޭރުގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި މާލޭ އޭރިޔާގެ ކުރީގެ ކޮމާންޑަރު އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދު މައްޗަށް ޓެރަރިޒަމް ކުށުގެ ދައުވާގެ އުފުލާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ