ގާޒީ މަރިޔަމް ވަހީދު މަގާމުން ދުރުކުރުން އެމްޑީޕީން ކުށްވެރިކޮށްފި

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު މަގާމުން ދުރުކުރުމުން އެމްޑީޕީން އެކަން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މަރިޔަމް ވަހީދު ގާޒީކަން ކުރެއްވުމުގެ ހައިސިއްޔަތު ސްޕްރީމް ކޯޓުން ނިގުޅައިގަނެފައިވަނީ އޭނާގެ ކުށަކާނުލައި އޭނާއަށް ދީފައިވާ އަދަބެއްގެ ގޮތުގައި ކަމަށެވެ.
"މަރިޔަމް ވަހީދާމެދު ފިޔަވަޅުއަޅާފައިވަނީ އޭނާ ގާޒީކަމުގައި ދެމިހުންނަވަނިކޮށް އޭނާގެ މައްޗަށް އެއްވެސް ތަހުގީގެއް ކުރެވި، ދައުވާއެއް އުފުލެވި، އަދި ޝަރީއަތެއް ހިންގުމެއް ނެތި، އަދި އޭނާއަށް ދިފާއުވުމުގެ ފުރުސަތެއް ލިބިވަޑައިގަތުމެއް ނެތި، "މަރިޔަމް ވަހީދުގެ ގާޒީކަމުގެ ހައިސިއްޔަތު ނިގުޅައިގަނެފައިވަނީ އިންސާފާއި ތަހުޒީބުގެ ހަމަތަކުގެ މައްޗަށް ބިނާވެގެންވާ އެއްވެސް ގައުމެއްގައި، އަދި ދިވެހިރާއްޖޭގައި ވެސް މިހާތަނަށް އަމަލުކޮށްފައިނުވާ ގޮތަކަށް" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
އިތުރަށް އެމްޑީޕީން ބުނެފައިވަނީ ގާޒީ މަރިޔަމް އާއި މެދު އެޅުއްވި ފިޔަވަޅަކީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާ ކަނޑައެޅިގެން ހިލާފަށް ފަނޑިޔާރަކާމެދު އަޅާފައިވާ ފިޔަވަޅެއް ކަމަށެވެ. އަދި އެއީ، ރާއްޖޭގައި މުސްތަގިއްލުކަމާއެކު ފަނޑިޔާރުކަންކުރައްވާ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއްކަމަށް ދެކޭކަމަށް އެބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ