ފްލެޓް ލިބުނު މީހުންނަށް ލުއި ގޮތްތަކެއް ހަމަޖައްސަން މައުމޫން އެދިވަޑައިގެންފި

ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން މާލެ އިން ފްލެޓް ލިބުނު މީހުންނަށް އެތަންތަނުގައި ދިރިއުޅެވޭނެ ފަދަ ލުއި އިންތިޒާމްތަކެއް ހަމަޖައްސައިދޭން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހައުސިން މިނިސްޓްރީގައި މިއަދު އެދިވަޑައިގެންފި އެވެ.
ކުރީގެ އަރަބިއްޔާ އާއި ގާކޮށި ހުރި ތަނުގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް، ގުރުއަތުން ހޮވުނު މީހުންގެ ތެރެއިން ލޯނު ލިބުނީ އެންމެ 26 ވުމުން، މީހުންނަށެވެ. އެހެންކަމުން ބާކީ ތިބި މީހުންނަށް ފްލެޓް ނުލިބުމުގެ ބިރު ވނީ ބޮޑުވެފަ އެވެ.
އެ ފްލެޓްތަކުގެ އަގު އުޅެނީ ދެ މިލިއަން ރުފިޔާ އަށެވެ.
މި މައްސަލާގައި ކަންބޮޑުވުންފާޅުކޮށް މައުމޫންގެ އޮފީހުން، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ފޮނުވި ސިޓީގައި މައުމޫން ވިދާޅުވީ މި ފިޔަވަހީގައި ފްލެޓް ލިބިފައިވާ ކަމުގެ ލިއުން ދީފައި ވަނީ، ޝަރުތު ހަމަވާ މީހުންނަށް ކަމަށް ދެކޭ ކަމަށެވެ. މި ފިޔަވަހިން ޝަރުތު ހަމަވެފައި ވަނީ، މާލީ ހާލަތާއި ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް ފަހު ހޮވާފައިވާ މީހުންނަށް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ސިޓީގައިވެ އެވެ.
އެކަމަކު ފަހުން، ޝަރުތު ބަދަލުކޮށް، ފްލެޓް ދޭން ހަމަޖެހިފައި ވަނީ އެއްފަހަރާ ދެ މިލިއަން ރުފިޔާ ދެއްކޭނެ މީހުންނަށް ކަމަށް ވާއިރު، އެހާ ބޮޑު އަދަދެއް ދައްކަން އެންގުމަކީ އެ މީހުންނަށް ބޮޑު މާޔޫސްކަމެއް ލިބޭނެ ކަމެއް ކަމަށް ސިޓީގައިވެ އެވެ.
މައުމޫންގެ ފެކްޝަނުން ބުނިގޮތުގައި، ޕީޕީއެމްގެ ސަރުކާރު އައީ ރައްޔިތުންނަށް ގެދޮރު ނެތުމުގެ ދަތިކަން ފިލުވައިދީ، ގެދޮރުގެ ތަނަވަސްކަން އިތުރުކުރުމަށް މަސައްކަތް ކޮށްދޭނެ ކަމުގެ ވައުދުތަކަކާ އެކުގަ އެވެ. އެގޮތުން، ގެދޮރު ނެތުމުގެ ނިކަމެތިކަން އެންމެ ބޮޑަށް ތަޖުރިބާކުރާ އާއިލާތަކަށް ގެދޮރު ހޯދއިދިނުމާއި ދައުލަތުގެ ބަޖެޓުން ފައިސާ ޖަމާކޮށްދޭ ހައުސިން ފައިނޭންސް ފަންޑެއް ގާއިމްކުރުން ހިމެނެ އެވެ. އަދި 2007 ވަނަ އަހަރު ތައާރަފް ކުރި ލުއި ލޯނު ދޫކުރުމުގެ ނިޒާމް ހަރުދަނާކޮށް، ދަށް އިންޓްރެސްޓް ރޭޓެއްގައި ހައުސިން ލޯނު ލިބޭނެ ގޮތް ހަދައި، އެ ލޯނު ލިބޭނެ ގޮތް ފުޅާކޮށް، ހައުސިން ސަބްސިޑީޒް ނިޒާމެއް ގާއިމްކުރުން ފަދަ ގިނަ ވައުދުތަކެއް އެ ޕާޓީގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫން ފެކްޝަނުގެ ނައިބު ރައީސް އައިމިނަތު ނާދިރާ ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވިދާޅުވީ ފްލެޓަށް ނުވަދެވި ދަތި ހާލު ޖެހިފައިވާ ފަރާތްތަކަށް ފައިސާ ދެއްކޭނެ ފަސޭހަ ގޮތެއް ހޯދައިދޭން ޖެހޭ ކަމަށް މައުމޫން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ފްލެޓްތަކުގައި ދިރިއުޅޭވޭނެ އިންތިޒާމެއް ވެސް ހަމަޖައްސަން އެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.
އަރަބިއްޔާ އާއި ގާކޮށި ފްލެޓުގެ އަގު ދެ މިލިއަން ރުފިޔާގައި ހުރިއިރު، ރާއްޖޭގެ ބޭންކްތަކާއި ގެދޮރަށް ލޯނު ދޫކުރާ އެހެން ފަރާތްތަކުން ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓް ނަގަ އެވެ. އެހެންކަމުން ދެ އިމާރާތުން ފްލެޓް ލިބުނު މީހުން ޑައުންޕޭމަންޓްގެ ގޮތުގައި 400،000ރ. ދައްކަން ޖެހެ އެވެ. އަދި ޑައުންޕޭމަންޓް ކުޑަކޮށްދިނުމަށް އެކި މީސްމީހުން އަންނަނީ އެދެމުންނެވެ.
ކުރިން އަރަބިއްޔާ ހުރި ބިމުގައި 90 ފްލެޓް އަދި ގާކޮށީގައި 190 ފްލެޓް ތަރައްގީކޮށްފައިވެ އެވެ. އޭގެ އަގުގެ ގޮތުގައި ސަރުކާރުން ވަނީ، އިންޑިއާގެ ޓާޓާ ކުންފުނީގެ ހިއްސާ އޮންނަ އެޕެކްސް ރިއަލިޓީ އަށް 277 މިލިއަން ރުފިޔާ އެއްފަހަރާ ދައްކައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ