ލ. މާމެންދޫ 36 ގެއަކުން ކަރަންޓް ބިލްތަކެއް ނުދައްކައިގެން އެ ގެތަކުގެ ވެރިފަރާތްތަކާ ދެކޮޅަށް މާމެންދޫ ކައުންސިލުން ދައުވާކުރަން ނިންމައިފި އެވެ.
ކައުންސިލްގެ މެމްބަރު އަބޫބަކުރު ހުސެއިން މިއަދު ވިދާޅުވީ 2006 ވަނަ އަހަރުން ފެށިގެން ބައެއް ގޭގެ އިން ބިލްތައް ނުދެއްކި މައްސަލާގައި މިއަދު 12 ގެއެއްގެ މައްޗަށް އެ ރަށު ކޯޓުގައި ކައުންސިލުން ދައުވާކޮށްފައިވާ ކަމަށެވެ. ބާކީ ހުރި ގެތަކުގެ މައްސަލަ ވެސް ކޯޓަށް ހުށަހަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގެތަކުން ބިލްތައް ނުދައްކާ މައްސަލަ ކޯޓަށް ހުށަހަޅަން ޖެހުނީ، އޭނާ ވިދާޅުވި ގޮތުގައި، އެކި ފަހަރުމަތިން އޮފީހަށް ގެނެސް ސުވާލުކޮށް، ބިލް ދެއްކުމަށް އާއްމުކޮށް އިއުލާންކުރުމުން ވެސް ބިލްތައް ނުދެއްކުމުންނެވެ.
އަބޫބަކުރު ވިދާޅުވީ އެއް ގެއަކުން 36 ބިލް ނުދައްކާ އޮތް އިރު، ބައެއް ގޭގެ އިން 20 ބިލް އަދި 17 ބިލު ވެސް ނުދައްކާ އެބަހުރި ކަމަށާއި އެ ބިލްތަކަށް 137،000 އަށް ވުރެ ގިނަ ރުފިޔާ ލިބެން ޖެހޭ ކަމަށެވެ.
"ކައުންސިލްތައް އުފެދުމުގެ ކުރިން ރަށު އޮފީހުން ވެސް ބައެއް ގޭގެ އިން ކަރަންޓް ބިލްތައް ނުދައްކައިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ވަނީ. އެ ގެތަކަށް ފައިސާ ދައްކަން ނަސޭހަތްތެރިވެ، އާއްމުކޮށް އިއުލާންކުރުން ފަދަ ކަންތައް ވެސް ކޮށްފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
އަބޫބަކުރު ވިދާޅުވީ 2009 ވަނަ އަހަރު އެ ރަށު އިންޖީނުގެ ޔުޓިލިޓީ ކުންފުންޏާ ހަވާލުކޮށްފައިވީ ނަމަވެސް ކައުންސިލް އިންތިހާބުވެ، ކަރަންޓް ބިލްތަކަށް ފައިސާ ދައްކަން އެ ކައުންސިލުން ވެސް އަންގައި އާއްމުކޮށް އިއުލާން ކޮށްފައިވާ ކަމަށެވެ.
"އެއް ގެއިން ކަރަންޓް ބިލް ނުދައްކާތީ އަނެއް ގެއިން ވެސް ނުދައްކާނެ ކަމަށް ބައެއް މީހުން ބުނެފައިވޭ. އަދި އަނެއް ބަޔަކު ބުނެފައި ވަނީ ފައިސާ ނެތިގެންނޭ. ކަރަންޓަކީ އަގު ނަގައިގެން ދެމުން އަންނަ ހިދުމަތަކަށް ވާތީ ދެން ތިބި ރައްޔިތުންގެ ވެސް ހައްގެއް އޮންނާނެ. އެހެންވެ މައްސަލަ ކައުންސިލުން ކޯޓަށް ހުށަހެޅީ،" އަބޫބަކުރު ވިދާޅުވި އެވެ.
ލ. މާމެންދޫގައި ކަރަންޓް ބިލް ނުދައްކައިގެން 36 މީހެއްގެ މައްޗަށް ދައުވާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ