މަޖުބޫރުކޮށްގެން ޕާޓީއަށް މެންބަރުން ވައްދައިގެން ނުވާނެ: މައުމޫން

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް މަޖުބޫރުކޮށްގެން މެންބަރުން ވައްދައިގެން ނުވާނެކަަމަށާ ޕާޓީތަކަށް މެންބަރުން މަޖުބޫރުކޮށްގެން ވެއްދުމަކީ ގާނޫނާއި ހިލާފުކަމެއްކަމަށް ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބުުދުއްގައްޔޫމު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ މިއަދު އެމަނިކްފާނުގެ އޮފީހުން ނެރުއްވާފައިވާ ބަޔާނެއްގައެވެ.
މައުމޫންގެ އޮފީހުން ނެރުުނު ބަޔާނުގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ ނަމުގައި ޕާޓީ އަށް މެންބަރުން އިތުރު ކުރުމަށް ހަރަކާތް ތަކެއް ހިންގަމުން ދާކަމުގެ މައޫލޫމާތު ލިބިފައިވާކަމަށާ ނަމަވެސް މިފަދަ އެއްވެސް ހަރަކާތަކީ ޕާޓީގެ ރައީސް އަށް އެނގިވަޑައިގެން ހިންގާ ހަރަކާތް ތަކެއް ނޫން ކަމަށެވެ.
ސިޔާސީ ޕާޓީ އަށް ސޮއިކުރުމަކީ ކޮންމެ މީހެއްގެ އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމެއްކަމަށާ އެމީހަކު ސިޔާސީ ޕާޓީއަކާއި ގުޅެންވާނީ އަމިއްލަ އިހުތިޔާރުގައި ފުރިހަމަ މިނިވަންކަމާއި އެކުގައި، އެއްވެސް ނުފޫޒެއް ނުވަތަ ބިރެއް ނެތިކަމަށް ރައީސް މައުމޫންގެ ބަޔާނުގައި ވިދާޅުފައިވެއެވެ. ނަމަވެސް މިހާރަކަށް އައިސް ޕީޕީއެމް އަށް މެންބަރުން އިތުރުކުރުމުގެ ނަމުގައި ސަރުކާރުގެ އެކިއެކި ކުންފުނިތަކުގެ މުއައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައިގެން ޕީޕީއެމް އަށް ވަނުމަށް މަޖުބޫރުކޮށް، ޕާޓީއަށް ސޮއި ކުރުވަމުން ދާކަމުގެ އެތައް ޝަކުވާއެއް ދަނީ ލިބެމުންކަމަށް މައުމޫން ވިދާޅުވިއެވެ.
އަދި މިހާރުވެސް ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބެވި އެތައް މެންބަރުންނެއް ލައްވާ 2 ވަނަ ފަހަރަށް ސޮއިކުރުވާ ކަމުގެ ޝަކުވާތައްވެސް ދަނީ ލެބެމުންކަމަށާ އެގޮތައް ކަންކަން ކުރުމަކީ ގާނޫނު އަސާސީއާއި ހިލާފު ކަމެއްކަމަށްވެސް އެ ބަޔާނުގައި މައުމޫން ވިދާޅުވެފައިއެވެ.
މިއީ އެއްވެސް ހާލެއްގައި ޕީޕީއެމްގެ ނަމުގައި ކޮށްގެންވާނެ ކަންކަމެއް ނޫންކަމަށާ އަދި ޕީޕީއެމް ގެ ނަމުގައި މިކަން ކުރަމުން ދާ ބަޔަކު އެކަން އެގޮތައް ނުކުރުމަށް ގޮވާލާކަމަށް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން ޕީޕީއެމްގެ ނަމުގައި ސިޔާސީ ހަރަކާތްތައް ހިންގުމުގައި ސީދާ ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރަމުން ދާކަމުގެ މައުލޫމާތުވެސް ލިބަފައިވާކަމަށާ އެގޮތުން ސަރުކާރުގެ ސުކޫލް ތަކާއި އެކިއެކި ސަރުކާރުގެ ކުންފުނިތަކުގެ މުއައްޒަފުން ވަޒީފާގެ ނުފޫޒުގައި ޕާޓީގެ އެކިއެކި ހަރަކާތްތަކުގައި އަމަލީ ގޮތުން ބޭނުން ކުރުމަކީ ޕާޓީގެ އުސޫލުތަކާއި ހިލާފު ކަމެއްކަމަށެވެ.
މިގޮތަށް ސަރުކާރުގެ އިމާރާތްތަކާއި ކުންފުނިތަކުގެ މުއައްޒަފުން ބޭނުން ކުރުމުގައި ސަރުކާރުގެ މިނިސްޓްރީތަކުގެ މިނިސްޓަރުންނާއި އަދި ކުންފުނިތަކުގެ ބޯޑުގެ މެންބަރުންނާއި ހިންގުމުގެ ދާއިރާ ގެ ވެރިންގެ އިހުމާލު ވަރަށް ބޮޑަށް އޮތްކަމެއް ކަމުގައި ދެކޭކަމަށާ އެހެންކަމުން ޕީޕީއެމް އަށް ނިސްބަތްވާ ގޮތަށް މިކަހަލަ ބޮޑެތި ތުހުމަތުތައް ކުރުމުގެ ފުރުސަތު ދީފައި ވާތީވެ މިކަން ކުއްވެރި ކުރާކަމަށްވެސް މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އަދި މިކަންކަން، އެފަރާތްތަކަކުން ކުރަނީ ޕާޓީގެ އަގު ވައްޓާލުމަށާއި ޕާޓީގަ ހެދިފައިވާ ޤަވާއިދާއި އުސޫލު ތަކާއި ޚިލާފަށް ކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ