ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ދޮގު ތުހުމަތުތަކެއް ކޮށް ސިޔާސީ ބޭނުމަކަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހައްޔަރު ކުރަން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫނަށް ތާއިދު ކުރައްވާ އެޕާޓިގެ ކައުންސިލް މެންބަރު ޒައިދުލް އަމީން ވަނީ ފަނޑިޔާރަކަށް ބިރު ދެއްކި މައްސަލައެއްގައި ހައްޔަރުކޮށް ތަހުގީގުކޮށްފައި އެވެ. އަދި އޭނާ ފުލުހުންގެ ބަންދުން ގޭބަންދަށް ބަދަލު ކުރުމަށް ފަހު މިދިޔަ ހަފްތާގައި ވަނީ އަނެއްކާވެސް އޭނާ ފުލުހުންގެ ބަންދަން ބަދަލުކޮށްފައި އެވެ.
އޭގެ ކުރިން ޒައިދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އޭނާ ހައްޔަރު ކުރި މައްސަލަ ނޫން އެހެން މައްސަލައެއްގައި އޭނާ އާއި ސުވާލު ކުރަމުންދާ ކަމަށެވެ. އަދި ފުލުހުންގެ ސީނިއާ އޮފިސަރުން އެދެމުންދަނީ މައުމޫނަށް ކުރައްވާ ތާއީދު ރައީސް ޔާމީނަށް ބަދަލު ކުރުމަށް ފަހު މައުމޫނާއި ދެކޮޅަށް ބަޔާނެއް ދިނުމަށް ކަމަށެވެ.
މިކަމާ ގުޅިގެން ޕީޕިއެމްގެ ރައީސްގެ އޮފީހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމަނިކުފާނާއި ދެކޮޅަށް ބަޔާނެއް ހޯދަން މަސައްކަތް ކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި އެކަން ވަގުތުން ހުއްޓާލަން ގޮވާލައްވާ ކަމަށެވެ. މައުމޫން ވިދާޅުވީ ސިޔާސީ ބޭނުމަކަށް ޒައިދު ހައްޔަރުގައި ބަހައްޓައިގެން ސަލާމަތާއި ރައްކާތެރިކަން ނިގުޅައިގެންފައި ވާތީ އެކަން ކުށްވެރި ކުރާ ކަމަށެވެ.
ޒައިދު އަށް ނުހައްގުން އަނިޔާތަކެއް ލިބެމުން ދާތީ ޕީޕީއެމްގެ އާންމު މެންބަރުން އިންތިހާއަށް ކަންބޮޑުވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި ޒައިދުގެ މައްޗަށް ކުރާ ތުހުމަތާ ގުޅޭ ބަޔާން ނަގައި ނިމިފައިވާ ނަމަ އޭނާ ދޫކޮށްލަން ވެސް ގޮވާލެއްވި އެވެ.
ޒައިދުލް އަމީންގެ ބަޔާނުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައި ވާއިރު، ޒައިދުލް އަމީން އާއި ސުވާލުކުރުމުގައި މިހާރުން ފެށިގެން އޭ.ސީ.ޕީ ބައިވެރި ކޮށްގެން ނުވާނެކަމަށް ދެކޭކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
ހަމަ އެހެންމެ، ޒައިދުލް އަމީން އޭނާގެ ބަޔާނުގައި ކުރައްވާފައިވާ ތުހުމަތުތައް އިންސާފުވެރިކަމާއި އެކު ތަޙުޤީޤްކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށާއި، ނޭޝަނަލް އިންޓަގިރިޓީ ކޮމިޝަނަށާއި، ހިއުމަން ރައިޓްސް ކޮމިޝަނަށް ރައީސް މައުމޫން ވަނީ ގޮވާލައްވާފައެވެ.
މަސައްކަތް ކުރަމުން އެދަނީ ޒައިދު މެދުވެރިކޮށް އަޅުގަނޑު ހައްޔަރު ކުރަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ