ގއ.ނިލަންދޫ ސުކޫލް ތިޖޫރި އިން ވަގަށްނެގި ދެލައްކައެއްހާ ރުފިޔާ ހޯދާ ދެމީހަކު ހައްޔަރުކޮށްފި

ގއ.ނިލަންދޫ ސްކޫލުގެ ތިޖޫރި ފަޅާލައި ވަގަށް ނަގާފައިވާ ގިނަ ޢަދަދެއްގެ ފައިސާތައް ހޯދައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 19 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެކެވެ.
މި ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ނިލަންދޫ ސްކޫލުން ގިނަ ޢަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާކަމަށްބުނެ މިއަދު ހެނދުނު 07:15 ހާއިރު ގއ. ނިލަންދޫ ޕޮލިސް ޑެސްކަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ނިލަންދޫ ޕޮލިސް ޑެސްކު ގުޅިގެން ކުރި މަސައްކަތުން ކޯޓު އަމުރެއްގެ ދަށުން މިއަދުގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން ފުލުހުން ކުރަމުންދިޔަ މަސައްކަތުން، ނިލަންދޫ ސްކޫލުން ވަގަށް ނަގާފައިވާ 199000 ރުފިޔާއަށްވުރެ ގިނަ ފައިސާ ހޯދާފައިވާއިރު މިފައިސާތައް ފެނިފައިވަނީ ގއ. ނިލަންދޫ ވަލުތެރޭގައި ހުރި މަގޫގަހެއްގެ ބުޑުގައި ވަޅުލާފައިވަނިކޮށެވެ.
މި މައްސަލަ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ނިލަންދޫ ޕޮލިސް ޑެސްކު ގުޅިގެން ދަނީ ތަހުޤީޤު ކުރަމުން ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ