ރައީސަށް އޮތް ހަމައެކަނި ގޮތަކީ ރައްޔިތުން ބުނާގޮތް ހެދުން: ނިޒާރު

ރައީސް ޔާމީނަށް ސަލާމަތްވެވެން އޮތް ހަމައެކަނި މަގަކީ ރައްޔިތުން ބުނާގޮތް ހެދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ ޕާލަމަންޓްރީ ގުރޫޕްގެ މެމްބަރު އަލީ ނިޒާރު ވިދާޅުވީ ސަރުކާރުން ބޮޑެތި ގޯސްތައް ހަދަމުންގޮސް، ވެރިކަމުގެ ތިންވަނަ އަހަރަށް ދިޔައިރު ސަރުކާރުގެ ދިފާއުގައި ބަސްވިދާޅުވާން ތިއްބެވި ބޭފުޅުން މާޔޫސްވެއްޖެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ރައްޔިތުންގެ ގާތަށްގޮސް ރައްޔިތުންގެ އަޑުއަހަންޖެހޭ ކަމަށާއި ކުރިއަށް އޮތް ދައުރަށް ކުރިމަތިލައްވާނަމަ ރައްޔިތުން ގާތަށް ދިއުމަށް މެމްބަރުންނަށް މަޖުބޫރު ކަމަށެވެ. ނަމަވެސް ރައީސް ޔާމީނުގެ ސިޔާސަތާ ގުޅޭގޮތުން ރައްޔިތުން ގާތު ދައްކާނެ ވާހަކައެއް މިއަދު ނެތް ކަމަށް ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓާ ގުޅިގެން ހިނގަނީ ކޮރަޕްޝަނުގެ ކަމެއް ނޫން ކަމަށާއި މިއުޅެނީ ރައްޔިތުންގެ މަންދޫބުން ރައްޔިތުންނާ ހަމައަށްދާއިރު ދައްކާނެ ވާހަކައެއް ނެތިގެން ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން އަރިހުގައި ތިއްބެވި މެމްބަރުން މުޅިން މާޔޫސްވެފައިވާ ކަމަށް ވިދާޅުވިއެވެ.
"ގޭމް ޕްލޭން ބަދަލުކުރާނަމޭ ބުނެ ބިރުއްދެއްކުމަކީ ކަން ކުރަންޖެހޭ ގޮތެއް ނޫން. ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް ވެރިކަން ކުރަންވީ. ގާނޫނުއަސާސީ އެނގުމަކީ އޭގައި އޮތް އެއްޗެއް ދުލުން ކިޔުމެއް ނޫން. ގާނޫނުއަސާސީގައި އޮތް އެއްޗެއް އިޚުލާސްތެރިކަމާއެކު ތަންފީޒު ކޮށްދިނުމަކީ ދައުލަތުގެ ވެރިންގެ ޒިންމާއެއް" ނިޒާރު ވިދާޅުވިއެވެ.
ނިޒާރު ވިދާޅުވީ ވެރިކަން ހިނގަނީ ގޯސްކޮށްނަމަ ދައުލަތުގެ މުއައްސަސާތަކުން އެކަން ބުނެދޭންޖެހޭ ކަމަށާއި ނަމަވެސް ސަރުކާރުން މުއައްސަސާތައް މިއަދު އެކުލަވައިލާފައިވަނީ އެކަން ކުރެވޭގޮތަށްތޯ ސުވާލު އުފެދޭ ކަމަށެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ގެނެސްފައިވަނީ ރައީސް ޔާމީންގެ އޮފީހުގައި ގާނޫނީ ލަފާދެއްވަން އިންނެވި ބޭފުޅެއް ކަމަށާއި ރައީސް ޔާމީންގެ އޯޑަރަށް ނޫނީ އެކަމަނާ ކަންކަން ނުކުރައްވާ ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ގައުމުގެ ތާރީޚު ނުދެކޭވަރުގެ ޚިޔާނާތުގެ ބޮޑެތި އަމަލުތައް ހިނގާފައިވާއިރު އިންސާފުވެރިކަމާއެކު އެކަންކަން ތަހުގީގުކުރާނެ ކޮމިޝަނެއް ނެތް ކަމަށާއި އެޗުއާރުސީއެމަކީ ވެސް ރައީސް ޔާމީނަށް މަގުދެއްކުމަށް އޮތް ތަނަކަށް މިއަދު ނުވާ ކަމަށެވެ.
އަލީ ނިޒާރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ރައީސުލްޖުމްހޫރިއްޔާ މަގާމުން އަޒުލުކުރާނެ ވާހަކަ މީގެ ދެއަހަރުކުރިންވެސް ދެއްކެވި ކަމަށާއި އެއީ ތަހުޒީބު މުޖުތަމައުތަކުގައި ވެރިކަން ކުރަންޖެހޭ ގޮތަށް ނުކުރާތީ ކަމަށެވެ. މިއަދު ރައީސް ޔާމީނަށް ސަލާމަތްވެވެން އޮތް ހަމައެކަނި ގޮތަކީ ރައްޔިތުން ބުނާ ގޮތް ހެދުން ކަމަށް ވެސް ވިދާޅުވިއެވެ.
"ރައީސް ޔާމީނަށް ސަލާމަތްވާން އޮތް ހަމައެކަނި ގޮތަކީ އަޅުގަނޑުމެން ބުނާގޮތް ހެދުން. އެއީ ގުޅިފައިވާ ޕާޓީތަކުން ބުނާގޮތެއް ނޫން. އެއީ ރައްޔިތުން ބުނާ އެއްޗެއް. ރައްޔިތުން ރުހޭގޮތަށް ވެރިކަން ކުރަންޖެހެނީ. އެހެންނޫންނަމަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެރިން އަޒުލުކުރުމުގެ ބާރު ރައްޔިތުންނަށް ލިބިގެންވޭ. ސަރުކާރުން ބަސްނާހާނަމަ އެކަން ކުރުމަށް މަޖިލީހުގެ މައްޗަށް ލާޒިމުކޮށްފައި ގާނޫނުއަސާސީގައި އޮތީ" އަލީ ނިޒާރު ވިދާޅުވިއެވެ.
މެމްބަރު އަލީ ނިޒާރު ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން ރައީސް ޔާމީނުގެ ދިފާއުގައި ކުރައްވަނީ ބޭކާރު މަސައްކަތެއް ކަމަށާއި ގަދަކަމުން 2018 ނުނެގޭނެ ކަމަށެވެ. ވެރިކަން ކުރެވޭނީ ރައްޔިތުން ރުއްސައިގެން ކަމަށާއި ރައްޔިތުން އެދޭގޮތަށް ވެރިކަން ނުކުރެވޭނަމަ އަމިއްލައަށް އިސްތިއުފާ ދެއްވަންޖެހޭ ކަމަށެވެ. އެހެން ނޫނީ ރައްޔިތުން ނިކުމެ ވެރިކަމުން އަޒުލުކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން ކުރައްވާ ގައުމީ މަސައްކަތާ ގުޅުނު ޕީޕީއެމްގެ މެމްބަރުންނަކީ ބަތަލުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ