ޕީޕީއެމްގެ އިންތިޚާބު ކޮމެޓީ އާ ރައީސް މައުމޫން ބައްދަލު ކުރައްވައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އިންތިޚާބު ކޮމެޓީ އާ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައްދަލު ކުރައްވައި މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަށް ތައްޔާރު ވެފައިވާ މިންވަރު ބައްލަވާ ލައްވައިފި އެވެ.
މިއަދު މެންދުރު ފަހު 1:30ގައި ޕީޕީއެމްގެ އޮފީހުގައި އޮތް އެ ބައްދަލު ކުރެއްވުމުގައި އިންތިޚާބު ކޮމެޓީގައި ހިމެނޭ ފަސް މެމްބަރުންގެ އިތުރުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އާއި ރެޖިސްޓްރާ ބައިވެރިވެ ވަޑައިގެންނެވި ކަމަށް ޕީޕީއެމުން ބުންޏެވެ.
ޕީޕީއެމްގެ އިންތިޚާބު ކޮމެޓީގެ މުގައްރިރު މުހައްމަދު ތޮލާލް "ސަން" އަށް މިއަދު ވިދާޅުވީ އެ ބައްދަލު ކުރެއްވުމުގައި ކޮމެޓީގެ މަސައްކަތްތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ސާފުކުރެއްވި ކަމަށާއި އަދި އެ މަސައްކަތްތަކަށް ވަރަށް ބޮޑަށް އެ މަނިކުފާނު ތައުރީފް ކުރެއްވި ކަމަށެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ އަކީ ވީހާ ވެސް އިންސާފުވެރި ދެފުށް ފެންނަ އިންތިޚާބަކަށް ހަދައި ދިނުމަށް ކޮމެޓީގެ މެމްބަރުންގެ ކިބައިން އެދިވަޑައި ގަތް ކަމަށެވެ.
އޭނާ ވިދާޅުވީ ކޮމެޓީގެ މަސައްކަތްތަކަށް އެ މަނިކުފާނުގެ ފަރާތުން އެއްވެސް ލަފައެއް ނުވަތަ މަޝަވަރާއެއް ބޭނުން ނަމަ އެކަން ކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވި ކަމަށެވެ.
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ ވަގުތު ކުޑަތަން ވަމުން އަންނަ މި ދަނޑިވަޅުގައި އެމަނިކުފާނު އިންތިޚާބު ކޮމެޓީގެ މެމްބަރުންނާއި ބައްދަލު ކުރައްވައި އެ ބޭފުޅުންގެ މަސައްކަތްތަކަށް ހިތްވަރު ދެއްވި ކަމީ ކުރިއަށް ހުރި މަސައްކަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވެސް ތޮލާލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ