މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި މޫސުމާއި ބެހޭ އިދާރާއިން ރާއްޖެއަށް ވަރަށްބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކުރާތީވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފިއެވެ.
އެމްއެންޑީއެފުންބުނީ ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ބައްލައިގެން ދަތުރުކުރެއްވުމަށާއި ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ވަސީލަތްތަކާއި ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތަށް ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރުނުކުރެއްވުމަށް އިލްތިމާސްކުރާ ކަމުގައެވެ.
އަދި ޑައިވިންގ ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވައިގެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާ ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު ނޫނީ މިފަދަ ކުޅިވަރުތައް ނުރޭއްވެވުމަށް ވެސް އެމްއެންޑީއެފުން އިލްތިމާސް ކުރެއެވެ.
މީގެ އިތުރުން ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ޙަވާލުވެފައިވާ ފަރާތްތަކުންވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށާއި ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުން އެދޭކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މޫސުން ގޯސް، ސަމާލުވޭ: އެމްއެންޑީއެފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ