ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވައިގެން ބަލިވި އުމަރު ނަސީރު އެ ޕާޓީ އިން ވަކިވެއްޖެ ނަމަ އޭނާއާއެކީ އެ ޕާޓީ ދޫކޮށްދާ ފަރާތްތަކަށް ވުރެ އެ ޕާޓީ އަށް ގުޅޭނެ ފަރާތްތައް އިތުރުކުރެވޭނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އިން މޫކައި ހޮޓަލުގައި މިރޭ ބޭއްވި ހަފްލާއެއްގައި ސަން އޮންލައިނުން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް މައުމޫން ވިދާޅުވީ އެ ޕާޓީ ތެރޭގައި މިހާރު އުފެދިފައިވާ "ކުޑަ ހަމަނުޖެހުންތަކަށް ފަހު" އުމަރު ނަސީރު ފަދަ އިސްބޭފުޅަކު އެ ޕާޓިދޫކޮށްދާ ނަމަ އޭނާގެ ފަހަތުން ބައެއް މެމްބަރުން ހިނގައިދާނެ ކަމަށާއި ނަމަވެސް ކެނޑޭ މެމްބަރުނަށް ވުރެ އިތުރު މެމްބަރުން އެ ޕާޓީ އަށް ގެނެވޭނެ ކަމަށެވެ.
"އުމަރު ނަސީރު ފަދަ ވަރަށް އިސް ދައުރެއް އަދާކުރި ބޭފުޅަކު ވަޑައިގެންފިޔާ އޭނާއެކު ދާނެ ފަރާތްތަކެއް ވެސް ހުރެދާނެ. އެކަމަކު އެދާވަރަށް ވުރެ އަޅުގަނޑުމެނަށް މާ ގިނަ މީހުން އިތުރުކުރެވޭނެ، އެހެންވީމާ އެއީ އަޅުގަނޑުމެން ކަންބޮޑުވާކަމެއް ނޫން،" ރައީސް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އުމަރު ނަސީރު ވެސް އެ ޕާޓީ އިން ބޭއްވި ރިޔާސީ ޕްރައިމަރީގެ އިންތިހާބު ގަބޫލްކުރެއްވި ކަމަށާއި ރައީސް މައުމޫނަށް ގުޅުއްވާ އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވާ ކަމަށް އުމަރު ނަސީރު ވިދާޅުވި ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ ފަހުން އުމަރު ނަސީރުގެ ވިސްނުން ބަދަލުވީ ކީއްވެ ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި އެ ޕާޓީ އަށް އެހެން ނުފޫޒުތައް ވެއްދުން ފަދަ ކަމަކަށް ވެސް އެކަން ވެދާނެ ކަމަށެވެ. ރައީސް މައުމޫން ވިދާޅުވީ އެ ޕާޓީ އަށް ވަރަށް މަޝްހޫރު ބޭފުޅުންތަކެއް ވަރަށް އަވަހަށް ގުޅިވަޑައިގަންނަވާނެ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތްގޮތުން އެއް ޕާޓީ އިން އަނެއް ޕާޓީ އަށް ބަދަލުވުން ނުހުއްޓުވޭނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫން ވިދާޅުވީ ރާއްޖެ މިއަދު މިވަނީ ވަރަށް ބޮޑު އިގްތިސާދީ ވަޅުގަނދަކަށް ވެއްޓިފައި ކަމަށާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އިގްތިސާދީ މާހިރެއްކަމުން ޕީޕީއެމްގެ ސަރުކާރެއްގައި އެކަންތަށް ހައްލުކުރެވިގެންދާނެ ކަމަށެވެ. އަދި ޓޫރިޒަމް ދާއިރާއަކީ ރާއްޖެ އަށް އެންމެ މުހިންމު ދާއިރާކަމަށާއި އެ ދާއިރާގެ ގިނަ މެމްބަރުންތިބީ ޕީޕީއެމްއާ އެކު ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
މިރޭ ޕީޕީއެމް އިން ބޭއްވި ހަފްލާގައި ވަނީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އަހުމަދު ނާޒިމް އާއި އެމްއެމްއޭގެ ރިސާޗް ސެކުޝަންގައި މަސައްކަތް ކުރައްވާ ބައްސާމް އަލީ ޖަލީލް އެ ޕާޓީ އަށް ސޮއިކޮށްފަ އެވެ.
އުމަރާ އެކު ދާ މީހުންނަށް ވުރެ ޕާޓީއާ ގުޅޭނެ މީހުން އިތުރުކުރެވޭނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ