މައުމޫނު ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުވެސް ބޭނުން ކުރައްވަފާނެ: އަދުރޭ

ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާއަށް ވުމުން އަނެއްކާ އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުވެސް ބޭނުން ކުރައްވަފާނެކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ޕީޕީއެމްއިން ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމްވަނީ ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތު އަދިވެސް ރައީސް މައުމޫނު ބޭނުން ކުރައްވާކަމަށްބުނެ ކަނބޮޑުވުން ފާޅު ކުރައްވާފައެވެ.
ޕީޕީއެމްގެ ނައިބު ރައީސް ކަމުގެ މަޤާމަށް ވާދަކުރައްވާ ހޮވިވަޑައި ނުގެންނެވުމުން ރައީސް މައުމޫނު ޕީޕީއެމްގެ ނައިބު ރައީސްގެ މަޤާމަށް އައްޔަން ކުރައްވާފައިވާ އަބްދުއްރަހީމް ވިދާޅުވީ އިރެއްގައި ރައީސް މައުމޫނަކީ ޕީޕީއެމްގެ ރައީސް ކަމުގައި ވީ ނަމަވެސް ރައީސް މައުމޫނަކީ މިހާރު ޕީޕީއެމްގެ ރައީސް ނޫން ކަމުގައެވެ. އަދި ރައީސް މައުމޫނަކީ ޕީޕީއެމްގެ މެމްބަރެއްވެސް ނޫންކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމްގެ ހައިސިއްޔަތު ބޭނުން ކުރުމުގެ އެއްވެސް ހައްގެއް ރައީސް މައުމޫނަށް ނެތްކަމަށާއި މިވަރުން ދާނަމަ ކުރީގެ ރައީސުލްޖުމްހޫރިއްޔާއަށް ވީތީ މައުމޫނު ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުވެސް ބޭނުން ކުރައްވަފާނެ ކަމުގައެވެ.
އަބްދުއްރަހީމް ވިދާޅުވީ ވަކީލުން ސަސްޕެންޑްކުރި މައްސަލާގައި އިދިކޮޅު ފަރާތްތަކުން ނެރުނު ބަޔާނުގައި ޕީޕީއެމްގެ ނަން ބޭނުން ކޮށްފައިވާ ކުރުން ބަދަލު ކުރުމަށް މިއަދު 3:00 އާއި ހަމައަށް މުހުލަތެއް ދީފައިވާނެ ކަމުގައެވެ.
އަދި އެމުހުލަތުގެ ތެރޭގައި އެކަން ނުކޮށްފި ނަމަ ޕީޕީއެމްގެ ހައިސިއްޔަތު ބޭނުން ކުރުން ހުއްޓުވެން އޮތް ގޮތަކަށް ހުއްޓުވާނެ ކަމަށާއި އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ބަޔާނުގައި ޕީޕީއެމްގެ ނަން ބޭނުންކޮށްފައިވަނީ އިދިކޮޅު ފަރާތްތަކާއި ރައީސް މައުމޫނު ގުޅިވަޑައިގެން އުޅުއްވާތީ ކަމަށް ވެދާނެ ކަމަށާއި ނަމަވެސް އިރެއްގައި ޕީޕީއެމްގެ ރައީސްކަން މައުމޫނު ކުރެއްވުމަކީ އެނަން މުޅި އުމުރަށް ބޭނުން ކުރެވޭނެ ސަބަބެއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޕީޕީއެމްގެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވީ އަބްދުއްރަހީމްގެ އިތުރުން ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ހަލީލާއި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފެވެ. އެބޭފުޅުންވަނީ 54 ވަކީލުން ސަސްޕެންޑްކުރި ކުރުމަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ