އަބްދުﷲ ގާސިމްގެ މަރު: ފޭރުމުގެ މައްސަލައިގެ ހުކުމް އިއްވުން 21 ވަނަ ދުވަހު

ފޯނެއް ފޭރިގެން ދަނިކޮށް ކޮންޓްރޯލުން ނައްޓައި ސ. ހިތަދޫ ރަތްފުސްގޭ، އަބްދުﷲ ގާސިމްގެ ގައިގައި ޖެހުނު ސައިކަލް ދުއްވާން އިން މީހާގެ މައްޗަށް ދައުލަތުން ކުރި، ޖަމާއަތް ހަދައިގެން ފޭރުމުގެ ކުށުގެ ދައުވާގެ ހުކުމް އިއްވުން މި މަހުގެ 21 ވަނަ ދުވަހަށް ތާވަލް ކޮށްފި އެވެ.
ގއ. ގެމަނަފުށީ ނޫރުއްސަބާހު އަހްމަދު ނާދީ ސަލީމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖަމާއަތް ހަދައިގެން ފޭރުމުގެ ކުށުގެ މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތް މި މަހުގެ 21 ވަނަ ދުވަހަށް ތާވަލް ކުރީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކީންގެ ހެކިބަސް ނެގުމަށް ފަހު އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދެ ފުލުހަކު ވަނީ ނާދީ ބިދޭސީއެއްގެ ފޯނު ފޭރުނު ކަމަށް ހެކިބަސް ދީފަ އެވެ.
ހެކިބަސް ދެމުން ފުލުހުން ބުނީ ނާދީގެ ޖީބުން އެ ފޯނު ނަގައި ބެލިއިރު އެފޯނުގައި ސޭވްކޮށްފައި ހުރީ ބަނގްލަދޭޝްގެ މީހުންގެ ނަންބަރުތައް ކަމަށެވެ. އަދި އެ ފޯނު ނެގި ވަގުތު ބަނގުލަދޭޝްގެ މީހަކު އެ ފޯނަށް ގުޅައި އޭނާގެ ފޯނު ފޭރިގަތްކަމަށް ބުނި ކަމަށް ވެސް ހެކިބަސް ދިން ފުލުހުން ވަނީ ބުނެފަ އެވެ.
މިއަދުގެ ޝަރީއަތުގައި ފޭރުނު ފޯނުގެ ވެރިމީހާ އާއި ފޭރުނުވަގުތު އެތަނުގައި ހުރި ބަނގުލަދޭޝްގެ މީހެއް ވެސް ވަނީ ފޯނު ފޭރުނު ކަމަށް ހެކިބަސް ދީފަ އެވެ. ނަމަވެސް ފޯނު ފޭރުނީ ނާދީކަން ބުނެދޭން ނޭނގޭ ކަމަށް ވެސް އެ މީހުން ބުންޏެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ނާދީ ބުނީ އެ ދުވަހު އެކްސިޑެންޓް ހިނގިފަހުން އޭނާގެ ފޯނާއި ވޮލެޓް ގެއްލިފައިވާ ކަމަށެވެ.
ދައުލަތުން ނާދީގެ މަައްޗަށް ކުރި ދައުވާގައި ބުނަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހުގެ ވަގުތެއްގައި އިތުރު މީހަކާ އެކު ސައިކަލެއްގައި ނާދީ ގޮސް މަޖީދީ މަގު ވެސްޓްރޯ މޯބައިލް ފިހާރަ ކައިރީ ހުރި ބަނގްލަދޭޝްގެ ރައްޔިތެއްގެ މޯބައިލް ފޯން އޭނާ ފޭރިގެންފައިވާ ކަމަށެވެ.
އެ ދައުވާގެ އިތުރުން ޖަމާއަތް ހަދައިގެން ވައްކަން ކުރުމުގެ ކުށުގެ ދައުވާ އާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ވެސް ނާދީގެ މައްޗަށް ވަނީ އުފުލާފަ އެވެ.
ޖަމާއަތް ހަދައިގެން ވައްކަން ކުރުމުގެ ކުށުގެ ދައުވާ ނާދީގެ މައްޗަށް އުފުލައިފައި ވަނީ އަބްދުﷲ ގާސިމްގެ ގައިގައި ޖެހުނު ސައިކަލަކީ އޭނާ އާއި އިތުރު މީހަކު ވަގަށް ނައިގެން ދުއްވި ސައިކަލެއް ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 11:50 ހާއިރު ހެންވޭރުގެ ޕާކިން ޒޯނެއްގައި ޕާކް ކޮށްފައި ހުއްޓައި އެ ސައިކަލް ގެއްލިފައި ވަނިކޮށް ނާދީ އާއި އިތުރު މީހަކު އެ ސައިކަލް ދުއްވަނިކޮށް ފުލުހުންނަށް ވަނީ ފެނިފަ އެވެ.
ނާދީ ބުނެފައި ވަނީ އެއީ އޭނާ ވަގަށް ނެގި ސައިލެއް ނޫންކަމަށާއި އެއި ސޮފްވާން ލުފްރަތު ކިޔާ މީހަކު އޭނާ ދުއްވާން ދިން ސައިކަލެއް ކަމަށެވެ.
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ނާދީގެ މައްޗަށް އުފުލާފައި ވަނީ އޭނާ ފޯނު ފޭރިގެން ބާރު ސްޕީޑްގައި ސައިކަލްގައި ދަނިކޮށް މަޑުކުރާން ފުލުހުން އެންގުމުން މަޑުނުކޮށް ގޮސްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
ގާސިމްގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓްގައި ގާސިމް މަރުވުމުން ނާދީގެ މައްޗަށް އުފުލާފައި ވަނީ ނުރައްކާތެރިކޮށް އިންޖީނުލީ އުޅަނދު ދުއްވުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާގެ ޝަރީއަތް އަދި ފަށައިފައެއް ނުވެއެވެ.
އަބްދުﷲ ގާސިމް މަރުވި ހާދިސާ ހިނގާފައި ވަނީ ގެމަނަފުށީގައި ނާދީ އާއި އިތުރު މީހަކު ފުލުހަކަށް ހަމަލާދިނުމަށް ފަހު އެ ފުލުސް މީހާގެ ދެ ކޮއްކޮއެއްގެ ގަޔަށް ވަޅިހަރައި ޒަޚަމް ކޮށްލި މައްސަލައިގެ ތުހުމަތުގައި ގިނަ ދުވަސްތަކެއް ވާންދެން ހައްޔަރު ކޮށްފައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން އޭނާ ގޭބަންދަށް ބަދަލުކޮށްފައި ހުއްޓައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ