ބަތަލުން ތިބީ ގުޅިފައިވާ ޕާޓީ ތަކުގައި ކަމަށާއި މިހާރު ހިނގަމުންދާ ހަނގުރާމަ ކާމިޔާބުކުރާނީ ވެސް ގުޅިފައިވާ ޕާޓީ ތަކުން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
މ. ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ގުޅިފައިވާ ޕާޓީ ތަކުން ކުރާ މަސައްކަތްތަކަކީ ވަކި މީހަކަށް ކޮށްދޭ މަސައްކަތްތަކެއްގެ ބަދަލުގައި ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކެެއް ކަމަށެވެ. ގުޅިފައިވާ ޕާޓީ ތަކުގެ މަސައްކަތްތައް ފެށުމާއެކު ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވި ނަމަވެސް ގުޅިފައިވާ ޕާޓީ ތަކުގެ މަސައްކަތްތަކަށް ގިނަ ކާމިޔާބީތަކެއް ލިބިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ގުޅިފައިވާ ޕާޓީ ތަކުގެ މެންބަރުންނަށް ކުރަމުންދާ ތުހުމަތުތަކާއި އުފުލަމުންދާ ދައުވާތަކަށް އިޝާރާތް ކުރައްވާ މައުމޫން ވިދާޅުވީ އެފަދަ ކަންކަން ކުރަމުންދާ ގޮތުން ހިނި އަންނަ ކަމަށެވެ. ގުޅިފައިވާ ޕާޓީ ތަކުގެ މެންބަރުންނަށް ކިތަންމެ ވަރަކަށް ގޮންޖެހުންތައް ކުރިމަތިކުރުވި ނަމަވެސް ގައުމުގައި ސުލްހަ ގާއިމުކުރުމަށާއި ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަން ކަމާއި ހައްގުތައް ހޯދުމަށް ކުރާ މަސައްކަތް ނުހުއްޓުވޭނެ ކަަމަށެެވެ. އަދި ވިދާޅުވީ ސަރުކާރުގެ އަމަލުތައް މިހާރު ހައްދު ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލުމަށްފަހު މަޖިލީހުގެ އިދާރާއަށް ވެދެވަޑައިގެންނެވި ކަމަށް ބުނެ 12 މެންބަރެއްގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލާގައި ވެސް މައުމޫން ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ރައީސް މައުމޫން ވިދާޅުވީ މީހެއްގެ އަމިއްލަ ގެއަށް އެމީހަކަށް ވަދެވޭ ފަދައިން މަޖިލީހުގެ މެންބަރުންނަށް މަޖިލިސް ކުރާ ގެއަށް ވަދެވަޑައިގަތުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށެވެ.
"މަޖިލީހުގެ އިދާރާގައި ތިއްބަވާ މުވައްޒަފުންނަކީ މަޖިލީހުގެ ހިދުމަތުގައި ތިއްބަވާ ބޭފުޅުން. ވަރަށް އިއްޒަތްތެރި ބޭފުޅުން. ހުރިހާ ބޭފުޅުންނަށް އިހްތިރާމް ކުރަން. އިދާރާގެ ބޭފުޅަކު ވިދާޅުވެގެން މެމްބަރަކު ވަނުން މަނައެއް ނުކުރެވޭނެ. ގޭގެ ވެރިމީހާ އަށް ގެއަށް ވަންނައިރު ގޭގެ ނޯކިރީ މީހާ ކިހިނެއްތޯ ގޭގެ ވެރިމީހާ ވަނުން މަނާ ކުރެވޭނީ؟ ނުކުރެވޭނެ. އެއްވެސް ހައިސިއްޔަތެއް ވެސް ނެތް." މަޖިލީހަށް މެންބަރުންނަށް ވަދެވަޑައިނުގެންނެވޭ މައްސަލާގައި އެމަނިކުފާނުގެ ހިޔާލުހުރި ގޮތް ހާމަކުރެއްވި އެވެ.
ދުނިޔޭގައި މަޝްހޫރުވި ބައިސްކޯފް ފިލްމުގައިވާ ގޮތަށް އިޝާރަތް ކުރައްވާ މައުމޫން އިތުރަށް ވިދާޅުވީ އެ ފިލްމު ނިމޭއިރު ހަނގުރާމަ ބޮޑުވެގެންދާ ކަމަށާއި ނަމަވެސް ހަނގުރާމަ ހިނގުމަށްފަހު މޮޅުވަނީ ބަތަލް ކަމަށެެވެ. އަދި ގުޅިފައިވާ ޕާޓީ ތަކުގެ މެންބަރުން ތިއްބެވީ ބަތަލުންގެ ގޮތުގައި ކަމަށްވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ފުލުހުންގެ ސަފުތައް ފަޅާލުމަށްފަހު ރައްޔިތުންގެ މަޖިލިސް ކުރާ ގެއަށް ވަދެވަޑައިގެންނެވި މައްސަލާގައި 12 މެންބަރެއްގެ މައްޗަށް ދައުވާކުރަން ފުލުހުން މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.
ބަތަލުންނަކީ އަޅުގަނޑުމެން، ހަނގުރާމަ ކާމިޔާބުކުރާނަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ