މުލިއާގެއިން ރާފުޅި ފެނުނު މައްސަލަ އާއި އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގެ ތަހުގީގު ނިންމާ ޕީޖީއަށް

ފުލުހުން ބަލަމުން ދިޔަ ދެ މައްސަލައެއްގެ ތަޙްޤީގު ނިންމައި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވި 2 މައްސަލަ އަކީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗައް ދައުވާ ކުރުމަށާއި މުޙައްމަދު ނަޝީދު ދިރިއުޅުއްވި މުލިއާގެއިން މިއަހަރުގެ ފެބްރުއަރީ މަހުގެ 07 ވަނަ ދުވަހު ގިނަ އަދަދެއްގެ ރާފުޅިތަކެއް ފެނިފައިވާ މައްސަލައެވެ.
ފުލުހުން ބުނީ މި ދެ މައްސަލަ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވަނީ ފުލުހުން ފުރިހަމަ ކުރަން ޖެހޭ ތަޙުޤީޤުތައް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ.
ޕީޖީއިން މިއަދު ބުނީ އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ދައުވާ ރައްދުވެފައި ވަނީ ގ. ކެނެރީގޭ މުހައްމަދު ނަޝީދު ގެ މައްޗަށް ކަމަށާއި އިތުރު މީހަކު އެ މައްސަލާގައި ހިމަނާފައި ނުވާތީ މައްސަލަ ދިރާސާ ކުރުމަށްފަހު އެ މައްސަލަ އާއި ބެހޭގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުތައް ފުލުހުން ފުރިހަމަ ކުރި އިރު އެ ތަހުގީގުގައި ނަޝީދުގެ ބަޔާން ނެގުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ ފުލުހުންނަށް ކާމިޔާބުވާ ގޮތް ނުވެފައެވެ. ނަމަވެސް ހިއުމަން ރައިޓްސް ކޮމިޝަނަށް ވަޑައިގެން ނަޝީދު ވަނީ އަބްދުﷲ ގާޒީގެ މައްސަލައިގައި ބަޔާން ދެއްވާފައެވެ. ހިއުމަން ރައިޓްސް ކޮމިޝަނަށް ވަޑައިގެން ނަޝީދު ވިދާޅުވެފައި ވަނީ އަބްދުﷲ ގާޒީއާ ދޭތެރޭ ފިޔަވަޅު އެޅީ ޑިފެންސް މިނިސްޓްރީން ކަމަށެވެ.
މިދިޔަ ފެބުރުއަރީ މަހުގެ ހަތް ވަނަ ދުވަހު ވެރިކަން ވެއްޓުމަށްފަހު ފުލުހުން ގޮސް، މުލިއާގެ ޗެކުކޮށް ހޯދާފައިވާ ރާ ފުޅިތަކުގެ މައްސަލަ ތަހުގީގު ކުރުމަށް މުލިއާގޭގެ ކުރީގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) އާއި ކުރީގެ ރައީސުލް ޖުމްހޫރިއްޔާގެ އިސް ސެކިއުރިޓީ މުހައްމަދު ޒިޔާދު (ޒިޔައްޓޭ) ވަނީ ތަހުގީގަށް ހާޒިރު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ