ކުއްޔަށްދޭނެ ކަމަށް ބުނެ އެކި މީސްމީހުންގެ އަތުން އެޑްވާންސްކޮށް ފައިސާ ނަގަމުންދިޔަ މީހަކު ހައްޔަރުކޮށްފި

ގ. ގްރީންބީންސް 3 ވަނަ ފަންގިފިލާ ކުށްޔަށް ދޭނެކަމަށްބުނެ އެކިއެކި މީސްމީހުންގެ އަތުން އެޑްވާންސް ފައިސާ ނަގަމުންދިޔަ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
އިއްޔެ އިސްކަންދަރު ބިލްޑިންގގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ޝަތީޙް ވިދާޅުވީ މިމައްސަލައާއި ގުޅިގެން މިމަހުގެ 15 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހަކީ ގ.ގްރީންބީންސް، މުޙައްމަދު މޫސާ (56އ) ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ކޯޓުއަމުރަކަށް ފުލުހުން އެދިފައިވަނީ އޭނާގެ ސައިކަލް މަޑިދަށުން ފުލުހުންނަށް ފެނުނު އެއްބަސްވުންތަކާއި ހުށަހެޅިފައިވާ ޝަކުވާތައް ބަލާއިރު ގިނަ ޢަދަދެއްގެ ފައިސާ އެކި މީސްމީހުންގެ އަތުން ނަގާފައިވާ ކަން ފާހަގަ ކުރެވިފައިވާތީއާއި މިގޮތަށް ގިނަ އަދަދެއްގެ ބަޔަކަށް މުޙައްމަދު މޫސާގެ ފަރާތުން ގެއްލުން ވަމުން ދިއުމާއި، މުޙައްމަދު މޫސާގެ ފަރާތުން މިކަން އިތުރަށް ތަކުރާރު ވުމުގެ ފުރުސަތު އޮތުމާއެކު މިކަމުގެ ސަބަބުން މުޖުތަމަށް އޮތް ނުރައްކަލަށް ރިޢާޔަތްކުރުމަށް ފަހުގައިކަމަށް ވިދާޅުވިއެވެ.
މިހާތަނަށް ފުލުހުންނަށް ފެނިފައިވާ އެއްބަސްވުންތަކުންނާއި ޝަކުވާތަކަށް ހިމެނޭގޮތުން 8 މީހެއްގެ އަތުން އެއްލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާކަން ފާހަގަކުރެވިފައިވާކަމަށް ޢަބްދުﷲ ޝަތީޙް ވިދާޅުވިއެވެ. މި މައްސަލައާއި ގުޅިގެން ހޯދަން ޖެހޭ އިތުރު މަޤުލޫމާތު ހޯދުމަށް މުޙައްމަދު މޫސާގެ ސައިކަލުގެ މަޑިދަށުން ފެނުނު އެއްބަސްވުންތަކާއި ގުޅިގެން މިކަމުގެ ގެއްލުންވި ފަރާތްތައް ހޯދައި އެފަރާތްތަކާއި ސުވާލުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ޢަބްދުﷲ ޝަޠީޙް ވިދާޅުވިއެވެ.
ގ. ގްރީންބީންސް 3 ވަނަ ފަންގިފިލާ ކުށްޔަށްް ދޭނެކަމަށް ބުނެ އެޑްވާންސް ފައިސާ ނަގަމުންދާ ކަމުގެ ފުރަތަމަ ޝަކުވާ ހުށަހެޅިފައިވަނީ މިއަހަރުގެ މާރޗްމަހުގެ 10 ވަނަ ދުވަހުކަމަށާއި މާރޗްމަހުގެ 12 ވަނަ ދުވަހުވެސް ޝަކުވާއެއް ހުށަހެޅިފައިވަނީ މިއަހަރުގެ މާރޗްމަހުގެ 10 ވަނަ ދުވަހުކަމަށާއި މާރޗްމަހުގެ 12 ވަނަ ދުވަހުވެސް ޝަކުވާއެއް ހުށަހެޅިފައިވާއިރު، މިފަދަ 3 ޝަކުވާއެއް ހަމަ އެދުވަހު ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ.
މުޙައްމަދު މޫސާގެ ސައިކަލުގެ މަޑިދަށުން ފުލުހުންނަށް ފެނުނު އެއްބަސްވުންތައް ފެނިފައިވަނީ ތަކުރާރުކޮށް ފުލުހުންނަށް މިގޮތަށް ޝަކުވާ ހުށަހެޅުންމުންދިޔުމާއެކު މިކަން ތަޙްޤީޤު ކުރަމުން ދަނިކޮށް، އެ އެޕާރޓްމަންޓް ކުއްޔަށް ދޭނެކަމަށް ބުނެ އިތުރު މީހެއްގެ އަތުން މުޙައްމަދު މޫސާ ފައިސާ ނަގާފާއިވާތީ އެމީހާ މުޙައްމަދު މޫސާގެ ސައިކަލު ހިފަހައްޓައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުން ގޮސް އެސައިކަލް ޗެކްކުރި ކުރުމުންނެވެ.
އެގޮތުން އެސައިކަލްގެ މަޑިދަށް ޗެކްކުރިއިރު ގ. ގްރީންބީންސް ކުއްޔަށް ދިނުމަށް އެކި ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުންތަކެއް ފެނިފައިވާކަމަށާއި އެގޮތުން 5 މީހަކަށް ކުއްޔަށް ދިނުމަށް ހަދާފައިވާ އެއްބަސްވުންތަކާއި އެ އެޕާރޓްމަންޓް ކުއްޔަށްދޭ ތަނެއްގެ ގޮތުގައި އިސްތިހާރު ކުރުމަށް ތައްޔާރުކޮށްފައިވާ ލިޔުންތަކެއް ވެސް ފެނިފައިވާކަމަށްވެސް ޢަބްދުﷲ ޝަޠީޙް ވިދާޅުވިއެވެ.
މީގެއިތުރުންވެސް އިތުރު ބައެއްގެ އަތުން މިގޮތަށް ފައިސާ ނަގާފައިވުމަކީ އެކަށީގެންވާ ކަމެއްކަމަށް ފެންނާތީ މިފަދަ ކަމެއް ދިމާވެފައިވާ ފަރާތަކުން އެ މަޢުލޫމާތު ވީހާވެސް އަވަހަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޯރުކޮށްދެއްވުމަށާއި ކުރިއަށް އޮތްތަނުގައި ވެސް މިފަދަ މީހުންނާމެދު ރައްޔިތުން އިތުރަށް ސަމާލުވެ ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކުރާކަމަށް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ