މައްސަލަތައް އަވަހަށް ނިންމުމަކީ ކުރިއެރުމެއް، އެކަމަކު ފުރިހަމަ ނުވާ ކަންކަން އެބަހުރި

ޝަރީއަތްތައް ލަސްވުމަކީ އަބަދުހެން އަންނަ ޝަކުވާއެކެވެ. ދައުވާކުރާ މީހާ އާއި ދައުވާ ލިބޭ ފަރާތަށް ވެސް އެއީ ވަރަށް ބޮޑު ޝަކުވާއެކެވެ. އެކަން ހައްލުކުރަން ސުޕްރީމް ކޯޓުން އިސްވެ އޮވެ މިދިޔަ އަހަރު ވަނީ ބޮޑު މަސައްކަތެއް ފަށައިފަ އެވެ. އެއީ މައްސަލަތައް އަވަސްކުރަން، ޝަރުއީ ދާއިރާގެ އެހާ މަތީ ލެވެލަކުން އެފަދަ އެންގުމެއް އެންގި ފުރަތަމަ ފަހަރެވެ.
ގިނަ ދުވަސް ވީ މައްސަލަތައް އަވަހަށް ނިންމަން މާލޭގެ ކޯޓުތަކަށް އެންގުމުގެ އިތުރުން ރަށްރަށުގައި ހުރި މެޖިސްޓްރޭޓް ކޯޓުތަކުގައި ގިނަ ދުވަސް ވީ މައްސަލަތައް ނިންމަން ފަނޑިޔާރުންގެ ވަފުދުތައް ފޮނުވަން ފެށި އެވެ. އެއް ބަޔަކު ބުނާ ގޮތުގައި އޭގެ ނަތީޖާ ވަރަށް ރަނގަޅެވެ.
ކޯޓުތަކުގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކާއި މި އަހަރުގެ ފުރަތަމަ ހަ މަހުގެ ތަފާސްހިސާބަށް ބަލާއިރު މައްސަލަތައް އަވަހަށް ނިންމުމުގައި ބޮޑު ކުރިއެރުމެއް އަންނަނީ ހޯދަމުންނެވެ. މައްސަލަތައް ނިންމާ މިންވަރު އިތުރެވެ. އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކުގެ ނިސްބަތް އެތައް ގުނައެއް ވަނީ ދަށަށް ގެންގޮސްފަ އެވެ.
ހުށަހެޅިތާ ހަތަރު ނުވަތަ ފަސް އަހަރު ވާއިރު ނުނިމި، ފައިލްތަކަށް ހިރަފުސް އަރާފައި ހުރި މައްސަލަތައް ވެސް މަދުކުރަމުން ގޮސް މިހާރު މުޅި ރާއްޖޭގައި އޮތީ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އެންމެ 93 މައްސަލަ އެވެ. އެއީ ވަރަށް ބޮޑު ކުރިއެރުމެކެވެ.
އެކަމަކު އަދިވެސް ކަންބޮޑުވާން ޖެހޭ އެއް ކަމަކީ މަދުން ނަމަވެސް ބޮޑެތި އެތައް މައްސަލައެއް ޕާކްކޮށްފައި ހުރި ކަމެވެ. އެންމެ ބޮޑަށް އެކަން ފާހަގަވަނީ ޖިނާއީ މައްސަލަތަކުގަ އެވެ. އެންމެ ބޮޑެތި ޖިނާއީ މައްސަލަތައް ބަލާ ކްރިމިނަލް ކޯޓުގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ 400 އަށް ވުރެ ގިނަ މައްސަލަ ނުނިމި އެބަ އޮތެވެ. މިއީ ނުނިމި އެއް އަހަރަށް ވުރެ ގިނަ ދުވަސް ވީ މައްސަލަތައް އެންމެ ގިނަ ކޯޓެވެ.
ރާއްޖޭގައި އެންމެ ގިނައިން މައްސަލަ ހުށަހަޅަނީ ސިވިލް ކޯޓަށެވެ. އެކަމަކު އެ ތަފާސްހިސާބު ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަސް ނިމުނުއިރު އެ ކޯޓުގައި އޮތީ އަހަރު ވެފައިވާ އެންމެ ތިން މައްސަލަ އެވެ. ބާކީ ހުރިހީ ހުށަހެޅިތާ އެއް އަހަރު ނުވާ މައްސަލަތަކެވެ. އެހެންވެ، އަހަރު ވެފައިވާ މައްސަލައެއް އެ ކޯޓުގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. މި ފާހަގަކޮށްލީ އެއް ދަރަޖައެއްގެ ދެ ކޯޓެއްގައި މައްސަލަ ނިންމުމުގައި ހުރި ބޮޑު ތަފާތެވެ.
ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުން ބަލަނީ މުޅިން ތަފާތު ދެ ބާވަތެއްގެ މައްސަލަތަކެވެ. އެހެންކަމުން ނުނިމި ހުރި މައްސަލަތަކުގެ ފަހަތުގައި ގިނަ ސަބަބުތަކެއް ހުރުން އެކަށީގެންވެ އެވެ. އޭގެ ތެރޭގައި ފަނޑިިޔާރުންގެ އަދަދާއި ދެ ކޯޓަށް ލިބިފައި ހުރި ވަސީލަތްތައް ތަފާތުވުން ހިމެނިދާނެ އެވެ. ހަމަ އެހެންމެ ސިވިލް ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ސުލްހަވެރި ހައްލެއް ލިބޭތޯ ދެ ފަރާތުން ވާހަކަ ދެއްކުމަށް ފަހު ނޫނީ ޝަރީއަތް ނުފެށޭ ގޮތަށް އޮތުމަކީ ވެސް ސިވިލް ކޯޓުގައި ގިނަ ދުވަސް ވީ މައްސަލަތައް މަދުވި ސަބަބެއް ކަމަށް ބެލެވެ އެވެ.
ކްރިމިނަލް ކޯޓުގައި ނުނިމި ހުރި އަހަރު ވެފައިވާ މައްސަލަތަކުގެ ތެރޭގައި ބޮޑެތި މާރާމާރީ އާއި މަރުގެ ހައި ޕްރޮފައިލް މައްސަލަތަކާއި މަސްތުވާތަކެތި ބޮޑެތި މައްސަލަތައް ހިމެނެ އެވެ. އަޑުއެހުންތައް ނިމި، އަހަރަކަށް ވުރެ ގިނަ ދުވަސް ވާއިރު ވެސް ހުކުމް ނުކޮށް ހުރި މައްސަލަތައް ވެސް އެ ކޯޓުގައި އެބަ ހުއްޓެވެ.
މި ރިޕޯޓަށް ކްރިމިނަލް ކޯޓުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.
މަރުގެ މައްސަލައެއްގައި ނުވަތަ ހައި ޕްރޮފައިލް މައްސަލައެއްގައި އަޑުއެހުންތައް ނިންމާލާތާ ދެ އަހަރު ވެގެން ދާއިރު ވެސް ހުކުމް ނުކުރެވި އޮތުމަކީ އާދައިގެ ކަމެއް ނޫނެވެ. މަރުވި މީހާގެ އާއިލާ އާއި ދައުވާ ލިބޭ މީހާގެ އާއިލާއަށް ވެސް އެކަމުން އުފުލަން ޖެހެނީ އިތުރު ތަކުލީފެކެވެ. ބައެއް ބޮޑެތި މައްސަލަތައް ހުށަހަޅާތާ ހައެއްކަ މަސް ތެރޭގައި ނިންމައި، ހުކުމް ކުރެވޭއިރު ތިން ހަތަރު އަހަރު ވެފައިވާ މައްސަލަތަކުގައި ވެސް އެހެން އަމަލު ނުކުރެވެންވީ ސަބަބެއް ނެތެވެ.
ބޮޑެތި މައްސަލަތައް ލަސްވާ ލަސްވުމަށް ހައްލެއް ގެންނަން، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް 2014 ގައި ވަރުގަދަ އިސްލާހެއް ގެނަ އެވެ. އެއީ އެ ގާނޫނުގެ ދަށުން ދައުވާ އުފުލާ މައްސަލަތައް 30 ދުވަހުގެ ތެރޭގައި ނިންމަން ޖެހުމެވެ. އެކަމަކު ވީ ކަމެއް ނެތެވެ. އިސްތިސްނާ ހާލަތްތަކުގައި، 30 ދުވަހުގެ އެ މުއްދަތު ފަހަނަ އަޅައި ދިއުން އެ ގާނޫނުގައި ވަނީ ހުއްދަކޮށްފަ އެވެ.
ނަތީޖާއަކީ އެ ގާނޫނުގެ ދަށުން ދައުވާކުރި ބައެއް މައްސަލަތަކަށް އަހަރު ވާން ގާތްވާއިރު ވެސް ރަނގަޅަށް ޝަރީއަތް ހިނގައި ނުގަނެވި އަދިވެސް ހުރުމެވެ. އެހެން ގޮތަކަށް ބުނާ ނަމަ އެ ގާނޫނުގެ ދަށުން ދައުވާކުރި މައްސަލަތައް ހުރީ މުޅިން ވެސް ގާނޫނުގައި ބުނާ "އިސްތިސްނާ ހާލަތަށް" ފައްތާފައި ކަމެވެ.
އަވަހަށް ޝަރީއަތް ކުރެވުމަކީ ކޮންމެ މީހަކަށް ވެސް ލިބޭ އަސާސީ ހައްގެކެވެ. އެއީ ދެބަސްވެވެން ނެތް ކަމެކެވެ. ނަމަވެސް އެ ހައްގު ހޯދައިދޭން ދައުލަތުން ކުރާ މަސައްކަތުގައި ވެސް މި ފެންނަނީ ޖިނާއީ ބޮޑެތި މައްސަލަތަކުން އޭގެ ހެޔޮ ބަދަލު ނުފެންނަ ތަނެވެ.
މައްސަލަތައް އަވަހަށް ނިންމުމަކީ ބޮޑު ކުރިއެރުމެކެވެ. އެންމެ މުހިންމު އަސާސީ އެއް ހައްގު ކަމަށްވާ އިންސާފުވެރި ޝަރީއަތެއް ހޯދަން އެދި ކޯޓުތަކަށް ދާ މީހުންނާ މެދު އަވަހަށް ގޮތެއް ނިންމުމުން އުފުލަން ޖެހޭ ތަކުލީފުތައް ކުޑަވާނެ އެވެ. އެކަމަކު އަވަހަށް މައްސަލަ ނިންމުމުގައި ވެސް ހުރިހާ ކޯޓުތަކަކުން އެއް ރޫހެއްގައި މަސައްކަތް ކުރަން ޖެހޭނެ އެވެ. ގުޑާނުލާ ހުރި މަދު މައްސަލަތަކަކުން، ސުޕްރީމް ކޯޓުގެ އިސްނެގުމަށް ހުރަސް އެޅިގެން ނުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ