ނަޝީދު މިހާރުން މިހާރަށް ހައްޔަރުކުރަން އެބަޖެހޭ - ގާސިމް

ކުރީގެ ރައީސް ނަޝީދު މިހާރުން މިހާރަށް ހައްޔަރުކުރަން އެބަޖެހޭ ކަމަށާއި އެކަން ނުކޮށްފިނަމަ ޤައުމުގެ ވެރިކަމަށް ދެން ވަޑައިގަންނަވާ ބޭފުޅުންވެސް އަމަލުކުރައްވާނި ހަމަ ނަޝީދު އަމަލުކުރެއްވި ގޮތަށް ޤާނޫނު އަސާސީ މުގުރާލަން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ އާއި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހްމީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވުމަށް ޓްރޭޑާސް ހޮޓަލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވިދާޅުވީ ގާނޫނާ ގަވައިދާއި ހިލާފަށް އެތައް ކަމެއް ކުރައްވަވާފައިވާ ރައީސް ނަޝީދު ގާނޫނީ ގޮތުން ހައްޔަރުކުރެވޭނެ ކަމަށެވެ.
"ނަޝީދު މިހާރުން މިހާރަށް ހައްޔަރުކުރަން އެބަޖެހޭ. އެކަން ނުކޮށްފިނަމަ ޤައުމުގެ ވެރިކަމަށް ދެން ވަޑައިގަންނަވާ ބޭފުޅުންވެސް އަމަލުކުރައްވަވާނީ ހަމަ ނަޝީދު އަމަލުކުރެއްވި ގޮތަށް. ޤާނޫނު އަސާސީ މުގުރުއްވާނީ." ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ފެބްރުއަރީ 7 ވަނަ ދުވަހު ވެރިކަން ބަދަލުވި ގޮތާއި ގުޅޭގޮތުން ގާސިމް ވިދާޅުވީ ސިފައިންނާއި ފުލުހުން ވަކި ހިސާބަކުން ނަޝީދުގެ އަމުރަށް ކިޔަމަންނުވީ ކަމަށާއި ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލްވީ ބަޣާވާތަކުން ނޫން ކަމަށެވެ.
އަދި ވެރިކަން ބަދަލުވީ ސްޕްރީމް ކޯޓާއި އެހެން ކޯޓުތަކާއި ބައިނަލްއަޤްވާމީ މުޖުތަމައުން، ރައީސް ނަޝީދަށް ޤާނޫނު އަސާސީގެ އިމުގެ ތެރެއިން ކަންކަން ކުރެއްވުމަށް ދެންނެވި ދެންނެވުންތައް ރައީސް ނަޝީދު ބޮލާލައި ޖެއްސެވުމުން ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
"ޤާނޫނާއި ޤަވާއިދާ ޚިލާފަށް ޢަބްދުﷲ ޤާޒީ ހައްޔަރުކުރުމުން ސްޕްރީމް ކޯޓުންނާއި ބައިނަލްއަޤްވާމީ ފަރާތްތަކުން ގޮވާލުމުން އެކަމަށް ނަޝީދު އަމަލު ނުކުރެއްވުމުން ސިފައިންނަށާއި ފުލުހުންނަށް އެނގިއްޖެ އެމީހުންގެ މައްޗަށް ކުރަނީ ޣައިރު ޤާނޫނީ އަމުރުތައްކަން. ދެން އެމީހުން އެކަމާ ދެކޮޅަށް ނުކުމެ އެމީހުންގެ މައްޗަށް ޣައިރު ޤާނޫނީ އަމުރު ނުކުރަން އެދުން އެއީ ބަޣާވާތަކަށްވާނަމަ އެއީ ބަޣާވާތެއް." ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ޤާސިމް ވިދާޅުވީ ފެބްރުއަރީ 7 ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުކުރަން ބަޢާވާތެއް ހިންގުމަށް އެބޭފުޅާ ފައިސާ ދެއްވި ކަމަށް ދައްކާ ވާހަކަ ތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި އެފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.
ނަޝީދަށް ވެރިކަން ނުކުރެއްވޭނެކަން އެނގިވަޑައިގެން އިސްތިއުފާ ދެއްވުމަށް ފަހު، މިހާރު މަސައްކަތްކުރައްވަމުން އެ ގެންދަވަނީ ރައްޔިތުންނަށް ކަންކަން އޮޅުވާލެއްވުމުގެ ގޮތުން ކަމަށް ވެސް ގާސިމް ތުހުމަތުކުރެއްވި އެވެ. އަދި މިހާރު މަގުމައްޗަށް ނުކުމެ ވަޑައިގެން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ރައްޔިތުންނަށް ވިހަލުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ