ޖުލައި 26ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުން އައު ޚިދުމަތްތަކެއް ފަށަނީ

މިމަހުގެ 26ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލަށް އައު ޚިދުމަތްތަކެއް އިތުރުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
އިތުރުވަމުން އަންނަ ހުޅުމާލޭގެ އާބާދީއާ އެކަށޭނަ މިންވަރަށް ހުޅުމާލެ ހޮސްޕިޓަލުން ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ މަސައްކަތުގެ ތެރެއިން މިހާތަނަށްވެސް އެ ހޮސްޕިޓަލަށް ގިނަ ޚިދުމަތްތަކެއް ވަނީ އިތުރުކޮށްފައެވެ.
ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ޚިދުމަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށް މިހާރުވެސް މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އެގޮތުން، މިމަހުގެ 26ގެ ކުރިން މުޅިން އަލަށް އެ ހޮސްޕިޓަލުގައި ޚިދުމަތްތަކެއް ފަށަން ތައްޔާރުވަމުން އަންނަކަމަށް އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ހުޅުމާލެ ހޮސްޕިޓަލުގައި އައު ޚިދުމަތްތަކެއް ފައްޓަވާނެކަން ހާމަކުރައްވާފައެވެ.
ސީއީއޯ ވިދާޅުވީ އެހޮސްޕިޓަލުގައި ގޮހޮރާއި މައިބަދައިގެ ބަލިތަކަށް ޚާއްސަ އޯޕީޑީގެ ޚިދުމަތާއި ޔޫރޮލޮޖީގެ ޚިދުމަތާއި، އީއީޖީގެ ޚިދުމަތުގެ އިތުރުން ނާރުގެ ބަލިތަކަށް ޚާއްސަ ކްލިނިކެއް ގާއިމުކުރެވޭނެކަމަށާއި، ގްލޮކޯމަރ ފަރުވާގެ ޚިދުމަތްވެސް ފަށާނެކަމަށް ސީއީއޯ ވިދާޅުވިއެވެ. މި ޚިދުމަތްތަކާއެކު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
"މީރައްޔިތުންނަށް ލިބޭ ފަސޭހައަކީ މިހާރު ގޮހޮރާ މާބަދައިގެ ޚާއްސަ ޑޮކްޓަރަކަށް ދައްކަންވެއްޖެއްޔާ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކުން ވަޑައިގަންނަވާނީ އައިޖީއެމްއެޗްއަށް. އެކަމަކު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަކޮށްގެން ހުޅުމާލެ ހޮސްޕިޓަލުގައި އެ ޚިދުމަތް ފަށާނަން." ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.
ލޭގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަދާ ގޯލްޑް ސްޓޭންޑާޑުގެ ޓެސްޓުތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ސީއީއޯ ވަނީ ވިދާޅުވިއެވެ. މީގެ ސަބަބުން އެޗްއައިވީ ފަދަ ޓެސްޓުތަކުގެ ނަތީޖާ އަވަސްވާނެކަން ފާހަގަކުރެއްވިއެވެ.
"ލޭގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަދާ ގޯލްޑް ސްޓޭންޑާޑުގެ ޓެސްޓުތައް. މީގެ ސަބަބުން އެޗްއައިވީ ފަދަ ބަލިތަކަށް ނަތީޖާ އައުމުގައި ވަރަށް ކުމުއްދަތެއް މި ހޭދަވަނީ. ކުރީގަވެއްޖެއްޔާ ވަރަށް ގިނަ ދުވަސްނަގާކަމެއްމިއީ ނަތީޖާ ހޯދަން." ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުން ފޯރުކޮށްދެމުން އަންނަ ކެންސަރު ބަލީގެ ފަރުވާގެ ޚިދުމަތްތައްވެސް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާކަމަށް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.
ހުޅުމާލެ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި ޚިދުމަތްތައް އިތުރުކުރުމަށްޓަކައި މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ޒަމާނީ ވަޞީލަތްތަކާއެކު 4 އޮޕަރޭޓިންގ ރޫމް ހިމެނޭ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސްއެއް ވަނީ ޤާއިމްކޮށްފައެވެ. މީގެ އިތުރުން 10 އެނދާއެކު އިންޓެންސިވް ކެއަރ ޔުނިޓާއި، އައިސީޔޫ ރޫމެއްވެސް ވަނީ ޤާއިމްކޮށްފައެވެ. އައިސީޔޫގެ އިތުރުން ދަރިމައިވުމުގެ މައްސަލަތައް ދިމާވާ މީހުންނަށް ފަރުވާދިނުމަށް 14 އެނދުގެ ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓެއްވެސް ޒަމާނީ ފެންވަރުގައި ހުޅުމާލޭ ހޮސްޕިޓަލްގައި މިހާރު ވަނީ ތަރައްޤީކޮށްފައެވެ.
އިތުރުވެގެން ދިޔަ މި ޚިދުމަތްތަކާއެކު ހޮސްޕިޓަލުގެ އީއާރުގެ އެނދުތަކުގެ އަދަދު 7 އިން 14 އަށް ވަނީ އިތުރުކޮށްފައެވެ. ޒަމާނީ ވަސީލަތްތަކާއެކު އީއާރުގެ ޚިދުމަތް ފުޅާކުރިއިރު، ޑައިލިސިސް ޔުނިޓުގެ އެނދުތަކުގެ އަދަދުވެސް ވަނީ އިތުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ