ކްލެމެންސީ ބޯޑަށް އުނގޫފާރު ދާއިރާގެ މެންބަރު ޖަޢުފަރު ދާއޫދު ހަމަޖައްސައި

މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އެކުލަވާލާ، ކްލެމެންސީ ބޯޑުގައި ރައްޔިތުންގެ މަޖިލީސް ތަމްސީލް ކުރައްވާ މެމްބަރެއްގެ ގޮތުގައި އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކްލެމެންސީ ބޯޑަށް ޖައުފަރު ދާއޫދުގެ ނަން ފާސްކޮށްފައިވަނީ 69 މެމްބަރުންގެ އިއްތިފާގުންނެވެ. ވަކި ގޮތަކަށް ވޯޓް ދެއްވަން ބޭނުންނުވާ ހަ މެމްބަރުން ތިއްބެވި އެވެ.
ކްލެމެންސީ ބޯޑަށް ޖައުފަރު ދާއޫދުގެ ނަން ހުށަހެޅުއްވީ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީއެވެ. އެކަމަށް ތާއީދު ކުރެއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ.
ކްލެމެންސީ ބޯޑަށް ޖައުފަރު ދާއޫދު އައްޔަން ކުރުމަށް ހުށަހަޅާފައި މިވަނީ ކުރިން އެ މަގާމުގައި އިންނެވި ތުލުސްދޫ ދާއުރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް ވަކިކުރުމާ ގުޅިގެންނެވެ. އަދި ވަހީދު އެ މަގާމަން ވަކިކުރުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ވަހީދު ވެސް ނިސްބަތްވާ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްއެވެ.
ވަހީދު ބޯޑުން ވަކިކޮށްފައި ވަނީ ސަރުކާރާ ޚިޔާލް ތަފާތުވެ ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރަށް ފާޅުގައި ފާޑު ވިދާޅުވާން ފައްޓަވާފައިވަނިކޮށެވެ. ވަހީދު ވިދާޅުވީ އޭނާ އެބޯޑުން ވަކިކުރަން ހުށަހެޅީ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާ ނުކޮށްގެން ނޫން ކަމަށާއި މިހާތަނަށް އެބޯޑުގައި އެންމެ ރަނގަޅު ޕަރފޯމަންސެއް ދައްކާފައިވާނީ އޭނާކަން ރެކޯޑްތަކުން ފެންނަން ހުންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ