އަބްދުﷲ ހަމީދު އަވަހާރަވެއްޖެ

ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދު އަވަހާރަވެއްޖެ އެވެ.
އަބްދުﷲ ހަމީދު އަވަހާރަވީ އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ދެމުން ގެންދަވަނި ކޮށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 76 އަހަރެވެ.
އަބްދުﷲ ހަމީދު އަވަހާރަވެފައި ވަނީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާއި އުޅުއްވުމަށްފަހު އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުކަމާއި އެޓޯލްސް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ހަމީދަށް މައިނާ ސްޓްރޯކެއް ޖެހުމާއި ގުޅިގެން މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެއްވާފަ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ އެއްބަފާ ބޭބޭފުޅު، ހަމީދު އެންމެ ފަހުން ސަރުކާރުގައި ހުންނެވީ ސީނިއާ މިނިސްޓަރުކަމުގެ މަގާމުގަ އެވެ. އެމަނިކުފާނަކީ އިނގިރޭސިންގެ އަތްދަށުން ރާއްޖެ މިނިވަންވުމުގެ ކުރިން ހުޅުލޭ އެއާޕޯޓް 1964 ގައި ހެދިއިރު އެކަމުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާ ވެސް މެ އެވެ.
މައުމޫންގެ ވެރިކަން 2008 ގައި ބަދަލުވުމާ އެކު، ލަންކާ އަށް ހަމީދުގެ ދިރިއުޅުއްވުން ބަދަލުކުރެއްވި އެވެ. ހަމީދު އޭގެ ފަހުން އެނބުރި މާލެ ވަޑައިގަތީ އޯގަސްޓް 2013ގަ އެވެ.
އަބްދުﷲ ހަމީދަށް ވަނީ ނިޝާން އިއްޒުއްދީނުގެ ލަގަބު ވެސް ލިބިވަޑައިގެންފަ އެވެ. ހަމީދު ވަނީ މިނިސްޓަރުކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވަވާފަ އެވެ.
ހަމީދަށް 12 ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. ނަމަވެސް ހަމީދު އަވަހާރިވިއިރު ދުނިޔޭގައި ތިއްބެވީ 11 ބޭފުޅުންނެވެ. އެއީ ހަ ފިރިހެން ބޭފުޅުންނާ ފަސް އަންހެން ބޭފުޅުންނެވެ. ހަމީދުގެ ހުރިހާ ބޭފުޅުންނަކީ ވެސް ތަފާތު ދާއިރާތަކުން ޔުނިވަސިޓީ ތައުލީމު ލިބިވަޑައިގެންފައިވާ ހިދުމަތްތެރި ބޭފުޅުންނެވެ.
ހަމީދުގެ އަނބިކަނބަލުން އަވަހާރަވީ 1 ޖުލައި 2013ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ