ލޯބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ސްކޫލް ކުދިންނަށް ތައާރަފް ކުރަނީ

ދިވެހިރާއްޖެއަށް ލޯބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ތަޢާރުފްކޮށް، ޒުވާން މަސްވެރިން، މަސްވެރިކަމަށް ނެރުމަށްޓަކައި ސުކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން މިއަދު ތަމްރީން ޕްރޮގްރާމެއް ފަށައިފި އެވެ.
ފިޝަރީޒް މިނިސްޓުރީން ބުނީ މިތަމްރީން ޕްރޮގްރާމްގެ މަޤްޞަދަކީ ސްކޫލް ދައުރު ނިންމާ، މަސައްކަތުގެ ބާޒާރަށް ނުކުންނަ ޒުވާނުން ރާއްޖޭގައި އަލަށް ތަޢާރަފް ކުރެވިފައިވާ ލޯބޮޑު ކަންނެލީގެ މަސްވެރިކަމަށް އަޙްލުވެރިކުރުވައި އެ މަސްވެރިކަމަށް ނުކުތުމަށް ތަމްރީންދީ އެކަމަށް ހިތްވަރު ދިނުމެވެ. މި ޕްރޮގްރާމެއްގެ ދަށުން ލޯބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރާގޮތް ދަސްކޮށްދީ، އަމަލީގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ބައިވެރިންނަށް ހޯދާދެވޭނެ ކަމަށް މިނިސްޓުރީން މައުލޫމާތު ދެއެވެ.
މިއަދު މިފެށުނު ތަމްރީން ޕްރޮގްރާމްގައި ދެ ދަތުރެއް ކުރުމަށް ހަމަޖެހިފައި ވާކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިނިސްޓުރީން ބުނީ، މިތަމްރީން ޕްރޮގްރާމްގައި ބައިވެރިންނަށް ލޯބޮޑު ކަންނެލީގެ ލޭނު މަސްވެރިކަން ކުރުމަށް ބޭނުންކުރާ ޢާލާތްތައް ގެންގެގުޅޭނެ ގޮތާއި ލޭނު އަޅާނޭ ގޮތް ދަސްކޮށް ދެވޭނެ ކަމަށާއި އަދި މިތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދަނީ ލޯބޮޑު ކަންނެލީގެ ލޭނު މަސްވެރިކަމަށް ޚާއްސަކުރެވިފައިވާ އުޅަނދެއްގައި ކަމަށެވެ.
މި ތަމްރީން ޕްރޮގްރާމްގައި މާލޭގެ 5 ސުކޫލަކުން 32 ދަރިވަރުން ބައިވެރިވެއެވެ. މިތަމްރީން ޕްރޮގްރާމްގައި ބައިވެރިވެފައިވާ ސުކޫލުތަކަކީ ޖަމާލުއްދީން ސުކޫލް، މުހިއްޔުއްދީން ސުކޫލް، އަރަބިއްޔާ ސުކޫލް، ހިރިޔާ ސުކޫލް އަދި މާފަންނު މަދަރުސާ އެވެ.
މިތަމްރީން ޕްރޮގްރާމްގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަށް ކަށަވަރުކުރުމުގެ ގޮތުން ކޯސްޓްގާޑުގެ ފަރާތުން މިތަމްރީންގެ ބައިވެރިންނަށް މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ