ނޭޕާލްގެ މެދުތެރެއަށް މިއަދު ހަވީރު އަނެއްކާވެސް ބިންހެލުމެއް އަތުވެއްޖެ

ނޭޕާލްގެ މެދުތެރެއަށް މިއަދު ހަވީރު އަނެއްކާވެސް ބިންހެލުމެއް އަތުވެއްޖެއެވެ.
ނޭޕާލްގެ ނޭޝަނަލް ސިސްމޮލޮޖިކަލް ސެންޓަރުން ބުނެފައިވަނީ މިބިން ހެލުމުގެ ބާރުމިން ހުރީ ރެކްޓަރ މިންގަނޑުން 4.9 ގައި ކަމަށެވެ.
މިބިންހެލުން އައީ ނޭޕާލްގެ ވެރިރަށް ކަތަމަންޑޫއާއި އިންވެގެން އޮންނަ ނޫވަކޮޓް ޑިސްޓްރިކްޓަށް ކަމަށާއި، ބިންހެލުން މަރުކަޒު ވެފައިހުރީ އޮޚަރްޕައުވާގައި ކަމަށްވެސް ނޭޕާލުން ބުނެފައިވެއެވެ.
މިއަދުގެ ހަވީރުވެފައި ހުއްޓައި އައި މިބިންހެލުމުގެ ސަބަބުން ނޭޕާލްގެ ވެރިރަށް ކަތަމަންޑޫއާއި، ނޭޕާލްގެ އެކި ހިސާބުތަކަށް ގުޑުން އެރިކަމަށް ޚަބަރު ލިބެއެވެ.
މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ނޭޕާލަށް އައި ބާރުގަދަ ބިންހެލުމަށްފަހު މިހާތަނަށް ބާރުގަދަ އިތުރު ތިން ބިންހެލުން ނޭޕާލަށް އައިސްފައިވާއިރު، ބިންހެލުމުގެ ފަހުން މިހާތަނަށް ސަތޭކަ އެތައް ލޮޅުންތައް އަރާފައި ވެއެވެ. މިކަމާހެދި، ގެދޮރުގައި އުޅެން ބިރުން ނޭޕާލްގެ ގިނަމީހުން އަދިވެސް ދިރިއުޅެނީ މަގުތައްމަތީގައެވެ.
ބިންހެލުމުގައި މަރުވި މީހުންގެ ރަސްމީ އަދަދު މިހާރު 7240 އަށް އަރާފައިވާ ކަމަށް ނޭޕާލުން ބުނެފައިވާއިރު، މަރުވި މީހުންގެ އަދަދު އެތައް ގުނަ އިތުރު ވާނޭ ކަމަށްވެސް ނޭޕާލްގެ ކަމާބެހޭ ފަރާތްތަކުން ލަފާކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ