ފައިސަލް އާއި ޝާފީ ވެލެންސިއާ ގުޅިއްޖެ

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ކުލަބް ވެލެންސިއާ ވަރުގަދަ ކުރުމުގެ ގޮތުން ނިއުރޭޑިއަންޓުގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) އަދި ކްލަބް އީގަލްސްގެ ގޯލްކީޕަރު މުހައްމަދު ފައިސަލް އެކުލަބަށް ގެނެސްފި އެވެ.
ވީނިއުސްއާ ވާހަކަ ދައްކަމުން ވެލެންސިއާގެ އިސް އޮފިޝަލަކު މިއަދު ބުނީ، ޝާފީ އާއި ފައިސަލްގެ އިތުރުން ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭ މަޝްހޫރު އިތުރު ކުޅުންތެރިން ކުލަބާ ގުޅޭނެ ކަމަށެވެ.
ކުރިއަށް އޮތް ސީޒަންގައި ކުޅުމަށް ޝާފީ ވެލެންސިއާ ގުޅުނު އިރު އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީ ވެސް ވެލެންސިއާއިންނެވެ. އަދި ފައިސަލް އަކީ ވެސް މީގެ ކުރިން ވެލެންސިއާއަށް ކުޅެފައިވާ ކުޅުންތެރިއެކެވެ. އެހެން ނަމަވެސް މިދިޔަ ސީޒަންގައި ފައިސަލްގެ ފަޔަށް ލިބުނު އަނިޔާ އަކާ ގުޅިގެން އޭނަ ސީޒަން ނިންމާލީ އީގަލްސްގެ ބެންޗުގައި އިނދެގެންނެވެ.
ވެލެންސިޔާގެ އިތުރުން ކުރިއަށް އޮތް ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން، ކުޅުންތެރިން ހޯދުމުގެ އެންމެ ކުރީ ސަފުގައި އަދި އޮތީ މާޒިޔާ އެވެ. އެގޮތުން މިދިޔަ ސީޒަންގައި ކްލަބް އީގަލްސް އިން ލޯނު އެއްބަސްވުމެއްގެ ދަށުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ކުޅުނު އަހުމަދު އިމާޒް (އާއްކޮ) އާއި ކްލަބް އީގަލްްސް އިން ފެނުނު ޔަސްފާދު ހަބީބް (މުލަކޭ) އާއި މަހިބަދޫ ސްޕޯޓްސް ކްލަބަށް ކުޅުނު އުންމީދީ ޑިފެންޑަރު ސަމޫހު އަލީ (ސަމުއްޓޭ) އާއި އެ ޓީމަށް ކުޅުނު އޭނާގެ އެއްބަނޑު އެއްބަފާ ބެހޭ ގާސިމް ސައްމާމް (ސަމޭ)ގެ އިތުރުން ނިއު ރޭޑިއަންޓްގެ ކެޕްޓަން އައްސަދު އަލީ (އަޑަބަރޭ) އާއި ކްލަބް އީގަލްސްގެ ކެޕްޓަން އިސްމާއިލް އީސާ (މެސީ) ވެސް މިހާރު ވަނީ މާޒިޔާއަށް ސޮއި ކޮށްފައެވެ. އަދި މިދިޔަ ސީޒަންގައި އީގަލްސްއަށް ކުޅުނު މިޑްފީލްޑަރު އަހުމަދު ރަޝީދު (އައްމަޑޭ) ވެސް ވަނީ މިއަހަރު މާޒިޔާއަށް ކުޅުމަށް ސޮއި ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ