ޓޫރިޒަމަށް ދޫކުރާ ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލާ ކުއްޔަށް ދޫކުރެވޭ ގޮތަށާއި، ގެސްޓް ހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ގްރީން ޓެކްސްގެ ގޮތުގައި ދުވާލަކަށް ތިން ޑޮލަރު ނެގުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މި އިސްލާހު ފާސްކޮށްފައި މިވަނީ މިއިސްލާހަށް ޕީޕީއެމްގެ އެއްވެސް މަޖިލިސް މެމްބަރަކު ވޯޓު ނުދެއްވުމަށް ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެޕާޓީގެ މެންބަރުންގެ ކިބައިން އެދިވަޑައިގެންފައި ވަނިކޮށެވެ. މި އިސްލާހަށް ވޯޓް ނުދެއްވުމަށް މައުމޫން އެދިވަޑައިގެންނެވީ ޕީޕީއެމްގެ މަޖިލިސް މެބްބަރުންނަށް ފޮނުއްވި މެސެޖެއްގަ އެވެ.
ޓޫރިޒަމާއި ބެހޭ ގާނޫނަށް ގެނައި އެ އިސްލާހުގެ ބިލް ފާސްވީ އެ ބިލް ފާސްކުރުމަށް ފެނޭތޯ ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ ތެރެއިން 45 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ އިސްލާހު ފާސް ކުރަން ނުފެންނަ ކަމަށް 19 މެމްބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ. މ
ސަރުކާރުން ހުށަހެޅި މި އިސްލާހު ފާސްކުރުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުން ތްރީލައިން ވިޕް ނެރެފައިވަނިކޮށް ރައީސް މައުމޫންގެ ދޮށީ ފިރިހެން ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫން ވަނީ ޕާޓީގެ ނިންމުމާ ދެކޮޅަށް މިއަދު މިއިސްލާހަށް ވޯޓް ދެއްވާފަ އެވެ.
ޓޫރިޒަމާއި ބެހޭ ގާނޫނަށް ގެނައި އެ އިސްލާހުގެ ބިލް ފާސްކުރުމުގެ ކުރިން އެ އިސްލާހަށް އެމްޑީޕީން ވަނީ ހަ އިސްލާހެއް ގެނައުމަށް ހުށަހަޅާފަ އެވެ. އެއާއި އެކު އެ ބިލްގެ މަސައްކަތް ނިމެންދެން މަޖިލީހުގައި ވަގުތު އިތުރުކު ކުރުމަށް ވޯޓަށް އަހަން ނިންމައި، ވޯޓިން ސިސްޓަމަށް މައްސަލައެއް ދިމާވި ކަމަށް ބުނެ މެމްބަރުން އަތް މައްޗަށް ނަންގަވައިގެން ވޯޓަށް އަހާފައިވެ އެވެ.
އެމްޑީޕީ ހުށައެޅި އިސްލާހު ތަކުގެ ތެރޭގައި ގެސްޓު ހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނަގާ ތިން ޑޮލަރު ނެގުން ހަމަސް ދުވަހަށް ފަސްކުރުމަށާއި، އަދި އެގޮތަށް ނަގާ ޓެކްސް އިން އެ ރަށެއްގެ ތިމާވެއްޓާ ރައްޓެހި ތަރައްގީގެ މަޝްރޫއުތަކަށް ހައްލު ހޯދުމަށް ހަރަދުކުރުމަށްވެސް ހުށަހަޅާފައިވެ އެވެ. ނަމަވެސް އެއިން އެއްވެސް އިސްލާހެއް ފާސްވެފައެއް ނުވެ އެވެ.
މި އިސްލާހުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ޕީޕީއެމްއަށް ނިސްބަތްވާ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު އެވެ.
މައުމޫންގެ މެސެޖުގައި އިއުލާން ކުރުމަކާ ނުލައި ރަށްތައް ދޫކުރުމަކީ، ޕީޕީއެމްގެ އަސާސީ ގަވާއިދާއި އަދި ރޫހާވެސް ޚިލާފު ކަމެއް ކަމުގައި ވިދާޅުވެފައިވެ އެވެ. އަދި ޕީޕީއެމްގެ އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާގެ މ. ގައި އެކަން ބަޔާންކޮށްފައިވާ ކަންވެސް މައުމޫން ފާހަގަކުރައްވާފައިވެ އެވެ.
މީގެ އިތުރަށް ރާއްޖޭގެ ބިންތަކާއި ކަނޑުތަކާއި އެތަންތަނާ ގުޅިފައިވާ އެންމެހާ ގުދުރަތީ ވަސީލަތްތަކުގެ ހަގީގީ މުއްސަނދިކަން އިންސާފުވެރިކަމާ އެކު ރައްޔިތުންނަށް ލިބިދީގެން ރައްޔިތުންނަށް ތަނަވަސްކަމާ ތިޔާގިކަން ގެނެސްދިނުމަކީ ޕާޓީގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް ވިދާޅުވެފައިވެ އެވެ. އެެހެންކަމުން ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން އެ ބިލަށް ވޯޓު ނުދޭން މެމްބަރުންގެ ކިބައިން އެދިވަޑައިގަތުމަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް މައުމޫންގެ މެސެޖުގައިވެ އެވެ.
ސަރުކާރުން ހުށަހެޅި މި އިސްލާހާއި ގުޅިގެން މި އިސްލާހުގެ ބަހުސް މަރުހަލާގައިވެސް ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ރަށްރަށާއި ބިން އަދި ފަޅުތައް، އިއުލާން ކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހުގައިވާ ގޮތުން އިއުލާންކޮށްގެންނާއި ނުކޮށް ވެސް ރަށެއް، ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރެވިދާނެ އެވެ.
މައުމޫނު އެދިވަޑައިގެންނެވި ގޮތާއި ދެކޮޅަށް ޕީޕީއެމް މެންބަރުން ވޯޓު ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ