(ނ.ހެނބަދޫ) އިންސާނާގެ ދިރުއުޅުމަށް ކޮންމެހެން ލިބެންޖެހޭ އަސާސީ ހިދުމަތާއި ތަކެތި ވެއެވެ. އޭގެތެރޭގައި ފެނާއި ކާއެއްޗެއްސާއި ކަރަންޓު ފަދަ ތަކެތި ހިމެނެއެވެ. ނަމަވެސް އެއިން އަސާސީ ބޭނުމެއް ނުވަތަ ހިދުމަތެއް ނެތިއްޖެ ނަމަ ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ ނުވަތަ އެއިން ހިދުމަތެއްގެ ސަބަބުން އާންމު ދިރިއުޅުމަށް ގެއްލުން ވާނަމަ ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ ނަމަވެސް ނ.އަތޮޅު ހެނބަދޫ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވަނީ އެފަދަމައްސަލައެކެވެ.
އާބާދީގައި 724 މީހުން ދިރިއުޅޭ ހެނބަދޫއަކީ ކަރަންޓުގެ ހިދުމަތް ވަރަށް ބޮޑަށް ދަށްވެފައިވާ ރަށެކެވެ. ކަރަންޓްގެ ހިދުމަތް ފުރިހަމައަށް ނުލިބޭއިރު ހިދުމަތުގެ ސަބަބުން ރައްޔިތުންނަށް ދަނީ އެކިކަހަލަ ތަކުލީފުތައް އުފުލަން ޖެހިފައެވެ. ހެނބަދޫއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އަންނަނީ ފެނަކަ ކޯޕަރޭޝަން އިންނެވެ. ނަމަވެސް ހިދުމަތް ފޯރުކޮށްދޭއިރު ފެނަކަގެ އިންޖީންގެ ހުންނަނީ ރަށުގެ މެދުގައެވެ. އިންޖީންގެ ވަށައިގެން ވަނީ އާންމު ރައްޔިތުންގެ ގެތަކެވެ. އެއާއެކު އިންޖީނުގޭގެ "ދުއްޕާން" ވަނީ އެ ސަރަހައްދު ހުރިހާ އެންމެނަށްވެސް ކުރިމަތިލާން ޖެހިފައެވެ.
ރާއްޖެއަކީ ސައްތަ އިންސައްތަ އިސްލާމް ގައުމަކަށްވާއިރު ކޮންމެ ރަށެއްގައިވެސް ނަމާދު ކުރުމަށް މިސްކިތް ހުންނާނެއެވެ. އެގޮތުން ހެނބަދޫގައިވެސް ދެ މިސްކިތެއް ނަމާދުކުރުމަށް ހުރެއެވެ. އެހެން ނަމަވެސް ރަށުގެ މެދުގައި ހުންނަ މިސްކިތް ހުންނަނީ އިންޖީނުގޭގެ ބުޑުގައެވެ. "މިސްކިތުގެ ބުޑުގައި މި ހުންނަނީ އިންޖީނުގެ. އިންޖީނުގެއިން އަންނަ ދުމާއި ދުނބުޅިތަކުގެ ސަބަބުން މިސްކިތުގެ ދޮރު ހުޅުވާފައެއް ނުބެހެއްޓޭ. އެކަމަކު މިސްކިތުގެ ދޮރު ނުހުޅުވައެއް ނުބެހެއްޓޭ،" އުމުރުން ދުވަސްވީ ފަރާތަކު "ވަގުތަށް" ކިޔައިދިނެވެ.
އިންޖީނުގެއިން ނުކުންނަ ދުންތަކާއި ދުނބުޅީގެ ސަބަބުން މިސްކިތުގެ ދޮރުތަކާއި އެތެރެ ކަޅުވާ ކަމަށް އެފަރާތުން ވަނީ ބުނެފައެވެ. އެހެންނަމަވެސް މިހާރު މިސްކިތް ވަނީ އޭސީކޮށްފައެވެ. އެހެންކަމުން މިސްކިތުގެ އެތެރެއަށް މިހާރު ދުނބުޅި ނުވަދެދާނެއެވެ. އެހެންނަމަވެސް ވުޟޫކުރާ އިސްކުރު ބަރި ކައިރި ވެސް އޮންނަނީ ދުން ދިލައިގެ ސަބަބުން ކަޅު ވެފައެވެ.
އިންޖީނުގޭގެ ސަބަބުން ކައިރި ސަރަހައްދުތަކަށް ދުމުގެ އަސަރު ކުރާއިރު އަދި އެހާ ހިސާބަކުން މައްސަލައެއް ނުނިމެއެވެ. އިންޖީނު ގެއަކީ އޭތަނުގައި އަޑު ގަދަ ތަނެކެވެ. ރަށުގެ މީހުން އުޅޭ ސަރަހައްދަށްވުރެ ދުރުގައި އެކަހެރިކޮށް އިންޖީނުގެ ހުންނަނީ އެ ސަބަބާ ހެދިއެވެ. ނަމަވެސް ހެނބަދޫގައި އިންޖީނުގެ އެ ހިސާބުގައި ހުރުމުގެ ސަބަބުން އަޑުގަދަވާއިރު ނަމާދު ކުރާ ފަރާތްތަކަށްވެސް އޭގެ އަޑުގެ މައްސަލަ ބައެއް ފަހަރު ފޯރާ ކަމަށް ފަރާތަކުން ވަނީ ބުނެފައެވެ.
އިންޖީނުގެއިން ރަށުގެ އާންމު ރައްޔިތުންގެ ބޮޑު ބަޔަކަށް އެކި ކަހަލަ އުނދަގޫތައްވާއިރު އިންޖީނުގޭގެ ބުޑުގައި ދިރިއުޅޭ އާންމު ފަރާތްތަކަށް ވަރަށްބޮޑެތި ތުރާތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ. އެގޮތުން އެއިން އެއް ފަރާތަކީ އިންޖީނުގެއާ އިންވެގެން އިންނަ ގޭގައި ދިރިއުޅޭ ނަސީމާ އަބޫބަކުރެވެ.
އިންޖީނުގޭގެ ސަބަބުން ނަސީމާއްތަ ވަނީ ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާފައެވެ. އަދި މިހާރުވެސް އަންނަނީ އެފަދަ ދަތިތަކާ ކުރިމަތި ލަމުންނެވެ. ނަސީމާއްތައަށް ވަމުންދާ އުނދަގޫތަކާއި ކުރިމަތިލާންޖެހޭ ތަކުލީފުތައް ވަނީ "ވަގުތަށް" ހިއްސާކޮށްފައެވެ. "ގެ ހުންނަ ދިމާލަށް ވައި ޖެހޭ ކަމުގައިވާނަމަ ދެން ބަލާނެ ކަމެއްނެތް. ދުނބުޅީގެ ސަބަބުން މުޅި ގޭތެރެ އޮންނާނީ ކަޅުވެފައި. އެކަމަކާ ގުޅިގެން ގެ ހުޅުވާފައެއް ބެހެއްޓޭނީއެއް ނޫން. އެހެން ނަމަވެސް ގޭތެރެ އަބަދު ބަންދުކޮށްފައެއްވެސް ނުބެހެއްޓޭނެ ދޯ،" ނަސީމާއްތަ ބުންޏެވެ.
ނަސީމާއްތަ ބުނިގޮތުގައި ދުނބުޅީގެ ސަބަބުން ގެއަށް ވަނީ ވަރަށްބޮޑެތި ގެއްލުންވެފައެވެ. "ގޭގެ ދެ ދޮރުފަތްވެސް ވަނީ ހަލާކުވާން ކައިރިވެފައި. ދުނބުޅީގެ ސަބަބުން ދޮރުތައްވެސް ވަނީ މުޅިން ކަޅުވެފައި. އެހެންވީމަ ޖެހެނީ ތެޔޮ ލައިގެން ސާފުކުރަން. އެހެންވެ ހަލާކުވަނީ. ގޭތެރެއަށްވެސް ދުނބުޅި ވަދޭ. ހަމަ ގޭތެރެއިންވެސް އެ ފިލުވަން ޖެހެނީ އެގޮތަށް،" މިއަދު ނަސީމާއްތަ އުޅެން ޖެހިފައިވާ ގޮތް ކިޔައިދެމުން ބުންޏެވެ.
އިންޖީނުގެއިން ބޭރުވާ ދުނބުޅީގެ ސަބަބުން ގޭގެ ފެންވެސް ވަނީ ބޭނުންކުރެވޭ ވަރަށްވުރެ ގޯސްވެފައި ކަމަށް އޭނާ ބުންޏެވެ. "ވަޅަށް ވެސް ދުނބުޅި އޭޅޭ. ދެން ވަޅުގެ ފެން ވެސް ހުންނަނީ ކަޅުވެފައި،" އޭނާ ބުންޏެވެ.
އިންޖީނުގޭގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހުނު އިތުރު ފަރާތަކީ ނަސީމާއްތަމެންގެއާ ޖެހިގެން ހުންނަ ގޭގައި ދިރިއުޅެމުން އަންނަ ޚަދީޖާ އަބޫބަކުރެވެ. ނަސީމާއްތަވެސް ދަތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު ޚަދީޖާއަށް ވަނީ މުޅިން ހިތާމަވެރި ވަރުގަދަ އަސަރުތަކެއް އިންޖީނުގޭގެ އުނދަގުލުގެ ސަބަބުން ކުރުވާފައެވެ. ދުމާއި ދުނބުޅީގެ ސަބަބުން ޚަދީޖާއަށް އެންމެ ބޮޑަށް ދަތިވީ ބޯފެން ހޯދުމަށެވެ.
"ދުނބުޅީގެ ސަބަބުން ގޭގައި ތާނގިއެއް ބެހެއްޓި ނަމަވެސް އެއަށް ފެނެއް ނޭޅޭ. ތިން ވަރަކަށް ފަހަރަކު އަޅަންވެސް އެޅިން. އެހެންނަމަވެސް އެވެސް ޖެހުނީ އުކާލަން،" މާޒީގެ ހިތި ހަނދާންތައް އާކޮށް "ވަގުތަށް" ހިއްސާކުރަމުން ޚަދީޖާ ބުންޏެވެ. އޭނާ ބުނިގޮތުގައި އެންމެ ދެރަވި ހަނދާނަކީ ފެނަށް ބޭނުންވެފައިވާ ހާލުގައި ރަނގަޅު ބޯފެންފޮދެއް ނުލިބުން ކަމަށެވެ.
"ހަމައެއްވެސް ވަރަކަށް ނުލިބުނު ބޯފެނެއް. ތާނގި ބަހައްޓައިގެންވެސް ފެނެއް ނުލިބުން. ދެން އަތުގައި ހުރި ލާރިކޮޅު ވިއްކާލައިގެން ފެން ގަންނަން ޖެހުނީ. ރަށުގެ ރައްޔިތުން އަތުގައިވެސް ނެތް އެއްވެސް ވަރަކަށް ވާރޭ ފެނެއް،" ޚަދީޖާގެ ހިތި ތަޖުރިބާ އާކޮށް ރޮވިފައިވާ ހާލުގައި ވަގުތަށް ކިޔައިދިނެވެ.
ފަސްކުދިންގެ މަންމައެއް ކަމަށްވާ ޚަދީޖާއަށް އިންޖީނުގެ ހުންނަ ތަނުގެ ސަބަބުން ވެފައިވަނީ ހަމައެކަނި އެ ދަތިކަމެއް ނޫނެވެ. ދުނބުޅިއާ ހެދި އެއްވެސް އެއްޗެއް ބޭރުގައި ހިއްކަން އެޅޭ ވަރެއް ނުވެއެވެ. "ޔުނީފޯމްތައްވެސް ދޮވެފައި ހިއްކަން ބަހައްޓަން ޖެހެނީ ކަބަޑުތަކުގައި. އެހެން ތަނެއްގައި ބޭރުގައި އެ ބަހައްޓައިފިއްޔާ އެވެސް ކަޅުވެގެންދާނީ،" އޭނާ ބުންޏެވެ.
އިންޖީނުގޭގެ މައްސަލަ ހައްލުކުރުމަށް ރަށުގެ ކައުންސިލުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކައުންސިލްގެ ރައީސް ސިއާމް ވިދާޅުވީ ފެނަކަ ކޯޕަރޭޝަން ފަރާތުން އެކަމަށް ހައްލެއް ހޯދުމަށް އެއްބާރުލުން ނުލިބޭ ކަމަށެވެ.
"އިންޖީނުގެ ހުންނަތަން ބަދަލުކުރުމަށް ފުރަތަމަ ބުނެފައިވަނީ 10،000 އަކަފޫޓުގެ ޖާގައެއް ދިނުމަށް. އެވަރުގެ ބިމެއް ކައުންސިލުން ހަމަޖައްސައި ދިނުމުން ފަހުން އެކުންފުނިން ބުނެފައިވަނީ 15،000 އަކަފޫޓުގެ ޖާގައެއް. އެވަރުގެ ޖާގައެއް ރަށުގައެއް ނެއް،" ސިއާމް ވިދާޅުވިއެވެ.
ކަރަންޓުގެ ހިދުމަތް ލިބެމުން އަންނައިރު އެ ހިދުމަތް ވެސް އެދެވޭ ވަރަކަށް ފޯރުކޮށެއް ނުދެވެއެވެ. އެގޮތުން ކޮންމެ 10 ދުވަހަކުން އެއް ދުވަހަކު ކަރަންޓުގެ ހިދުމަތް ކަނޑާލަން ޖެހޭ ކަމަކީވެސް މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އިންޖީނަށް ތެޔޮ އަޅަން ކަމަށާއި އެގޮތަށް ކަންތައް ކުރަން ޖެހެނީ ބެކަޕް އިންޖީނެއް ނީންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ހެނބަދޫގައި ދެމުން އަންނަ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ހެނބަދޫ ތަމްސީލު ކުރައްވަމުން އަންނަ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަލީ މައުރޫފު ވިދާޅުވީ އެރަށުގެ ކަރަންޓުގެ ޚިދުމަތް ހަރުދަނާކޮށް، ކަރަންޓު ކެނޑުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. މި ދައުރު ނިމުމުގެ ކުރިން އެރަށުގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނެވޭނެ ކަމަށް މައުރޫފު ވިދާޅުވިއެވެ. "ރަށްރަށުގެ އިންޖީނުގެތައް މީހުން ނޫޅޭ ހިސާބުތަކަށް ބަދަލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ހެނބަދޫގެ އިންޖީނުގެވެސް މިއަހަރު ތެރޭ ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން" މައުރޫފް "ވަގުތަށް" ވިދާޅުވިއެވެ.
ހެނބަދޫގެ އިންޖީނުގެ - އެންމެނަށް ވޭނެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ