ކުނި މެނޭޖު ކުރުމަށް ރައްޔިތުން އަތުން ފައިސާ ނަގާ ކުނި މޫދަށް އަޅާތީ ކުޑަފަރީ ރައްޔިތުން އިހުތިޖާޖު ކުރަނީ

ނ. ކުޑަފަރީގައި ކުނި މެނޭޖު ކުރުމަށް ރައްޔިތުންގެ އަތުން ކައުންސިލުން ފައިސާ ނެގުމަށްފަހު ކުނިވާ ޒާތުގެ ކުނިތައް ކުދިން މޫދަށް އެރޭ ސަރަހައްދަށް އަޅާތީ ރަށު ރައްޔިތުން އިހުތިޖާޖު ކުރަން ފަށައިފި އެވެ.
"ވަގުތު" އަށް މައުލޫމާތު ދެމުން އިހުތިޖާޖުގައި ބައިވެރިވެފައިވާ ރަށު ރައްޔިތެއް ކަމުގައިވާ ހުސައިން އާބިދު ބުނީ މިއަދު 10 ޖަހާކަށް ހާއިރުން ފެށިގެން ރަށުގެ ރައްޔިތުން ދަނީ އިހުތިޖާޖު ކުރަމުން ކަމަށެވެ.
"ރަށުގެ ރައްޔިތުން އެބަ ބޭނުންވޭ މިކަމަށް ހައްލެއް. ކުޑަކުދިންތައް މޫދަށް އެރޭ ސަރަހައްދަށް ކުނިވާ ޒާތުގެ ކުނިތައް މިއަޅަނީ. އެކަމު މިއިން ކަމަކަށް އެއްވެސް ހައްލެއް އަދި ނުލިބޭ،" އާބިދު ބުންޏެވެ.
އާބިދު ބުނީ މިއަދު އެ ރަށު ކައުންސިލަރަކު ވަޒީފާއަށް ނުނިކުންނަ ކަމަށާއި ހުރިހާ އެންމެން ތިބީ ސަލާމުގައި ކަމަށް އޮފީހުން ބުނެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އަތުން މި ނަގަނީ ކުނި އެޅުމަށް ވަކި ވަރަކަށް ފައިސާ. އެއަށް ހަދާ ގޮތެއް ނޭނގެ. އެކަމު ކުނި މެނޭޖު ކުރަން ކަންނޭނގެ. އެކަމު އެފައިސާ ނެގުމަށްފަހު އަޅުގަނޑުމެން ކުނި ކޮށްޓަށް ކުނި އެޅުމުންވެސް މި ކުރާ ކަމަކީ އެކުނި ކޮށީގައި ތިބޭ މީހުން އެ ކުނިތައް މޫދަށް އެޅުން،" އޭނާ ބުންޏެވެ.
ކުނިކޮށްޓަށް ގެންދާ ހުރިހާ ކުނިވާ ޒާތުގެ ކުނިތައް އަޅަނީ މޫދަށް ކަމަށް އޭނާ ބުންޏެވެ. އެހެން ހެދުމުގެ ސަބަބުން ކުނި އެޅި ކުދިން މޫދަށް އެރޭތަން ހަޑިވާ ކަށް އާބިދު ބުންޏެވެ.
އޭނާ ބުނިގޮތުގައި ރަށުގެ ރައްޔިތުން އިހުތިޖާޖު ކުރަމުން އަންނަތާ މިހާރު ދެވަރަކަށް ދުވަސް ވެއްޖެ އެވެ.
ވަގުތަށް މައުލޫމާތު ދެއްވަމުން ރަށު ކައުންސިލްގެ ނައިބު ރައީސް ޖަޒްލާން އާދަމް ވިދާޅުވީ ރަށުގެ ރައްޔިތުން ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް އެއީ ހުސް ދޮގު ކަމަށެވެ. އެހެން ނަމަވެސް މައްސަލައާ ބެހޭގޮތުން އިތުރުމައުލޫމާތެއް ދެވެން ނެތް ކަމަށާއި ސަބަބަކީ ސަލާމުގައި ހުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ