ސްޕެޝަލިސްޓު ޑޮކްޓަރަށް ދައްކަން ކިޔުގައި 580 ގައިދީން، 348 ގައިދީން ކިޔުގައި ތިބޭތާ 5 މަސް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި 580 ގައިދީއަކު، ސްޕެޝަލިސްޓު ޑޮކްޓަރަކަށް ދައްކަން އެދި މަޑުކޮށްގެން ތިބިއިރު، އޭގެ ތެރެއިން 348 މީހުން ޑޮކްޓަރަށް ނުދެއްކި ތިބޭތާ ފަސް މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗްއިން ބުނެފިއެވެ. ގައިދީންގެ ހައްގުތަކަށް މަސައްކަތް ކުރާ ޑިޓެއިނީ ވޮޗްއިން ކަރެކްޝަނަލް ސާވިސްއާ ހަވާލާދީ އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މެއި މަހުގެ 29ގެ ނިޔަލަށް، މާފުށީ ޖަލުގައި ތިބި ގައިދީންގެ ތެރެއިން 352 މީހުންނަކީ ބޮޑެތި ބަލިތައް ހުންނަ މީހުންނެވެ. އޭގެ ތެރެއިން އެންމެ ގިނައީ, ލޭގައި ސަރުބީ ގިނަވުމުން ދިމާވާ ޑިސްލިޕިޑީމިއާ ހުންނަ މީހުންނެވެ. އެ ބަލި ހުންނަ ގައިދީންގެ އަދަދު 100އާ ގާތް ކުރެއެވެ. https://x.com/hrdwmv/status/1941830078624940215 ދެން އެންމެ ގިނައީ ލޭމައްޗަށް ދިޔުމުގެ މައްސަލަ ހުންނަ މީހުންނެވެ. އެ ބަލި ހުންނަ މީހުންގެ އަދަދު 80އަށްވުރެ އިތުރެވެ. އަދި ހިތުގެ ބަލި ހުންނަ މީހުންގެ އަދަދު 40އަށްވުރެ އިތުރު ކަމަށް ދައްކާއިރު، އެއީ މާފުށީ ޖަލުގައި ތިބި ގައިދީންގެ ތެރެއިން ތިންވަނައަށް އެންމެ ގިނަ މީހުން ތަހައްމަލުކުރާ ބޮޑު ބައްޔެވެ. ރާއްޖޭގެ ޖަލުތަކުގެ ހާލަތު ހުރީ ބަލައިގަނެވޭ ފެންވަރަކަށް ނޫން ކަމަށް އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ. މިދިޔަ ސަރުކާރުން ދިން ދައުވަތަކަށް 2021ވަނަ އަހަރު އެ ޖަމިއްޔާއިން ރާއްޖެ އައިސް، ޖަލުތަކުގެ ހާލަތު ބެލިއެވެ. އެ ޖަމިއްޔާއިން އޭރު ބުނީ ޖަލުތަކުގެ ޖާގައިގެ ދަތިކަން އިންތިހާއަށް އޮތް ކަމަށާއި ބޭސް ފަރުވާ ހޯދުމާއި ކަސްރަތު ކުރުން ފަދަ އިންސާނީ ހައްގުތަކުން ގިނަ ގައިދީން މަހްރޫމްކޮށްފައިވާ ކަމަށެވެ. މި ފަހުން ކަރެކްޝަންސްއިން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި ޖަލުތަކުގައި ތިބި މީހުންގެ އަދަދު 1،300އަށް އަރެއެވެ. މަހެއްގެ މައްޗަށް އެއިން ކޮންމެ މީހަކަށް 21،000 ރުފިޔާއާ 30،000 ރުފިޔާއާ ދެމެދުގެ ޚަރަދެއް ކުރަންޖެހޭ ކަމަށް މި ސަރުކާރުގެ ހޯމް މިނިސްޓަރު އަލީ އިހުސާންވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ސަރުކާރުގެ ވިސްނުމަކީ ގައިދީންނަށް ކޮންސްޓްރަކްޝަން އަދި މެއިންޓެނެންސްފަދަ ހުނަރުތައް ދަސްކޮށްދީގެން، އެ މީހުން ލައްވައި މަސައްކަތް ކުރުވުމެވެ. އަދި ޖަލުތަކުގައި ތިބެ އެ ކުރާ މަސައްކަތަކަށް އުޖޫރައެއް ވެސް ދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ