ރާއްޖޭގެ މޮޅެތި ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުން ބޭރުގައި މަތީތައުލީމު ހާސިލު ކުރަނީ އެކަށީގެން ނުވާ ޔުނިވާސިޓީތަކުން ކަމަށް އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސަސް (އައިޖީއެސް) އިން ބުނެފި އެވެ.
އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އޮކްސްފޯޑް އަދި ޔުނިވާސިޓީ އޮފް ކެމްބްރިޖުގެ އެޑްމިޝަން އެކްސްޕާޓުންނާ ގުޅިގެން އައިޖީއެސް އިން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ސްކޮލާޝިޕް ލިބޭ ދަރިވަރުންނާއި ހައި އެޗީވާސް ދަރިވަރުން ހިމެނޭހެން ރާއްޖޭގައި ތިބި މޮޅެތި ގިނަ ދަރިވަރުން ކިޔަވަނީ އެކަށީގެން ނުވާ ޔުނިވާސިޓީތަކުންނެވެ.
އެ ދިރާސާގައި 2022 އަދި 2023 ގައި ސްކޮލާޝިޕް ލިބިގެން ކިޔަވަންފެށި ދަރިވަރުންގެ ނަތީޖާ އާއި އެކުދިން ކިޔަވާ ޔުނިވާސިޓީ އާއި ޔުނިވާސިޓީ ރޭންކިންގެ އިތުރުން އެލީޓް ޔުނިވާސިޓީތަކުން އެފަދަ ދަރިވަރުންނަށް ހުރި ފުރުސަތުތައް ބެލި އެވެ.
އައިޖީއެސް އިން ބުނީ ރައީސްގެ ސްކޮލާޝިޕް ލިބިގެން 2023 ގައި ކިޔަވަން ފެށި ދަރިވަރުންގެ ތެރެއިން ޔުނިވާސިޓީ ރޭންކިންގެ ގަދަ 10 ގައި ހިމެނޭ ޔުނިވާސިޓީއެއްގައި ކިޔަވަނީ އެންމެ ދަރިވަރެއް ކަމަށްވާއިރު، އެއީ ޕައިލެޓްކަން ކިޔަވާ ދަރިވަރެއް ކަމަށެވެ.
މީގެއިތުރުން ޔުނިވާސިޓީ ރޭންކިންގެ ގަދަ 10 އާއި ގަދަ 30 އާ ދެމެދުގެ ޔުނިވާސިޓީއެއްގައި މޮޅެތި ދަރިވަރުންގެ ތެރެއިން ކިޔަވަނީ އެންމެ ހަތަރު ދަރިވަރުން ކަމަށް ވެސް އައިޖީއެސް އިން ބުންޏެވެ.
ޔުނިވާސިޓީ ރޭންކިންގައި ގަދަ 100 ގައި ނުހިމެނޭ ޔުނިވާސިޓީތަކުން ހަތަރު ދަރިވަރަކު ތައުލީމު ހާސިލުކުރަމުންދާކަން ފާހަގަކޮށް އައިޖީއެސް އިން ބުނީ ބައެއް ދަރިވަރުން ކިޔަަވަނީވެ ސް އެކުދިންނާ އެކަށީގެންނުވާ ގައުމު ތަކުން ކަމަށެވެ.
ރައީސްގެ ސްކޮލާޝިޕް ލިބޭ ދަރިވަރުންގެ އިނގިރޭސިވިލާތް ނަގާފައި އެންމެ ގިނައިން ފޮނުވަނީ މެލޭޝިއާއަށެވެ. މެލޭޝިއާއަކީ ރާއްޖޭގެ އެންމެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރާ ގައުމެވެ.
"ހައި އެޗީވާސް އެވޯޑުގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އެއްވެސް ދަރިވަރަކު ރޭންކިންގައި ގަދަ ވިހީގައި ހިމެނޭ އެއްވެސް ޔުނިވާސިޓީއަކުން ނުކިޔަވާއިރު، ގަދަ ފަންސާހުގައި ހިމެނޭ ޔުނިވާސިޓީއަކުން ކިޔަވަނީ އެންމެ ހަތް ދަރިވަރުން،" ދިރާސާގައި ބުންޏެވެ.
ދިރާސާ އިން ދައްކާ ގޮތުގައި ހައި އެޗީވާސް އެވޯޑު ލިބުނު 39 ދަރިވަރުން ކިޔަވަނީ ގަދަ 100 ގައި ލައްވާނުލާ ޔުނިވާސިޓީތަކުންނެވެ. އޭގެ ތެރޭގައި ރޭންކިިންގައި ގަދަ 200 ނުހިމެނޭ ޔުނިވާސިޓީތަކުން ކިޔަވާ 11 ދަރިވަރަކާއި ޔުނިވާސިޓީ ރޭންކިންއަށް އަރާވަރަށްވުރެ ފެންވަރު ދަށް ދެ ތަނެއްގައި ކިޔަވާ ދަރިވަރުން ވެސް ހިމެނެ އެވެ.
އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ މިހާރުގެ ޓްރެންޑަށް ބަލާއިރު، ދަރިވަރުންނަށް ކޯޗުކޮށްދީ ސަރުކާރުގެ ޕޮލިސީ އަށް ވެސް ބައެއް ބަދަލުތައް ގެންނަން ޖެހެ އެވެ.
"ތިން އަހަރަށް ބެލިނަމަވެސް ފެންނަނީ ދާދި އެއްކަހަލަ ޕެޓާން އެއް. އެއީ އެންމެ މޮޅެތި ކުދިން ފެންވަރުދަށް ޔުނިވާސިޓީތަކުން ކިޔެވުމުގެ ސަގާފަތެއް އުފެދިފައި އޮތްކަން. މި ކަން ބަދަލު ކުރަން އޮކްސްބްރިޖް އެޑްމިޝަން އެކްސްޕާޓުންނާ ގުޅިގެން އަޅުގަނޑުމެން ވަރަށް އަވަހަށް ޕްރޮގްރާމެއް ތައާރަފް ކުރާނަން“ އޭނާ ވިދާޅުވި އެވެ.
ރިފްއަތު ވިދާޅުވީ ރާއްޖޭގެ އެންމެ މޮޅެތި ދަރިވަރުން ފެންވަރު މަތީ ޔުނިވާސިޓީތަކުން ކިޔެވުމަށް ބާރު އެޅުމުގެ ގޮތުން ސަރުކާރަށް ކުރެވޭނެ އެންމެ މުހިއްމު އެއްކަމަކީ ރާއްޖެއިން ބޭރުން ކިޔަވައިގެން އެއްވަނަ ހޯދާ ދަރިވަރުންނަށް އިނާމުދޭ އުސޫލު ބަދަލުކޮށް، ސްކޯލާޝިޕް ލިބޭ ދަރިވަރުން ވަކި ފެންވަރެއްގެ ޔުނިވާސިޓީތަކުން ކިޔަވަން ޝަރުތު ކުރުން ކަމަށެވެ.
ރާއްޖޭގެ މޮޅެތި ދަރިވަރުން ބޭރުގައި ކިޔަވަނީ ދަށް ޔުނިވާސިޓީތަކުގައި: އައިޖީއެސް ރާއްޖޭގެ މޮޅެތި ދަރިވަރުން ބޭރުގައި ކިޔަވަނީ ދަށް ޔުނިވާސިޓީތަކުގައި: އައިޖީއެސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ