ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި މައްޗަށްގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ވަގުތުން މިނިވަންކުރުމަށް ރައީސް މައުމޫން އަބްދުލްގައްޔޫމު ގޮވާލައްވައިފި އެވެ.
ރައީސް މައުމޫންގެ އޮފީހުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރުއްވި އަމުރުންވެސް އެނގިގެން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނަމުން ދިޔަ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަން ކަމަށެވެ. އެގޮތުން މެންބަރު ޝިނާން އާއި މެންބަރު އިލްހާމްގެ ގޮނޑިވެސް ނުގެއްލޭ ކަން އެ އަމުރުން ކަށަވަރުވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ މި ދެ ބޭފުޅުން ހައްޔަރުކުރަން ކުރިމިނަލް ކޯޓުން ނެރުނު އަމުރުވެސް ސުޕްރީމް ކޯޓުން ބާތިލްކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ދެ ބޭފުޅުން ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު އިއްޔެ ރާއްޖެ ވަޑައިގެންނެވި ވަގުތު ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުނެ ފުލުހުންގެ ބަޔަކު ވަނީ މި ދެ ބޭފުޅުން ހައްޔަރުކޮށްގެން ދޫނިދޫ އަށް ގެންގޮސް ބަންދު ކޮށްފައި ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މި ބަޔާނުގައި ބުނެފައިވަނީ މި ދެ ބޭފުޅުންނަކީ ވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރައްޔިތުންގެ މަޖިލީހުގެ 45 މެންބަރުންގެ ސޮޔާއެކު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅި މައްސަލާގައި ސޮއި ކުރައްވާފައިވާ ދެބޭފުޅުން ކަމަށެވެ. މިމައްސަލާގައި ސޮއިކުރެއްވި މެންބަރުންނަށް މިސަރުކާރުން މީގެ ކުރިންވެސް އެކި އެކި ތުހުމަތުކޮށް ޖަލުގައި ހައްޔަރު ކޮށްފައިވާ ކަމަށާ ނަމަވެސް މިއަދާ ހަމައަށް ވެސް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ މައްޗަށް ސަރުކާރުން ތުހުމަތު ކުރާ އެއްވެސް މައްސަލައެއް ސާބިތު ކުރެވިފައި ނުވާ ކަމަށްވެސް ބަޔާނުގައިވެ އެވެ. އެގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި މަޖިލީހުގެ އެންމެހާ މެންބަރުން އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އެއިން އެއްވެސް މެންބަރަކަށް ރިޝްވަތު ހުށަހަޅުއްވާފައި ނުވާ ކަމަށާއި، އެ މެންބަރުން އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރައްވާފައިވަނީ އެ މެންބަރުންގެ އަމިއްލަ އިހްތިޔާރުގައި އެއްވެސް ނުފޫޒެއް ނެތި ކަމުގައި ކަމަށްވެސް ބަޔާނުގައިވެ އެވެ.
ނަމަވެސް މިސަރުކާރުގެ އަމާޒަކަށް ވެފައި ވަނީ މި މައްސަލައިގައި ސޮއިކުރެއްވި މަޖިލީހުގެ މެންބަރުންނަށް ހަގީގަތާ ހިލާފު ތުހުމަތުތައްކޮށް، މެންބަރުންނަށް ޣައިރު ގާނޫނީ ހުކުމެއް ކުރުން ކަމަށްވެސް މިބަޔާނުގައި ބުނެފައިވެ އެވެ. އެކަމަކު މިއަދާ ހަމައަށްވެސް މިސަރުކާރަށް އެކަން ކާމިޔާބު ވެފައި ނުވާ ކަމަށްވެސް ފާހަގަކުރައްވާފައިވެ އެވެ. އެގޮތުން މެންބަރު ޝިނާން އާއި މެންބަރު އިލްހާމް ވެސް މިހާރު ބަންދު ކޮށްފައި އެވަނީ ސިޔާސީ ސަބަބަކަށްޓަކައި މިސަރުކާރުން ސިޔާސީ މަންފާއެއް ހާސިލުކުރުމުގެ ބޭނުމުގައި ކަމަށްވެސް މިބަޔާނުގައިވެ އެވެ. ވީމާ ސަރުކާރުގެ ޣައިރު ގާނޫނީ މިއަމަލު އެންމެ ހަރުކާށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި އަދި މިހިނދުން މިހިނދަށް މި ދެ ބޭފުޅުން ބަންދުން މިނިވަންކޮށް ވަގުތުން ދޫކޮށްލުމަށް ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރަށް ގޮވާލާ ކަމަށްވެސް މިބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.
މެންބަރު އިލްހާމާއި ސިނާން ވަގުތުން މިނިވަންކުރުމަށް މައުމޫން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ