ރާއްޖޭގައި އިސްލާމް ދީނަށް އޮތް އެންމެ ބޮޑު ގެއްލުމަކީ ލާދީނީ ޝެއިޚުން:ފައްޔާޒު

ރާއްޖޭގައި އިސްލާމްދީނަށް އޮތް އެންމެ ބޮޑު ގެއްލުމަކީ ލާދީނީ ޝެއިޚުންގެ ސިޔާސީ ޢަމަލްތައް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ހޮނިހިރު ދުވަހުގެ ރޭ ފައްޔާޒް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެމްޑީޕީގެ ބޮލުގައި ލާދީނީ ޓެގް އަޅުވައިގެން އޭރުގެ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރިނަމަވެސް، ދީނީ ކަންކަން ކުރުމަށާއި އިސްލާމްދީން ކުރިއެރުވުމުގެ ހުރިހާ ބާރަކާއި ފުރިހަމަ މިނިވަންކަން އޭރުގެ އިސްލާމިކް މިނިސްޓްރީއަށް ހަވާލުކޮށްފައި އޮތްކަން ވިސްނާ ފިކުރުކުރާ މީހަކަށް އެނގޭނެ ކަމަށެވެ. 
ފައްޔާޒް ވިދާޅުވީ އޭރު އެމްޑީޕީ ސަރުކާރަށް ސިޔާސީ ގޮތުން ލިބުނު ގެއްލުމަކީ ސިޔާސީ ހަތިޔާރަކަށް ދީން ނުހެދުން ކަމަށާއި އިސްލާމް ދީން ހަތިޔާރަކަށް ހަދައިގެން ސިޔާސީ މަންފާއެއް ނުހޯއްދެވުމުން ރައީސް ނަޝީދުގެ ސަރުކާރަށް ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައި އޮވެދާނެ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ދީން ހިމާޔަތް ކުރާ ފަހުލަވާނުންނޭ ކިޔައިގެން ނުކުންނަ މީހުން، މީހުން ރޭޕްކޮށް، މީހުންގެ މުދާ ފޭރި ޤާނޫނު އަސާސީ މުގުރާލައި އަދު އިންސާފް ޤާއިމް ނުކުރުމުގެ ސަބަބުން ހުރިހައި ގެއްލުމެއް ލިބެނީ އިސްލާމް ދީނަށް ކަމަށެވެ. އަދި ދީނާމެދު ޒުވާނުންނަށް ސުވާލު އުފެދޭ ދަރަޖައަށް ކަންކަން ވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 
"ދައްކާ ވާހަކައާއި ޢަމަލާ ދިމާ ނުވީމާ ހުރިހާ ގެއްލުމެއް ލިބެނީ އިސްލާމް ދީނަށް. ދީން ހިމާޔަތްކުރަން ތިބި ދީނީ ލީޑަރުންނާއި، ދީން އައްޑަނައަކަށް ނަގައިގެންތިބި ސިޔާސީ ލީޑަރުން ކަންކަން ކުރާ ގޮތުން ބޮޑުވަމުން އަންނަ ކުދިންނަށް ދީން ފެންނަނީ އިސްލާމް ދީނަކީ ވެރިން ބޭނުން ގޮތަކަށް އެވެރިންގެ މަންފާއަށް ބޭނުންކޮށްލަން އޮންނަ އެއްޗެކޭ. އިސްލާމްދީނަށް ދިވެހިރާއްޖޭގައި މިއަދު އޮތް އެންމެބޮޑު ނުރައްކަލަކީ އަޅުގަނޑުމެންގެ ދީނީ ލީޑަރުންނޭ ކިޔައިގެން ތިއްބެވި ބޭފުޅުން އަނިޔާވެރިކަމަށް ތާއީދު ކުރައްވައި ދިފާއު ކުރައްވައި ނުވަތަ އެއަށް އަނގައި ނުބުނެ މަޑުން ތިއްބަވާ ތިއްބެވުން. އަޅުގަނޑުމެންގެ ޅަ ދަރިންގެ އީމާންތެރިކަމަށް އޮތް ބޮޑު ބިރުވެރިކަމަކީ އެތިބި "ލާދީނީ ޝެއިޚުން" އެބޭފުޅުންގެ އެއްވެސް އިންޓްރެސްޓެއް ނެތް ދީން ހިމާޔަތް ކުރާކަށް. އެބޭފުޅުންގެ އިންޓްރެސްޓް ހުރީ ސިޔާސީ ގޮތުން އެބޭފުޅުންނަށް ބާރު ހޯދުނު ގޮތަކުން އެކަމެއް ކުރުން،" ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ޝެއިޚަކަށް ހުންނަ ބޭފުޅަކު ވަގަށް ކޯޓާ ވިއްކުމާއި ފާޙިޝް ޢަމަލްތައް ކުރުން ފަދަ ކަންކަން ކުރުމުން އެކަން އަންނަނީ ހަމައެކަނި ޝެއިޚާ ދިމާލަށް ނޫން ކަމަށާއި އިސްލާމް ދީނަށް ކަމަށެވެ. އެފަދަ ކަންކަން ކުރާ ޝެއިޚުންނަށް އެފަދަ ޢަމަލްތައް ހިންގާ އާދައިގެ މީހުންނަށް ލިބޭ އަދަބަށްވުރެ ބޮޑު އަދަބެއް ދޭންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 
"އިސްލާމް ދީނަށް ޓަކައިވެސް، އެފަދަ ކަމެއް ކުރާ މީހަކު ވަގުތުން ސަސްޕެންޑް ކުރަން ޖެހޭ. އަދި އެކަމެއް ސާބިތު ވެއްޖިއްޔާ އާއްމު މީހަކަށް ލިބޭ އަދަބަށްވުރެ ބޮޑު އަދަބެއް ލިބެން ޖެހޭނެ." ފައްޔާޒް ވިދާޅުވިއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ